ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ދިރިއުޅުއްވާ ގޭގެ ސެކިއުރިޓީ ލެވަލް ދަށްކޮށްފި އެވެ.

ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު އާއި ހަވާލާދީ" އަވަސް"އިން ރިޕޯޓުކުރި ގޮތުގައި، ނަޝީދާއި އޭނާ ވެސް ދިރިއުޅުއްވާ ގ. ކެނެރީގޭގެ ސެކިއުރިޓީ ދަށްކުރީ އޭނާ އއ. މާޅޮހަށް ވަޑައިގެންނެވި ފަހުން ރޭގެ ވަގުތެއްގައި ކަމަށެވެ.

ނާޒިމް ވަނީ ސެކިއުރެޓީ ލެވެލްސް ދަށްކުރި ސަބަބާ ގުޅޭގޮތުން ޑިފެންސް މިިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ސުވާލުކޮށްފަ އެވެ. މީގެ ކުރިން ކެނެރީގޭގައި ނަޝީދު ދިރިއުޅުއްވާ ބައިގައި އެސްޕީޖީގެ ހަތް މީހުން ތިބެ އެވެ. މިހާރު އެ ބައިގައި ހުންނެވީ އެސްޕީޖީގެ އެންމެ އޮފިސަރެކެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަަމަލާއަށްފަހު ސިފައިން ގެންދިޔައީ ހަތިޔާރާއެކު އީވާ ދިރިއުޅުއްވާ ހ. ސިސިލްހިޔާގެ ދޮރުމަތީގައި ހަރަކާތްތެރި ވަމުންނެވެ. ނަމަވެސް ރޭ މެންދަމުން ފެށިގެން އެ ގޭގެ ދޮރުމަތީގައި ސިފައިން ހަރަކާތްތެރި ނުވާ ކަމަށް" އަވަސް"އިން ވަނީ ރިޕޯޓުކޮށްފަ އެވެ.