ކޮވިޑް-19 އާ ދެކޮޅަށް ބޭނުންކުރަން ސިންގަޕޫރުން ތައްޔާރުކުރި އެސްޓްރާ ޒެނެކާ ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ދީފި އެވެ.

އެސްޓްރާ ޒެނެކާ ވެކްސިނަކީ ކޮވިޑާ ދެކޮޅަށް ރާއްޖޭގައި ބޭނުންކުރަން ހުއްދަ ދިން ހަތަރު ވަނަ ވެކްސިނެވެ. މީގެ ކުރިން ހުއްދަ ދީފައި ވަނީ،އިންޑިއާގެ ކޮވިޝީލްޑް، ޗައިނާގެ ސިނޯފާމް އަދި އެމެރިކާގެ ފައިޒާ އާއި ރަޝިއާގެ ސްޕަޓްނިކް އަށެވެ.

ރައީސް އިބްރާހީީމް މުހައްމަދު ސޯލިހު މީގެ ކުރިން ވިދާޅުވެފައި ވަނީ އެސްޓްރާ ޒެނެކާ ވެކްސިން އަަންނަ މަހު ރާއްޖެއަށް ލިބޭނެ ކަމަށެވެ.

މިއަދު އެމްއެފްޑީއޭން ބުނި ގޮތުގައި، ވެކްސިނަށް ހުއްދަ ދީފައިވަނީ ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު އެވެ. އެ ވެކްސިން ބޭނުން ކުރަން ހުއްދަ ދިނީ މިހާރު އޮތް ހާލަތަށް ބަލައި "ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޓްއޭޝަން" ނުވަތަ ކުއްލި ހާލަތުގައި ބޭނުންކުރާށެވެ.

އެ ވެކްސިން ކުއްލި ހާލަތުގައި ބޭނުން ކުރަން ޑަބްލިޔުއެޗްއޯއިން ހުއްދަ ކުރުމާ އެކު 115 ގައުމެއްގައި ބޭނުން ކުރަން ވަނީ ފަށައިފަ އެވެ. އޭގެ ތެރޭގައި އެމެރިކާ އާއި ޔޫކޭ އާއި ކެނެޑާ ހިމެނެ އެވެ. ރާއްޖޭގައި އެންމެ އާއްމުކޮށް ދެމުން އައި ކޮވިޝީލްޑް ވެކްސިން މަދުވުމުން ސަރުކާރުން އަންނަނީ އިތުރު ވެކްސިން ހޯދަން މަސައްކަތް ކުރަމުންނެވެ. އެގޮތުން އެންމެ ފަހުން އޯޑަރުކޮށްފައި ވަނީ ސްޕަޓްނިކްގެ 200،000 ޑޯޒަށެވެ.