ނިއުދިއްލީ (25 ޖޫން) - އިންޑިއާގެ ޖައްމު، ކަޝްމީރުގެ އިންތިޚާބު ބާއްވަން ނިންމާފައިވާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.

މޯދީ މިހެން ވިދާޅުވީ އެ ސަރަހައްދުގެ އިސްވެރިންނާއެކު މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމަކަށް ފަހު އެވެ. މި ބައްދަލުވަމަކީ 2019 ވަނަ އަހަރު އެ ސަރަހައްދުގައި އޮތް ވަކި ސަރުކާރު އުވާލިފަހުން މޯދީ އެ ސަރަހައްދުގެ އިސްވެރިންނާ ބައްދަލުކުރި ފުރަތަމަ ފަހަރެވެ.

ފާއިތުވެ ދިޔަ ދެ އަހަރުގެ ތެރޭގައި ޖައްމު ކަޝަމީރުގެ ލީޑަރުން ވަނީ އެ ސަރަހައްދުގައި ވަކި ސަރުކާރެއް ގާއިމުކުރުމަށް އިންޑިއާގެ މައި ސަރިކާރަށް އެތައް ފަހަރެއްގެ މަތިން ގޮވާލާފަ އެވެ. އިންޑިއާގައި މައި ސަރުކާރެއްގެ އިތުރުން ސްޓޭޓް ފެންވަރުގެ ވަކިވަކި ސަރުކާރުތައް ވެސް ހިނގަމުންދެ އެވެ.

މީގެ އިތުރުން ޖައްމު އާއި ކަޝްމީރަށް ސްޓޭޓެއްގެ ގަދަރު ދިނުމަށް ވެސް އެ ސަރަހައްދުގެ ލީޑަރުން ވަނީ މޯދީގެ ކިބައިން އެދިފަ އެވެ.

އެ ބޭފުޅުން އިތުރަށް ވިދާޅުވި ގޮތުގައި ދެ އަހަރު ވަންދެން އެ ސަރަހައްދުގެ ރައްޔިތުންނާ މެދުވަމުން ދިޔަ ނާއިންސާފުވެރިކަން ދެން ކުރިއަށް ނުދާނެ ކަމަށާއި ގާނޫނީ ގޮތުން ވެސް ކުރެވެންހުރި ހުރިހާ ކަމެއް ވެސް އެކަމުގައި ކުރާނެ ކަމަށެވެ.

އިންޑިއާ އާއި ޕާކިސްތާނުން ވެސް އެ ގައުމުގެ ބިންކަމަށް ދައުވާކުރާ ޖައްމު އާއި ކަޝްމީރުގައި އޮތް ވަކި ސަރުކާރު 2019 ވަނަ އަހަރު އުވާލުމާއެކު އެ ސަރަހައްދުގެ ގިނަ ރައްޔިތުންތަކެއް ވަނީ އެ ނިންމުމާ ދެކޮޅަށް އަޑު އުފުލާ މުޒާހަރާ ކޮށްފަ އެވެ. – ދަ ސްޓްރެއިޓްސް ޓައިމްސް