ސައުދީީ އަރަބިއްޔާގެ އެހީގައި މާލޭގައި ހެދި ކިންގް ސަލްމާން މިސްކިތް ހުޅުވާނެ ތާރީހު ކަނޑައަޅަން ސައުދީ އަރަބިއްޔާގެ ވަފުދެއް އަންނަ ހަފުތާގައި ރާއްޖެ ޒިޔާރާތް ކުރާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓް އިބްރާހީމް ހޫދު މިއަދު ވިދާޅުވީ އަންނަ ހަފުތާގައި ސައުދީ ސަރުކާރުގެ ވަފުދެއް ރާއްޖެ އައުމަށް ނިންމާ އެކަން ދިވެހި ސަރުކާރަށް އަންގާފައިވާ ކަމަށެވެ. ތިން ބޭފުޅުންގެ މައްޗަށް ހިމެނޭ އެ ވަފްދުގެ މައިގަނޑު މަސައްކަތަކަށް ވާނީ ކިންގް ސަލްމާން މިސްކިތް ހުޅުވާނެ ތާރީހެއް ކަނޑައެޅުމާއި މިސްކިތް ހުޅުވުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ އިންތިޒާމުތައް ހަމަޖެއްސުން ކަމަށް ހޫދު ވިދާޅުވި އެވެ.

ސަލްމާން މިސްކިތް މިދިޔަ އަހަރުގެ ކުރީކޮޅު އަދި މިއަހަރުގެ ރޯދަ މަހާ ދިމާކޮށް ވެސް ހުޅުވަން ސަރުކާރުން މަސައްކަތް ކޮށްފައިވެ އެވެ.

މިސްކިތް ހުޅުވުން ލަސްވަނީ އެ މިސްކިތަކީ ސައުދީ ރަސްގެފާނު ހަދިޔާ ކުރައްވާ މިސްކިތަކަށްވެ، އެ މިސްކިތް ހުޅުވަން ސައުދީގެ އިސް ބޭފުޅުން ރާއްޖެ ވަޑައިގަންނަވަން ބޭނުންފުޅުވާތީ ކަމަށް މީގެ ކުރިން އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ،. އެ ދަތުރު ކުރަން ދަތިވެފައި ވަނީ ކޮވިޑްގެ ހާލަތު މުޅި ދުނިޔޭގައި ވެސް ގޯސްވެފައިވާތީ މިވަގުތު އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރުން ރައްކާތެރި ކަމަކަށް ނުވާތީ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ސަލްމާން މިސްކިތް އިމާރާތް ކޮށްފައި ވަނީ ތުރުކީގެ ޓާމެކްސް ކުންފުނިންނެވެ. ސަރުކާރުން އެ ކުންފުންޏާއެކު އެއްބަސްވުމުގައި ސޮއިކުރީ ފެބްރުއަރީ 28، 2017 ގަ އެވެ. މި ކުންފުނިން ރާއްޖޭގައި ހިންގި އެންމެ ބޮޑު މަޝްރޫއަކީ ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓަލުގެ މަޝްރޫ އެވެ. މިސްކިތުގެ މަޝްރޫއަށް 24.95 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ.