ޓޫރިޒަމް މިނިސްޓަރު ކަމަށް މިމަހުގެ ހަވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަންކުރެއްވި ޑރ. އަބުދުﷲ މައުސޫމް މަގާމުގެ ހުވާކުރައްވާފައި ވަނީ، ގާނޫނާއި ޚިލާފަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި، މިއަދު މެމްބަރުން ފާހަގަކުރެއްވުމާއި ގުޅިގެން ޑރ މައުސޫމަށް ރުހުން ދިނުމުގެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވައިފި އެވެ.

ޓޫރިޒަމް މިނިސްޓަރުކަމުގެ ހުވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކުރިފުޅުމަތީގައި ޑރ. އަބްދުﷲ މައުސޫމް ކުރައްވަނީ. ފޮޓޯ: ރައީސް އޮފީސް

ޑރ. މައުސޫމަށް ވަޒީރު ކަމުގެ ރުހުން ދިނުމަށް ކޮމިޓީން ނިންމާފައިވާ ރިޕޯޓް މަޖިލީހަށް އިއްވުމަށްފަހު ހުޅުވާލި ބަހުސްގައި ވާހަކަ ދައްކަވަމުން ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ ޑރ. މައުސޫމް މަގާމުގެ ހުވާ ކުރެއްވިއިރު ހުންނެވީ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ކަމަށާއި، އެ މަގާމުން އިސްތިއުފާ ދެއްވާފައި ނުވާ ކަމަށެވެ. އަދި ގާނޫނު އަސާސީގައި ބުނާގޮތުން ވަޒީރުކަމުގެ ހުވާ ކުރެއްވުމުގެ ކުރިން ވަޒީރުކަމުގެ މަގާމަށް އައްޔަންކުރެވޭ ބޭފުޅުން އެފަދަ މަގާމެއްގައި ހުންނެވި ނަމަ، އެ މަގާމަކުން އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށް ވެސް އަފީފް ވިދާޅުވި އެވެ.

މިމައްސަލާގައި ވާހަކަ ދެއްކެވި މަޖިލީހުގެ މެމްބަރުންގެ ތެރޭގައި ހިމެނޭ ގާނޫނީ ދާއިރާގެ ބޭފުޅުން ވެސް ވަނީ މިމައްސަލާގައި މަޖިލީހުން ރުހުން ދެއްވާއިރު ޑރ.މައުސޫމްގެ ހުވާކޮށްފައި ވަނީ ގާނޫނު އަސާސީގައި ބުނެފައިވާ ޝަރުތުތައް ފުރިހަމަކޮށްގެންތޯ ކަށަވަރު ކުރަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މަސްލަހަތު އެކުލެވޭ ކަންކަމާއި، ވިޔަފާރިތަކުގައި ޝާމިލުވާނަމަ ވަޒީރުކަމާއި ހަވާލުވާ ފަހުން މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ބުނުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ވެސް ބައެއް މެމްބަރުން ވިދާޅުވި އެވެ.