އުމުރުން 13 އަހަރުގެ ކުޑަ ކުއްޖަކު ބަޔަކު ރަހީނުކޮށް، މަރާލާފައި އޮއްވައި ފެނުނު މައްސަލައާ ގުޅިގެން އެ ކުއްޖާގެ ހަށިގަނޑު ހުޅުމާލެއަށް ގެންދިޔަ ކާރު ބަލައި ފާސްކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ އެކަން ކަށަވަރުކޮށްދެއްވާފަ އެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެއްވަ އެވެ.

ފުލުހުން ބުނީ އެ ކުއްޖާ ގެއްލުނު މައްސަލަ ރިޕޯޓްކޮށްފައި ވަނީ މިދިޔަ އާދީއްތަ ދުވަހު ކަމަށެވެ. އެ މައްސަލައާ ގުޅިގެން އެ ކުއްޖާ ހޯދަން ކުރި މަސައްކަތުން އެ ކުއްޖާ މަރާލާފައި އޮއްވައި ފެނުނީ ހޯމަ ދުވަހުގެ ރޭ ދަންވަރު 2:38 ގަ އެވެ.

އެ ކުއްޖާ މަރާލުމަށްފަހު ފޮއްޓަކަށްލާފައި އެއްލާލާފައި އޮތީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މީހުންނަށް ވަދެވޭ ގޮތަށް އޮންނަ ހިސާބު މޫދުގަ އެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ ތުހުމަތުގައި 17 އަހަރުގެ ފިރިހެން ކުއްޖަކާއި 27 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

އެ މައްސަލައިގެ ތަހުގީގަށް ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.