ވަކި ހިދުމަތެއްގެ ގޮތުގައި ރާއްޖޭގެ ފޮރިން ސާވިސް އުފައްދަން ސަކާރުން ހުށަހެޅި ބިލުގައިވާ މާއްދާއަކާ މެދު މާވަށު ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު ސައީދު ތުހުމަތެއް ކުރައްވައިފި އެވެ.
މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ބަހުސްގައި ސައީދު ތުހުމަތު ކުރެއްވި ގޮތުގައި ފޮރިން ސާވިސް ބިލުގެ ހަތަރުވަނަ މާއްދާގެ (ހ)ގައި، ބިލުގެ މަގުސަދެއްގެ ގޮތުގައި "ސަރަހައްދުގެ ރައްކާތެރިކަން"، މި އިބާރާތް ހިމަނާފައި ވުމަކީ ނުރައްކާތެރި ކަމެކެވެ. ސައީދު އެ މާއްދާ މާނަކުރެއްވީ ސަރަހައްދީ ގައުމުތަކުގެ މަސްލަހަތު، އެ ގާނޫނަށް ވައްދަން ހިމަނާފައިވާ މާއްދާއެއްގެ ގޮތުގަ އެވެ.
އޭނާ ވިދާޅުވީ ރާއްޖެ އަކީ ރާއްޖޭގެ އެއްގަމާއި ކަނޑުގެ ސަރަހައްދު ކަމަށް ވާއިރު، ރާއްޖޭގެ އިތުުރުން ސަރަހައްދުގެ ވާހަކަ އޮތް އޮތުމަކީ އެހެން ބައެއްގެ މަސްލަހަތު ހިމާޔަތްކުރަން ކޮށްފައިވާ ކަމެއް ކަމަށެެވެ.
"ދިވެހިރާއްޖެއަކީ ދިވެހިރާއްޖޭގެ އީއީޒެޑާއި ރާއްޖެ އަށް އދ. ގައި ރެޖިސްޓާ ކުރެވިފައި އޮންނަ ސަރަހައްދާއި ހުރިހާ ކަނޑާއި، އެއްގަމާ ވަޅާއި ވަޅު ފަދަ ތަންތަން ހިމެނޭ ގޮތަށް، ރައްޔިތުން ހިމެނޭ ގޮތަށް. އޭގެ އިތުރަށް ސަރަހައްދުގެ ރައްކާތެރިކަން ދެމެހެއްޓުން އަންނާތީ އަޅުގަނޑު ކަންބޮޑު ވަނީ،" ސައީދު ވިދާޅުވި އެވެ.
އެގޮތަށް ސައީދު ތުހުމަތު ކުރެއްވުމުން، މެދު ހެންވޭރު ދާއިރާގެ އެމްޑީޕީ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ނިޒާމީ ނުކުތާއެއް ނެންގެވުމަށްފަހު ސައީދަށް ރައްދު ދެއްވަމުން ވިދާޅުވީ، ވިދާޅުވީ ބިލުގައި "ސަރަހައްދު" ކަމަށް ބުނެފައި އެވަނީ ރާއްޖޭގެ ސަރަހައްދުކަން ސައީދަށް އެނގިވަޑައިގަންނަވާނެ ކަމަށާއި އެނޫން ގޮތަކަށް މާނަކުރެއްވުމަކީ ކަނޑައެޅިގެން އޮޅުވައިލެއްވުން ކަމަށެވެ.
އާޒިމަށްފަހު އުނގޫފާރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ ބިލުގައި "ސަރަހައްދުގެ ރައްކާތެރިކަން" ކަމަށް ބުނެފައި އެވަނީ އެހެން ބައެއްގެ ސަރަހައްދުގެ ވާހަކަ ކަމަށް ސައީދު ވިދާޅުވީ ބިލާ ގުޅުވައިގެން ފިތުނަ އުފައްދަން ކަމަށެވެ.
ފޮރިން ސާވިސް ބިލާ ބެހޭ ގޮތުން ސައީދު ފާޅުކުރެއްވި އަނެއް ކަންބޮޑުވުމަކީ މަގާމުތަކަށް މީހުން އައްޔަން ކުރުމާއި ވަކިކުރުމުގައި ފޮރިން މިނިސްޓަރަށް ދީފައިވާ ބާރުތައް ގިނަ ކަމުގެ ކަންބޮޑުވުމެވެ. އެމްޑީޕީގެ ބައެއް މެމްބަރުން ވެސް އެ ކަންބޮޑުވުން ފާޅުކުރެއްވި އެވެ. މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ ޝަރީފު) ވެސް ވިދާޅުވީ ކޮމިޓީ މަރުހަލާގައި އެކަން ބަދަލުކުރަން ޖެހޭ ކަމަށެވެ.
"ދައުލަތު ޝާހިދު "ގެ ނަމުގައި ގުޅީފަޅުން ދައުލަތެއް ހަދާދޭންވީ ނުންތޯ ޝާހިދު ވެރިކަން ކުރަން، އަންނި ނަޝީދު ޖަރުމަނުގައި ހުރެގެން ވެރިކަން ކުރަން ފެށިގޮތަށް !
ތިޔަ ބުނާ އދ އަކީ އެމީހުންގެ އެޖެންޓުން ތައްޔާރު ކޮށްގެން ކުދި ޤައުމުތަށް އަޅުވެތި ކުރަން ހަދައިގެން އުޅޭތަނެއް ތިޔަތާގައި ގިނަވާނިީ އައިއެމް އެފާއި ވޯލްޑް ބޭކު ކަހަލަ އިދާރާތަކުގެ ވެސް އެޖެންޓުން !