ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލެ ފޭސް ދޭއްގައި ކުރިއަށް ގެންދިޔަ ހިޔާ މަޝްރޫއު ހަވާލުކޮށްފައި ވަނީ އެންމެ ބޮޑު އަގު ހުށަހަޅާފައިވާ ކުންފުންޏަށް ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ، ހިޔާ ފްލެޓްތަކުގެ ޔުނިޓަކީ 62،000 ޑޮލަރު ކަމަށެވެ. ފަސް ފަރާތަކުން ޕްރޮޕޯސަލް ހުށަހެޅިއިރު، އެއަށްވުރެ މާ ކުޑަ އަގު އެހެން ފަރާތްތަކުން ހުށަހަޅާފައިވާ ކަމަށެވެ.

ހިޔާ މަޝްރޫއު ހިންގި ކުންފުންޏާއި ޖެހިގެން ދެން އެންމެ ބޮޑު އަގު ހުށަހެޅި ކުންފުނި ވެސް އެ ކުންފުންޏަށްވުރެ 10،000 ޑޮލަރު ކުޑަ ކަމަށާއި ދެން ތިބި ފަރާތްތަކުން ހުށަހަޅާފައި ވަނީ ޔުނިޓަކަށް 50،000 އާއި 52،000 ޑޮލަރާ ދެމެދުގެ އަދެދެއް ކަމަށް މަބްރޫކް ވިދާޅުވި އެވެ.

"ތަށިމުށި ޖެހުމާއި ދޮރެއް ހަރުކުރުމެއް ނެތް. ކިޗަން ކެބިނެޓް ހެދުމެއް ނުހުމެނޭ. ކުލަ ލުމެއް ފަންކާ އަދި ބޮކި ހަރުކުރުމެއް ނުހިމެނޭ. ހިމެނެނީ ކަރަންޓު ވައިރުކުރުމާއި ފެން ސަޕްލައިކުރުން. އެއް ސްކޯޕެއްގަ ހުރިހާ ފަރާތްތަކުން ވެސް ޕްރޮޕޯސަލް ހުށަހަޅާފަ އޮތީ. އަޅުގަނޑަކަށް ނޭންގެ ކުރީ ސަރުކާރުން ކޮން ގޮތަކަށް ވިސްނާފަ ކަމެއް އެންމެ އަގުބޮޑު ކުންފުންޏަށް ޕްރޮޖެކްޓް އެޕޯޑްކުރީއެއް،" މަބްރޫކް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ މިއީ މި ސަރުކާރުން އަޅާ ތިން ކޮޓަރީގެ ފްލެޓްތަކާ އެއްވަރުގެ އަދަދެއް ކަމަށެވެ. އެގޮތުން މި ސަރުކާރުން އަޅާ 750 އަކަފޫޓުގެ ތިން ކޮޓަރީގެ ފްލެޓްތަކުގެ އަގަކީ 62،000 ޑޮލަރާއި 66،000 ޑޮލަރާއި ދެމެދުގެ އަގެއް ކަމަށެވެ.

މި ސަރުކާރުން ހިންގާ އެންމެ ކުދި ފްލެޓްތަކުގައި 650 އަނކަފޫޓު ހުންނާނެ ކަމަށާއި އެ ތަންތަނުގެ އަގު އުޅޭނީ ޔުނިޓެއް 45،000 ޑޮލަރާއި 47،000 ޑޮލަރާ ދެމެދުގެ އަގެއްގައި ކަމަށް މިއަދު މަބްރޫކް ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ މިއީ ހިޔާ ފްލެޓްތަކަށްވުރެ ބޮޑު ޔުނިޓްތަކެއް ކަމަށާއި އެ އަގަކީ ތަންތަނުގައި ޓައިލްސް ޖަހައި، ކުލަލައި، ދޮރުތައް ހަރުކޮށް އަދި ފަންކާ އާއި ބޮކިތައް ހަރުކުރުމުން އަރާ އަދަދު ކަމަށެވެ.

މަބްރޫކް ވިދާޅުވި ގޮތުގައި ހިޔާ ފްލެޓްތަކަކީ ތިން ކޮޓަރީގެ ޔުނިޓްތަކެއް ހަދަންދާ އަގަށްވުރެ ކުޑަ އަދި ފިނިޝިން ވެސް ނުނިންމާ ހިންގާފައި އޮތް ޕްރޮޖެކްޓެއް ކަމަށެވެ.

މިދިޔަ ސަރުކާރުން ހިޔާ ފްލެޓަކަށް މަހަކު ދައްކަން ކަނޑައަޅާފައިވަނީ 5،500 ރުފިޔާ އެވެ. ނަމަވެސް މިސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު ވަނީ އެއީ ފްލެޓް ދޫކޮށްލެވޭނެ އަގެއް ނޫން ކަމަށް ބުނެ 7،500 ރުފިޔާ އަށް ފްލެޓްތަކުގެ މަހު ފީ ބޮޑުކޮށްފަ އެވެ.