ޖުލައި މަހު 20ގެ ކުރިން ރާއްޖެއަށް މިވަގުތަށް އެކަށީގެންވާ ވަރަށް ވެކްސިން ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ނަސީމު ވިދާޅުވީ، ވެކްސިން ލިބޭނެ ސީދާ ތާރީހެއް ދަންނަވަން ނޭނގުނު ނަމަވެސް އަންނަ މަހުގެ 12 ވަނަ ދުވަހާ 20 ވަނަ ދުވަހާ ދެމެދު ވެކްސިން ލިބޭނެ ކަމަށެވެ.

"މައުލޫމާތުތައް ދައްކަނީ ޖުލައި މަހުގެ 12 ވަނަ ދުވަހާ 20 ވަނަ ދުވަހާ ދޭތެރޭ ވެކްސިން ލިބޭނެ ކަމަށް. ލިބޭނީ އެސްޓްރަޒެނެކާ ވެކްސިން" ނަސީމް ވިދާޅުވި އެވެ.

ރާއްޖެއިން ވަނީ، ސިންގަޕޫރުގެ ކޮވިޑު-19އާ ދެކޮޅަށް ތައްޔާރުކުރި ވެކްސިން ކަމަށްވާ އެސްޓްރާޒެނެކާ ވެކްސިންގެ 700،000 ޑޯޒު ގަތުމަށް އެއްބަސްވުމެގައި ސޮއިކޮށްފަ އެވެ. މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަސީމު ވިދާޅުވެފައި ވަނީ ޖޫން މަހު އެ ވެކްސިންގެ 700،000 ޑޯޒު ލިބޭނެ ކަމަށެވެ.

މި ޖޫން މަހުގެ އަށްވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ޖުލައި މަސް ތެރޭގައި 500,000 ޑޯޒް ލިބޭނެ ކަމަށް އެސްޓްރަޒެނެކާ ކުންފުނިން ޔަގީންކަން ދީފައިވާ ކަމަށެވެ.

ރާއްޖެއިން އެއްބަސްވެފައިވާ 700,000 ޑޯޒްގެ އެސްޓްރާޒެނެކާ ވެކްސިން ރާއްޖެއަށް ގެނައުމަށް ހަމަޖެހިފައިވަނި ތިން މަރުހަލާއަކަށް ބަހާލައިގެން ކަމަށް ވެސް ނަސީމު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. އަދި އޯގަސްޓުގެ ނިޔަލަށް ބާކީ ތިން ލައްކަ ޑޯޒް ވެކްސިން ލިބޭނެ ކަމަށް ނަސީމް ވިދާޅުވެފައި ވެއެވެ. މަހު 300،000 ޑޯޒް ގެންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުން ވަނީ ކޮވިޝީލްޑްގެ 300،000 ޑޯޒް ގަންނަން އިންޑިއާގެ ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ (އެސްއެސްއައި) އެކު ސޮއިކޮށްފަ އެވެ. އޭގެ ތެރެއިން އަދި މިހާތަނަށް ލިބިފައިވަނީ, 100،000 ޑޯޒް އެވެ. އިންޑިއާއިން ވެކްސިން ބޭރު ކުރުން މެދުކަނޑާނުލުމާއެކު, ރާއްޖޭގެ ގިނަ ބަޔަކަށް ވަނީ ފުރަތަމަ ޑޯޒް ވެކްސިން ޖެހުމަށްފަހު, ދެވަނަ ޑޯޒް ފުރިހަމަ ނުކުރެވި އެވެ.

ކޮވިޝީލްޑްއަކީ, އެސްޓްރާޒެނަކާގެ ފޯމިއުލާއިން ތައްޔާރު ކުރި ވެކްސިންއަކަށްވުމާއެކު, ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖެހި ފަރާތްތަކަށް އެސްޓްރާޒެނަކާގެ ދެވަނަ ޑޯޒް ޖެހޭނެ ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)އިން ވަނީ ކުރިން ލަފާދީފަ އެވެ.

ރަޝިއާއިން ތައްޔާރުކުރި ވެކްސިން ގަތުމަށް ވެސް ސަރުކާރުން ވަނީ އެއްބަސްވެފަ އެވެ. ރަޝިއާއިން ތައްޔާރުކުރި ވެކްސިންގެ ނަމަކީ "ސްޕަޓްނިކް ވީ" އެވެ.

މިއަދު މިނިސްޓަރު ނަސީމު ވިދާޅުވީ އެ ވެކްސިން ހޯދަން ނަން ޑިސްކްލޯޒާ އެގްރިމެންޓުގައި ސޮއިކޮށްފައިވާ ކަމަށާއި ޑިސްޓްރިބިއުޓް ކުރާ ކުންފުނިން އެކަން ބަލައިގަނެފައިވާ ކަމަށެވެ. މިހާރު ކުރިއަށްދަނީ އެގްރިމެންޓުގައި ހުރި ބައެއް ކަންތަކާ ގުޅިގެން ހުރި މަޝްވަރާތައް ކަމަށާއި ވަރަށް އަވަހަށް ޕާޗޭސް އެގްރިމެންޓުގައި ސޮއިކުރެވޭނެ ކަމަށް ނަސީމް ވިދާޅުވި އެވެ.