ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިހެން ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދާ ޕާލިމެންޓްރީ އިންކުއައިރީއަށް ޑިފެން މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ހާޒިރުކުރަން ނިންމައިފި އެވެ.

ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުން ބަލަމުންދަނީ އެކަން ހިނގައިދިޔަ ގޮތާއި، އެކަމުގައި އިހުމާލުތަކެއްވެފައިވޭތޯ އާއި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުންނެވެ. މާރިޔާ މާދަމާ ކޮމިޓީއަށް ހާޒިރުކުރަން ނިންމާފައިވާކަން އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރަކު ވަނީ "ހުރިިހާ"އަށް ކަށަވަރުކޮށް ދެއްވާފަ އެވެ.

މާދަމާ މާރިޔާ އިންކުއައިރީއަށް ހާޒިރުވާއިރު، އެ އިންކުއައިރީ ކުރިއަށް ގެންދާ 241 ކޮމިޓީގައި މާރިޔާއާ މެދުބައެއް މެންބަރުންގެ ނުތަނަވަސްކަން ބޮޑެވެ. އެގޮތުން، ނަޝީދަށް ހަމަލާއެއް އަމާޒުކުރަން އުޅޭ ކަމުގެ މައުލޫމާތު މާރިޔާއަށް ލިބި، އެކަމުގައި އެކަށީގެންވާ ފިޔަވަޅުތައް އަޅާފައިނުވާ ކަމުގެ ތުހުމަތު މާރިޔާއަށް ވަނީ އަމާޒުވެފަ އެވެ.

މީގެ އިތުރުން ވަކިވަކި ސިފައިން އިންކުއަރީއަށް ހާޒިރުކުރުމާ ދެކޮޅަށް މާރިޔާ ވާހަކަ ދެއްކެވުމުން ވެސް މައްސަލަ އިތުރަށް ގޯސްވެގެން ދިޔަ އެވެ. މާރިޔާ ވަނީ މަޖިލީހުގެ އިންކުއަރީއަށް މަރުހަބާ ވިދާޅުވެ، އެކަމަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށް މީގެ ކުރިން ވިދާޅުވެފަ އެވެ. .