ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތަށް މިހާތަނަށް ހޭދަކުރި ޖުމްލަ އަދަދު 1.2 ބިލިއަން ރުފިޔާ އަށް އަރައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ކޮވިޑް-19 ގެ ހަރަދުތަކުގެ ތަފްސީލްތަކުގައިވާ ގޮތުން، މި މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް، ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތަށް ވަނީ ޖުމްލަ 1287.7 މިލިއަން ރުފިޔާ ހަރަދުވެފަ އެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން އެންމެ ގިނަ ފައިސާ ހަރަދުވެފައިވަނީ ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އަށެވެ. އެއީ ޖުމުލަ 862.2 މިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ހިނގާފައި ވަނީ އިކުއިޕްމަންޓް ގަތުމަށް ކުރި ޚަރަދަށެވެ. އެއީ 112.5 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން އޮޕަރޭޝަނަލް ޚިދުމަތްތަކަށް 105.3 މިލިއަން ރުފިޔާ ޚަރަދުވިއިރު، މުވައްޒަފުންގެ އެލަވަންސް އަށް 33.5 މިލިއަންރުފިޔާ ޚަރަދުކޮށްފައިވެ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ހަރަދުވި ޖުމުލަ ފައިސާގެ 48 ޕަސެންޓް ހަރަދުވެފައި ވަނީ ސިއްހީ ދާއިރާއަށާއި އަދި ބިލްތަކަށް ފައިސާ ދެއްކުމާއި އިޖުތިމާއީ ދާއިރާތަކަށް ކަމަށެވެ.
މިހާތަނަށް ހަރަދުކުރެވިފައިވާ ބައެއް ދާއިރާތައް:
- ޑިޒާޒްޓާ މެނޭޖުމަންޓް އޮތޯރިޓީގެ ބަޖެޓުން: 778.1 މިލިއަން ރުފިޔާ
- ޑިޒާސްޓާ މެނޭޖްމަންޓް ފަންޑް:84.1 މިލިއަން ރުފިޔާ
- ހެލްތު މިނިސްޓްރީގެ ބަޖެޓުން: 200.4 މިލިއަން ރުފިޔާ
- އެމްއެންޑީއެފްގެ ބަޖެޓުން: 40.5 މިލިއަން ރުފިޔާ އައިޖީއެމްއެޗްގެ ބަޖެޓުން: 74.0 މިލިއަން ރުފިޔާ
ފިނޭންސް މިނިސްޓްރީން އަންނަނީ ކޮވިޑަށް ކުރާ ޚަރަދުތައް ކޮންމެ ހަފްތާއަކު ތަފްޞީލް އާއްމުކުރަމުންނެވެ.