ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖޭން ބޭރުގައި ހުންނަވައިގެން ޝަރީއަތުގެ އަޑުއެހުމުގައި ބައިވެރިވެވަޑައިގަތީ އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުގައި ކަމަށް ބުނި ނަމަވެސް އެކަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)އަށް ކަށަވަރު ނުވާތީ އެކަން ސާފުކުރަން ނިންމައިފި އެވެ.

އަލީ ވަހީދުގެ މައްޗަށް ޕީޖީ އޮފީހުން ވަނީ ހަތް ދައުވާއެއް އުފުލައިފަ އެވެ. އެ މައްސަލައިގައި އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައި އޮއްވައި، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދައަށް އެދުމުން، ކޯޓުން ވަނީ ހަތަރު މަހަށް އޭނާގެ ޕާސްޕޯޓު ދޫކޮށްލައިފަ އެވެ.

އެ ހަތަރު މަސް ތެރޭ އޭނާ އަނބުރާ ރާއްޖެއަށް ވަޑައިނުގެން ޝަރީއަތުގައި ބައިވެރިވެވޭނެ ގޮތް ކޯޓުން ވަނީ އަލީ ވަހީދަށް ހަމަޖައްސައިދީފަ އެވެ.

އެ ގައުމުގައި ހުންނަ ދިވެހި ހައި ކޮމިޝަނުގައި ހުންނަވައިގެން އޮންލައިންކޮށް އަޑުއެހުމުގައި ބައިވެރިވެވޭ ގޮތް ހަމަޖައްސައިދީފައިވާ ކަމަށް ކޯޓުން ވަނީ ބުނެފަ އެވެ. މިދިޔަ ހޯމަ ދުވަހު އޮންލައިންކޮށް އަޑުއެހުމުގައި އަލީ ވަހީދު ބައިވެރިވެޑައިގަންނަވަން ހަމަޖެހިފައި އޮތީ ހައި ކޮމިޝަނުންނެވެ.

ނަމަވެސް، އަލީ ވަހީދު އަޑުއެހުމުގައި ބައިވެރިވީ ހައި ކޮމިޝަނުންކަން ޔަގީން ނުވާތީ ޕީޖީ އޮފީހުން ވަނީ އެކަން ފޮރިން މިނިސްޓްރީ މެދުވެރިކޮށް ސާފުކުރަން ނިންމައިފަ އެވެ. ޕީޖީ އޮފީހުން ބުނީ ހޯމަ ދުވަހުގެ އަޑުއެހުމުގައި، އަލީ ވަހީދު ހުންނެވި ތަނެއް ސާފުކުރަން ދައުލަތުން އެދުމުން އެކަން ސާފުނުވި ކަމަށެވެ.

އަލީ ވަހީދު ހައި ކޮމިޝަނަށް ވަޑައިގެންނެވިތޯ ބެލުމަށް ޕީޖީ އޮފީހުން ހައި ކޮމިޝަނަށް ގުޅުމުން ފޯނު ނުނަގާތީ އެތަނުން މައުލޫމާތެއް ނުލިބުނެވެ. ފޮރިން މިނިސްޓްރީން ބުނީ ފޮރިން މިޝަންތަކުން ދައުލަތުގެ މުއައްސަސާތަކަށް އެހީތެރިކަން ފޯރުކޮށްދޭ ކަމަށާއި، އެފަދަ ކަންކަމުގައި ވާހަކަ ދައްކާނީ އެ މުއައްސަސާއަކުން ކަމަށެވެ.