ލަންޑަން ( 28 ޖޫން ) - ސައުތު އެފްރިކާއިން ފުރަތަމަ ފަހަރަށް ފެނުނު ކޮވިޑް -19ގެ ބީޓާ ވޭރިންޓާ ދެކޮޅަށް އެސްޓްރާޒެނެކާ އާއި ޔުނިވާސިޓީ އޮފް އޮކްސްފޯޑް ގުޅިގެން ހެދި އާ ވެކްސިނެއްގެ ޓެސްޓް ބުރުތައް ފަށައިފި އެވެ.

މި ޓެސްޓް ބުރުތަކުގައި އިނގިރޭސިވިލާތާއި ސައުތު އެފްރިކާ އަދި ބްރެޒިލް އާއި ޕޮލެންޑް ހިމެނޭ ގޮތަށް 2،250 މީހުން ބައިވެރި ވާނެ އެވެ. މީގެ ތެރޭގައި ކުރިން އެސްޓްރާޒެނެކާ ނުވަތަ ފައިޒާ ވެކްސިންގެ ދެ ޑޯޒު ޖަހާފައިވާ މީހުންނާއި އެއްވެސް ޑޯޒެއް ޖަހާފައި ނުވާ މީހުން ވެސް ހިމެނޭނެ އެވެ.

މި އާ ވެކްސިންއަކީ އެސްޓްރާޒެނެކާގެ މައި ވެކްސިންގެ ފޯމިއުލާއަށް ކުޑަ ބަދަލެއް ގެނެސްގެން ތައްޔާރުކޮށްފައިވާ ވެކްސިނެކެވެ. މި ބަދަލުގެ ސަބަބުން އާ ވެކްސިންގައި ޕްރޮޓީންސްގެ މާއްދާ އިތުރު ވާނެ އެވެ.

އިނގިރޭސިވިިލާތުގައި ކާމިޔާބު ވެކްސިން ޕްރޮގްރާމްތަކެއް ހިންގަމުން ދިޔަ ނަމަވެސް އެ ވެކްސިންގެ ރައްކާތެރިކަން ދެމި ހުންނާނީ ކިހާ ދުވަހަކަށް ކަމެއް ޔަގީންނުވާ ކަމަށް އެ ގައުމުގެ އިދާރާތަކުން ބުނެފައިވެ އެވެ.

އާ ވެކްސިންގެ ދިރާސާތަކާއި ތަހުލީލުތަކަކީ ކުރިއަށް އޮތްތަނުގައި ވެކްސިންގެ ތިންވަނަ ޑޯޒެއްގެ ބޭނުން ޖެހިދާނެ ކަމަށް ކުރެވޭ ބަހުސަށް އެހީވެދޭނެ ދިރާސާއެއް ކަމަށް މާހިރުން ބުނެ އެވެ.

އެސްޓްރާޒެނެކާގެ މައި ވެކްސިނަކީ ރައްކާތެރިކަން ވަރުގަދަ ވެކްސިނެއް ނަމަވެސް ކޮވިޑްގެ ތަފާތު ވޭރިއަންޓްތަކަށް މި ވެކްސިންގެ އަސަރު ކުޑަ ކަމަށް ސައިންސްވެރިން ވަނީ ބުނެފަ އެވެ.