ކުރީގެ ރައީސް، ރައްޔިތުުން މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ޓެރަރިސްޓް ހަމަލާއިން އެމަނިކުފާނުގެ ހަށިކޮޅަށް ލިބިވަޑައިގެންނެވި ޒަހަމްތަކަށް ފަރުވާ ދެއްވުމުގައި އުޅުއްވި އޭޑީކޭ ހޮސްޕިޓަލްގެ ޑޮކްޓަރުން މަޖިލީހުގައި އިންކުއަރީއަށް ހާޒިރު ކުރަން ނިންމައިފި އެވެ.

ޓެރަރިސްޓް ހަމަލާގެ އިންކުއަރީ ކުރިއަށްގެންދާ ސަލާމަތީ ހިދުމަތުގެ ކޮމިޓީ ނުވަތަ 241 ކޮމިޓީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެެއްގައި އެ ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވީ ނަޝީދަށް ފަރުވާ ދިން އޭޑީކޭގެ ޑޮކްޓަރުން މި ހަފުތާ ތެރޭގައި އިންކުއަރީއަށް ހާޒިރު ކުރެވޭނެ ކަމަށެވެ. އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

އަސްލަމް ވިދާޅުވީ، 241 ކޮމިޓީން މަސައްކަތްކުރީ މިއަދުގެ ނިޔަލަށް އިންކުއަރީގެ ރިޕޯޓު ނިންމަން ކަމަށާއި ނަމަވެސް އެކަން ނުކުރެވި ލަސްވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ އަންނަ ހަފްތާގައި އިންކުއަރީގެ ރިޕޯޓު އާއްމު ކުރައްވާނެ ކަމަށާއި، މިހާރު ރިޕޯޓުގެ އޮނިގަނޑު އޮންނަންވީ ގޮތް ވެސް ނިމިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންކުއަރީ އަށް ލިބޭ ބައެއް މައުލޫމާތުތަކުގެ ތެރޭގައި އާންމު ނުކުރެވޭނެ ކަންކަން ހުނާނެ ކަމަށާއި، މިސާލަކަށް ގައުމީ ސަލާމަތާ ގުޅުން ހުރި މައުލޫމާތަކަށް ވާނަމަ އެކަންކަން ރިޕޯޓުގައި ނުހިމެނޭނެ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

"ފުރަތަމަ ލިޔާ ރިޕޯޓުގައި ހުރިހާ ކަމެއް ލިޔާނެ. އާންމުކުރާ ރިޕޯޓުގައި ނުހިމެނޭނެ ކަންތައްތަކެއް ހުރިނަމަ އެކަންކަން ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުން މަޖިލީހުގެ ރައީސާއި އަދި އުއްތަމަފަނޑިޔާރާ އަޅުގަނޑުމެން އެކަންކަން ހިއްސާކުރުމަށް ވާހަކަދެކެވެނީ އަދި އެކަމަށް ގޮތެއް ނުނިމޭ،" އޭނާ ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ މިހާތަނަށް 241 ކޮމިޓީން ހިންގާ އިންކުއަރީގައި ސިފައިންގެ 32 އޮފިސަރުންނާއި ފުލުހުންގެ ފަސް ބޭފުޅަކާ ސުވާލު ކުރައްވާފައިވާ ކަމަށެވެ. ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ހިމެނޭހެން ޖުމްލަ 49 ބޭފުޅަކާ މިހާރު ވަނީ ސުވާލުކޮށްފަ އެވެ.