ރަހީނު ކުރުމަށްފަހު މަރާލާފައި އޮށްވާ ފެނުނު އުމުރުން 13 އަހަރުގެ ކުޑަ ފިރިހެން ކުއްޖާގެ މަރުގެ ތަހުގީގު ވަރަށް ބާރަށް ކުރިއަށް ދާކަމަށާއި އެ ކުއްޖާގެ މަރަށް އިންސާފު ލިބޭނެކަމުގެ ޔަގީންކަން ދެއްވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން ޝަމީމު ވިދާޅުވީ، އެ ކުއްޖާގެ މަރުގެ ތަހުގީގު ކުރިއަށްދާގޮތް މިއަދު ހެނދުނު ވެސް ބެއްލެވި ކަަމަށާއި ތަހުގީގު ވަރަށް ބާރަށް ކުރިއަށްދާ ކަަމަށެވެ. އަދި އެ ކުއްޖާގެ އާއިލާއަށް އިންސާފު ލިބޭނެކަމަށް ގަބޫލުފުޅުކުރައްވާ ކަމަށާއި، އެހެން ފަރާތްތަކަށް ވެސް އިންސާފު ލިބޭނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ޝަމީމް ވިދާޅުވި އެވެ.

އުމުރުން 13 އަހަރުގެ ކުއްޖާ މަރާލާފައި އޮއްވާ ފެނުނީ އެ ކުއްޖާ ރަހީނުކޮށްގެން އުޅޭ ކަމުގެ ރިޕޯޓް ލިބި، އެ ކުއްޖާ ހޯދުމަށް މަސައްކަތް ކުރަމުން ދަނިކޮށެވެ. ކުއްޖާ ފެނިފައި ވަނީ ހުޅުމާލޭ ފޭސް ދޭއްގެ ފަޅުތެރޭގައި އޮތް ފޮއްޓެއްގެ ތެރެއިންނެވެ. ކުއްޖާގެ މަރާ ގުޅިގެން މިހާތަނަށް 17 އަހަރުގެ ކުއްޖަކާއި 27 އަހަރުގެ މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އެ މީހުންނަށް މުއްދަތު ޖެހުމަށް ކޯޓަށް ގެންދިއުމުން 27 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ވަނީ ނިންމާފައެވެ.

ކުއްޖާގެ ޕޯސްޓު މޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. ކުއްޖާގެ މަރާ ގުޅިގެން ހައްޔަރުކުރި 27 އަހަރުގެ މީހާ އަށާއި 17 އަހަރުުގެ ކުއްޖާއަށް ވަނީ ޖިންސީ ގޯނާގެ ކުށުގެ ތުހުމަތުވެސް ކޮށްފަ އެވެ. އެނގިފައިވާ ގޮތުގައި 13 އަހަރުގެ ކުއްޖާ މަރާލުމުގެ ކުރިން އެ ކުއްޖާއަށް ވަނީ ޖިންސީ ގޯނާކޮށްފަ އެވެ.