މުސްލިމަކާ ދިމާލަށް އެމީހަކީ ހަރުކަށީ ފިކުރުގެ މީހެކޭ ބުނެވޭނަމަ، އަނެކާއާ ދިމާލަށް ތިއީ އިސްލާމްދީނާ ދެކޮޅު މީހެކޭ ނުބުނެވޭންވީ ސަބަބެއް ނެތް ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ތުޅާދޫ ދާއިރާގެ މަޖިލިސް މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި އެ ބިލުގެ އެއް ވަނަ ނަމްބަރުގައިވާ ގޮތުން، އެ ބިލް ގާނޫނަކަށް ވުމުން، ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ މީހެއް ކަމަށް ނުވަތަ ދީނާ ދެކޮޅު މީހެއް ކަމަށް އާއްމު ތަނެއްގައި ބުނުން ވާނީ ޖަލު ހުކުމެއް އަންނާނެ ކުށަކަށެވެ. އެ މާއްދާ އެހެން އޮންނާތީ ބައެއް ދީނީ އިލްމުވެރިންނާއި އާއްމުން ވެސް ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެކަމާ ކަންބޮޑުވުން ފާޅުކުރާ ފަރާތްތަކުން ދެކޭ ގޮތުގައި އެއީ ރާއްޖޭގައި ފާޅުގައި އިސްލާމްދީނާ ދެކޮޅަށް ވާހަކަ ދައްކާ މީހުންނަށް ލިބިގެންދާނެ ބޮޑު މިނިވަންކަމަކަށް ވާނެ އެވެ.

އެހެންވެ، އެ ބިލް އަނބުރާ ނެގުމަށް ގޮވާލައި 101 އިލްމުވެރިޔަކު ސޮއިކޮށް މިދިޔަ ހަފުތާގައި ރައީސަށް ޕެޓިޝަނެއް ފޮނުވާފައިވެ އެވެ.

އިލްމުވެރިންގެ ގުޅުމުން ބުނެފައި ވަނީީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ނަފްރަތުގެ ބިލުގެ ސަބަބުން، އިސްލާމް ދީނާ ދެކޮޅަށް ހިންގާ ބޮޑެތި މުންކަރާތްތަކަކީ ނުރަނގަޅު ގޯސް ކަންތައްތައް ކަމާއި އެ ކަންކަމުގެ ތެރެއަށް ނުވަނުމަށް ގޮވާލައި އާއްމުން ހޭލުންތެރި ކުރުމަށް ދީނީ އިލްމުވެރިންނާއި އެ ނޫން އާއްމު ރައްޔިތުންނަށް އެއްކޮށް ހުރަސްއެޅި ބަންދުވެގެން ދާނެކަމަށެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ނަފްރަތުގެ ބިލާ ދެކޮޅަށް ގިނަ އިލްމުވެރިންނާއި އާންމު ރައްޔިތުންވެސް ވަނީ ހިޔާލު ފާޅުކޮށްފައެވެ.

ހިސާން ހުށަހެޅުއްވި އެ ބިލަަށް ފެށުނީއްސުރެ ދެކޮޅު ހައްދަވާ އަލީ ހުސެއިން މިއަދު ވިދާޅުވީ، މުސްލިމަކާ ދިމާލަށް ހަރުކަށި ފިކުރުގެ މީހެކޭ، އެކްސްޓްރީމިސްޓެކޭ، އަދި ޓެރެރިސްޓެކޭ ބުނެވޭނަމަ އަނެކާއާ ދިމާލަށް ތިޔައީ އިސްލާމްދީނާއި ދެކޮޅު މީހެކޭ، ނުވަތަ އިސްލާމްދީނާއި ހިލާފަށް އަމަލުކުރާ މީހެކޭ ނުބުނެވޭންވީ ސަބަބެއް ނެތް ކަމަށެވެ.

އޭނާ ވިދާޅުވީ، ދައުލަތުގެ ދީނަކީއިސްލާމްދީން ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައި ވާއިރު އެހެން ގާނޫނެއްގައި މީހަކާ ދިމާލައް އޭނާއަކީ އިސްލާމްދީނާއި ދެކޮޅު މީހެކޭ ބުނުމަކީ ކުށަކަށް ހެދުމަކީ ދެކޮޅުޖެހޭ ކަމެއް ނޫން ކަމަށެވެ.