ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް، ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށަހެޅުއްވި ބިލަށް އާއްމުންގެ ހިޔާލު ހޯދަންވަނީ އާއްމުން ރައްޔިތުންގެ މަޖިލީހަށް ގެންގޮސްގެން ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

އަލީ ހުސެއިން ވިދާޅުވީ، އާންމު ތަނެއްގައި މީހަކު އިސްލާމް ދީނާ ހިލާފު ކަމެއް ކަމަށް ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅާ ގޮތަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލް ދިރާސާ ކުރާ އިރު، މަޝްވަރާ ބައްދަލުވުންތައް އޮންލައިންކޮށް ކުރިއަށް ގެންދިއުން ރަނގަޅު ނޫން ކަމަށެވެ.

ހިސާން ހުށަހެޅުުއްވި އެ ބިލަކީ "ލާދީނިއްޔަތު" ފެތުރުމުގެ މަގްސަދުގައި ހުށަހެޅި ބިލެއް ކަމުގައި ދެކި އާންމުންގެ ގިނަ ބަޔަކާއިި ދީނީ އިލްމުވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ބިލު ދިރާސާކުރާ ކޮމިޓީގައި ހުންނަވާ އަލީ ހުސެއިން ވިދާޅުވީ، ބިލުގެ ދިރާސާ ކުރުމުގެ މަރުހަލާ ޖުޑިޝަރީ ކޮމިޓީން ގެންދަނީ އަވަސް އަރުވާލައިގެން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ބިލުގެ ދިރާސާ ނިންމަން ކޮމިޓީން ކަނޑައެޅި މުއްދަތު ވެސް ވަރަށް ކުރެވެ.

ކޮމިޓީން މިހާރު ވަނީ އަންގާރަ ދުވަހުގެ ނިޔަލަށް އިސްލާމިކް މިނިސްޓްރީއާއި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި، ހިއުމަން ރައިޓްސް ކޮމިޝަނުން ލަފާ ފޮނުވަން އަންގައިފައެވެ. އަދި ލިޔުމުންނާއި މެއިލް މެދުވެރިކޮށް ޚިޔާލު ހުށަހަޅަން އާންމުކޮށް ވަނީ ހުޅުވާލައިފަ އެވެ

ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖޭޕީއާއި އަދާލަތު ޕާޓީން ހިސާންގެ ބިލާ ދެކޮޅު އިރު، ޕީޕީއެމާއި ޕީއެންސީން ވެސް ބިލާ ދެކޮޅެވެ. އަދި މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މަދު މެންބަރުންތަކެއް ވެސް ބިލާ ދެކޮޅެވެ. މީގެ އިތުރުން އިސްލާމީ ފަތުވާދޭ އެންމެ މަތީ ކޮމިޓީން ވެސް ވަނީ އެ ބިލާ ދެކޮޅަށް ވާހަކަ ދައްކައިފަ އެވެ.

ބިލާ ގުޅޭ ގޮތުން އަމާޒުވާ ފާޑުކިއުންތަކަށް ރައްދު ދެއްވަމުން ހިސާން ވިދާޅުވެފައިވަނީ ބިލު އޮތީ އިސްލާމީ ޝަރީއަތާ އެއްގޮތަށް ކަމަށެވެ.