ކޮވިޑް-19 ޖެހިގެން މަރުވި ފާތިމަތު މިޝްކާއަށް ފަރުވާ ފޯރުކޮށްދިނުމުގެ ހުރިހާ މަރުހަލާއެއްގައި ވެސް އެކަށީގެންނުވާ މިންވަރަށް ލަސްވުންތަކެއް އުޅޭ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.

އުމުރުން 10 އަހަރުގެ މިޝްކާގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށްފަހު ހެލްތު މިނިސްޓްރީން ނެރުނު ރިޕޯޓުގައި ބުނީ، އެ ހާދިސާ ހިނގުމުގައި ބޮޑެތި އިހުމާލުތަކެއް ހުރި ކަމަށެވެ. އޭގެތެރޭގައި، ކޯލް ސެންޓަރުގެ ފަރުވާ ކުޑަކަމާއި މިޝްކާއަށް ފަރުވާ ފޯރުކޮށްދިނުމުގެ ޒިންމާ ޑީއެމްއާރުޓީގެ ޑޮކްޓަރު އަދާކޮށްފައި ނުވާ ކަމަށް ވެސް ވެ އެވެ. މީގެ އިތުރުން މިޝްކާގެ ހާލު ގޯސްވުމުން ތަކުރާރުކޮށް އާއިލާ އިން ގުޅަމުން ވެސް އެޗްއީއޯސީން އަޅާނުލިކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

ޑީއެމްއާރުޓީން އޮންލައިން ކޮންސަލްޓޭޝަން ހެދުމުގައި ބެއްލެވި ޑޮކްޓަރުން ވެސް މިޝްކާގެ ހާލަތު އެންމެ ރަނގަޅަށް ބަލާފައި ނުވެ އެވެ. މިޝްކާ ބަލައި ފޮނުވާނެ ކަމަށް ކޯލް ސެންޓަރުން ދިން ޔަގީންކަމަށް ބެލެނިވެރިން އިތުބާރު ކުރި ކަމަށާއި ނަމަވެސް ދެ ގަޑިއިރާއި 26 މިނެޓް ވި އިރު ވެސް އެމްބިއުލަންސް ޓްރިގާ ނުކުރާކަމަށް ރިޕޯޓުގައި ބުންޏެވެ.

"އެޗްއީއޯސީގެ ކޯލް ސެންޓަރުންް ކޯލްތަކަށް ޖަވާބުދެއްވި ފަރާތްތަކުން ކުއްޖާގެ ހާލަތުގެ ސީރިއަސްކަމާއި ހާލަތަށް އަދި ބަދަލު ދެނެގަނެވިފައި ނެތް ކަމާއި އަދި އެ މައުލޫމާތު ފުރިހަމައަށް ލޮގްކޮށް ހުރިހާ ކޯލްތައް ހިއްސާކުރަން ހަމަޖެހިފައިވާ ގޮތަށް ހިއްސާކޮށްފައެއް ނުވެ އެވެ،" ރިޕޯޓުގައިވެ އެވެ.

ހެލްތް މިނިސްޓްރީން ބުނީ، އިހުމާލުވި ހުރިހާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށެވެ. ނަމަވެސް ނަމަވެސް އިހުމާލުވެފައިވަނީ ސީދާ ކޮން ބައެއް ކަމުގެ ތަފްސީލު ރިޕޯޓުގައި ދީފައެއް ނުވެ އެވެ. އެ ރިޕޯޓް ނެރުނީ 28 މީހަކާ އިންޓަވިއުކުރުމުގެ އިތުރަށް ގިނަ ލިއުންތަކެއް ބަލައި ދިރާސާކުރުމަަށް ފަހު އެވެ. އިންޓަވިއު ކުރި މީހުންގެ ތެރޭގައި ކްލަސްޓާތަކާ ހަވާލުވެ ތިއްބެވި ފަރާތްތަކާއި މިޝްކާގެ ބެލެނިވެރިޔާ ވެސް ހިމެނެ އެވެ.

އެޓެންޑެޑް ޖެހި ޑޮކްޓަރުގެ މައްސަލަ ހެލްތު މިނިސްޓްރީން މީގެ ކުރިން ނެރުނު ރިޕޯޓުގައި، ޑީއެމްއާރުޓީގެ ޑޮކްޓަރަކު މިޝްކާގެ ބެލެނިވެރިންނަށް ގުޅި ގަޑީގައި، ފޯނަށް ޖަވާބު ނުދެވުން ވާހަކަ އޮތެވެ. އެ ރިޕޯޓުގައި އޮތް ގޮތުގައި، ޑޮކްޓަރު "އެޓެންޑެޑް" ޖަހައި ނިންމާލީ އެވެ. މިއަދުގެ ނެރުނު ރިޕޯޓުގައި އެއީ ވަރަށް ބޮޑު އިހުމާލެއް ކަމަށް އޮތީ ބުނެފަ އެވެ.

"21:06 ގައި، ކުއްޖާގެ ބެލެނިވެރިޔާ ފޯނުން ގުޅުމަށް ފަހު ކުއްޖާ ތަންކޮޅެއް ގޯސްވާހެން ހީވާކަމަށް ބުނެ ކޮންސަލްޓޭޝަނަކަށް ރިކުއެސްޓްކުރުމުން 21:53 ގައި ޑީއެމްއާރުޓީގެ ޑޮކްޓަރު ވަނީ ކުއްޖާގެ ބެލެނިވެރިޔާ އަށް ގުޅާފައި ކަން. އެހެން ނަމަވެސް އެ ފަހަރު ކޯލް މިސްވުމުން ސިމްޕްޓޮމެޓިކް ޓިކެޓްސް (އެމްއެމްއާރުސީ) ޝީޓުގައި ނޮޓް ރެސްޕޯންޑިން އަދި އެޓެންޑަޑް ކޮލަމްގައި އެކަން ފާހަގަކޮށްފައިވާ ކަން،" ރިޕޯޓުގައިވެ އެވެ.

ރިޕޯޓުގައި ބުނީ، މިޝްކާގެ ކޭސް އެމަޖެންސޫ ކޭސްއެއްގެ ގޮތުގައި ބަލާފައި ނުވާ ކަމަށެވެ.އެމްބިއުލަންސް ނުފޮނުވި ލަސްވި ސަބަބެއް ނުވަތަ އެކަމުގެ ޒިންމާ ކޯލް ސެންޓަރުން ނަގައިފައެއް ނުވާ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ. ރިޕޯޓުުގައި، ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު ހިނގަމުންދާ ގޮތުގެ ބޮޑެތި މައްސަލަތަކެއް ވެސް ފާހަގަކޮށްފައިވެ އެވެ. މިކަންކަން ހައްލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމުގެ ޔަގީންކަން ވެސް ރިޕޯޓުގައި ދީފައިވެ އެވެ.