ފެނަކަ ކޯޕަރޭޝަނާ ގުޅުން ހުރި ކޮރަޕްޝަންގެ މައްސަލަ އިތުރަށް ނުބަލަން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން ނިންމައިފި އެވެ.

އެ ކޮމިޓީީން މިއަދު ބޭއްވި ބައްދަލުވުމެއްގައި ކޮމިޓީގެ ނައިބު މުގައްރިރު ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ ވިދާޅުވީ، އޭސީސީން ބަލަމުންދާ ފެނަކައިގެ ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން އިސްލާހު ކުރަން އެންގި ކަންކަން ތަންފީޒުކުރަމުން އަންނަ ކަމަށް ބުނެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ވަކި ކުންފުންޏެއްގެ މައްސަލަ ބެލުމުގެ ބަދަލުގައި އެސްއޯއީތަކުގައި ހިމެނޭ ހުރިހާ ކުންފުނިތަކުން ޕްރޮކިއުމެންޓް ރިކުއާމަންޓްތައް ފުރިހަމަ ކުރަނީ ކިހާވަރަކަށްތޯ ބެލުން މާ މުހިއްމު ކަމަށެވެ.

"ވަކިން ފެނަކަ އިން އަޅުގަނޑަކަށް ނުފެނޭ އިތުރަށް މި މައްސަލަ ބަލަން ޖެހޭ ކަމަކަށް. ފެނަކައިން އެހުރީ ރައީސް އޮފީހާއި ފިނޭންސް މިނިސްޓްރީގެ ރިކޮމެންޑޭޝަނަށް ފިޔަވަޅުތައް އަޅާފައި،" ހުސެއިން ވިދާޅުވި އެވެ.

އޭނާގެ ހުށަހެޅުމަށް ކޮމިޓީގެ އެހެން މެމްބަރުން ވެސް ވަނީ ތާއީދުކޮށްފަ އެވެ.

އެހެންވެ ފެނަކައިގެ މައްސަލައިގެ އިތުރު ރިޕޯޓެއް ހަދާ މަޖިލީހުގެ ފްލޯ އަށް އެ މައްސަލަ ނުގެންދަން ކޮމިޓީން ނިންމި އެވެ.

އޭސީސީން ވަނީ ފެނަކައިގައި ކޮރަޕްޝަން ހިނގަމުންދާކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަމާލުކަމަށް ގެނެސްފަ އެވެ. އެ ކޮމިޝަނުން މިދިޔަ އޭޕްރީލް މަހު ވަނީ ފެނަކައާ ގުޅޭ 22 މައްސަލައެއް ތަހުގީގުކޮށްފަ އެވެ.

އެކަމާ ގުޅިގެން، ރައީސް ވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) ހިންގާ ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް 13 ކަމެއް އިސްލާހުކުރަން ފެނަކައަށް އަންގައިފަ އެވެ. އެކަންކަން އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މީގެ ކުރިން ފެނަކައިން ވަނީ ބުނެފަ އެވެ.