ކުރީގެ ރައީސް، ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހަރާކޮށްލަން ދިން ޓެރަރިިސްޓު ހަމަލާ އާއި ގުޅިގެން މޯލްޑިވްސް ހިޔުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އިން ކުރާ ތަހުގީގަށް ބޭނުންވާ މައުލޫމާތު ޑިފެންސް މިނިސްޓްރީން ފޯރުކޮށްދީފި އެވެ.
އެޗްއާރްސީއެމްގެ މެމްބަރު މުއުމިނާ ވަހީދު ވަނީ މީގެ ކުރިން ޑިފެންސް މިނިސްޓްރީން ފަރާތުން އެ ކޮމިޝަންގެ ތަހުގީގަށް އެއްބާރުލުން ނުދޭ ކަމަށް ވިދާޅުވެފަ އެވެ.
ޑިފެންސް މިނިސްޓްރީން އެޗްއާރްސީއެމަށް މައުލޫމާތު ހިއްސާކޮށްފައި މިވަނީ އެ މައުލޫމާތު މި ހަފްތާގެ ނިޔަލަށް ހިއްސާ ނުކޮށްފިނަމަ އެޗްއާރްސީއެމްގެ ގާނޫނުގެ ތެރެއިން މައުލޫމާތު ހޯދުމަށް ކުރަންޖެހޭ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވެސް މުއުމިނާ ވިދާޅުވެފައި ވަނިކޮށެވެ.
އެޗްއާރްސީއެމްގެ މެންބަރު ޑރ. އަހްމަދު އަދުހަމް އަބްދުﷲ ވަނީ މިއަދު ޑިފެންސުން މިނިސްޓްރީން މައުލޫމާތު ފޯރުކޮށްދިންކަން ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް ޑިފެންސް މިނިސްޓްރީން މައުލޫމާތު ހިއްސާކުރި ކޮން ދުވަހަކު ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދާ އިންކުއަރީ އަށް ވަކިވަކި ސިފައިން ހާޒިރުކުރުމާ ދެކޮޅަށް ވެސް ޑިފެންސް މިނިސްޓްރީން މީގެ ކުރިން ވާހަކަދައްކާފައިވެ އެވެ. އަދި ސިފައިންގެ ގާނޫނާ ހަވާލާދީ އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް ޑިފެންސް މިނިސްޓްރީން މަޖިލީހަށް ވެސް އެންގި އެވެ. އެހެންނަމަވެސް ވަކިވަކި ސިފައިން މިހާރު ދަނީ މަޖިލީހުގެ އެންގުމަށް މަޖިލީހަށް ހާޒިރުވެ އިންކުއަރީ އަށް އެއްބާރުލުން ދެމުންނެވެ.
ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވެސް މި ހަފްތާ ވަނީ މަޖިލީހުގެ އިންކުއަރީ އަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.