ޓެރަރިޒަމް މާނަ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހެޅި ބިލަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި ރައްޔިތުން މަޖިލީހުގެ ބައެއް މިނިވަން މެމްބަރުން ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.
ޓެރަރިޒަމް މާނާ ކުރާ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ، ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލް ޣަނީ އަބްދުލްހަކީމް އެވެ. އޭނާ އެ ބިލު ހުށަހެޅުއްވީ ޓެރަރިޒަމްގެ ކުށްތައް ތަހުގީގު ކުރުމުގައި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ކުރިމަތިވާ ބައެއް ގޮންޖެހުންތަކަށް ހައްލު ހޯދައިދީ، ފުލުހުންނަށް ބައެއް ބާރުތައް ލިބިދޭ ދާއިރާތަކުގެ ދާއިރާ އަލުން ކަނޑައަޅައި ޓެރަރިޒަމްގެ އަމަލުތަކަށް ހުށަހެޅުމުގެ ފުރުސަތު އޮތް އަދި އެފަދަ ކަންކަމުގައި ބައިވެރިވާ ފަރާތްތަކަށް ހިންގަން ޖެހޭ ރިހިބިލިޓޭޝަންތައް ދިނުމަށް މަގުފަހިކޮށް ދިނުމެވެ.
މީގެ އިތުރުން އެ އިސްލާހުގައި ބުނެފައި ވަނީ، ޓެރަރިޒަމަށް ތުހުމަތުވާ މީހުން ކޯޓު އަމުރަކާ ނުލައި ހިފާ ހައްޔަރުކޮށް، ކޯޓަށް ހާޒިރު ކުރުމަކާ ނުލައި 48 ގަޑިއިރު ބެހެއްޓޭނެ އެވެ.
އެ އިސްލާހަށް ކަންބޮނޑުވުން ފާޅުކުރެއްވި ވިލިނގިލި ދާއިރާގެ މިނިވަން މެމްބަރު ސައުދު ހުސެއިން ވިދާޅުވީ ރާއްޖޭގައި މިހާރު ފެންނަނީ މަސް ހިފާ އުސޫލުން ދާ ޖަހައިގެން އިންސާނުން ހައްޔަރުކުރުމުގެ ފަލްސަފާއަކަށް ވިސްނުން ގެންދާ ދާތަން ކަމަށެވެ. އަދި ވިދާޅުވީ، ރާއްޖޭގެ ތާރީހުގައި ވެސް ޓެރަރިޒަމްގެ ގާނޫނު ބޭނުން ކޮށްފައި އޮތީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ކަމަށާއި އަސްލު ޓެރަރިސްޓުންގެ ފަހަތުން ރާއްޖޭގައި ގާނޫނު ދުވެ ނަހަދާ ކަމަށާއި އޭގެ ބަދަލުގައި ވެރިކަން ކުރަމުން އައި ފަރާތްތަކުން އިދިކޮޅު ފަރާތްތައް ހައްޔަރު ކުރުމަށް ޓެރަރިޒަމް ގާނޫނު އައްޑަނައަކަށް ހަދައިގެން ބޭނުން ކުރާ ކަމަށެވެ. އެހެންކަމުން ގާނޫނަށް އިސްލާހު ކުރިޔަސް ކުރާނެ ފައިދާއެއް ނެތްކަމަށް ސައުދު ވިދާޅުވި އެވެ.
އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ނައިބު ރައީސް، މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ، ރާއްޖެ ފަދަ ފަތުރުވެރިކަމުގެ ސިނާއަަތަށް ބަރޯސާ ވެފައި އޮތް ގައުމަކަމަށް ޓެރަރިޒަމްގެ ގާނޫނު ވަރަށް މުހިންމު ކަމަށެވެ. ނަމަވެސް ކޯޓު އަމުރަކާ ނުލާ މީހުން ހިފާ ހައްޔަރު ކުރެވޭ ގޮތަށް އޮތް މާއްދާއާމެދު އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
އެ މައްދާ އާމެދު ސައީދު ސައީދު ވާހަކަ ދައްކަވަމުން ދަނިކޮށް ނިޒާމީ ނުކުތާ ނަންގަވައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ވިދާޅުވީ، ކޯޓު އަމުރަކާ ނުލައި މީހަކު ހައްޔަރު ކުރެވޭ ގޮތަށް ބިލުގައި ނެތް ކަމަށާއި ބިލުގައި އޮތީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭ މީހަކު ކޯޓު އަމުރަކާ ނުލައި ހިފައި ހައްޔަރުކުރަން އުޅޭ މާއްދާއެއް ކަމަށެވެ.
އާޒިމްގެ އެ ވާހަކަ ނިއްމާލެއްވިތަނާ މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވެސް ވަނީ ބިލުގައި ނެތް ވާހަކަތަކެއް އޮތް ވާހަކަތަކަކަށް ހަދައިގެން ނުދައްކަން އެދި ވަޑައިގެންފަ އެވެ.
އާޒިމްގެ ވާހަކަތަކަށް ރައްދު ދެއްވައި ސައީދު ވަނީ ބިލުގައި މީހުން ހިފައި ހައްޔަރު ކުރެވޭނެ ގޮތަށް އޮތް މާއްދާ އިތުރަށް ތަފްސީލު ކޮށްދެއްވާފަ އެވެ. އެގޮތުން ސައީދު ވިދާޅުވީ، ބިލު އޮތްގޮތުން ފުލުހުންގެ އިންޓެލިޖެންސަށާއި ޕޮލިސް ކޮމިޝަނަރަށް ނުވަތަ ސަރުކާރުގެ ވެރިޔަކު ވެސް ވަކި މީހަކާމެދު ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ދެކެފިނަމަ އެމީހަކު ހައްޔަރު ކުރެވި ދެ ދުވަސް ވަންދެން ހައްގުތަކުން މަހްރޫމްވެ ބަންދުގައި ހުންނަން ޖެހޭނެ ކަމަށެވެ.
"ބިލުގެ އެއް މާއްދާއަށް ވުރެ ގިނަ މާއްދާތަކުގައި ޓެރަރިޒަމްގެ އަމަލަކަށް ޝައްކެއްވާ ކަމުގެ ވިސްނުން އިންޓެލިޖެންސަށް އައި ކަމުގައި ވިޔަސް ނުވަތަ ފުލުސް އޮފީހުގެ ވެރިމީހާއަށް އަޔަސް ސަރުކާރުގެ ވެރިޔަކަށް އަޔަސް [ހައްޔަރު ކުރެވޭ ގޮތަށް މިއޮތީ]" ސައީދު ވިދާޅުވި އެވެ.
ކޯޓު އަމުރަކާ ނުލައި މީހުން ހައްޔަރު ކުރެވޭ ގޮތަށް ބިލުގައި ހިމަނާފައި އޮތުމުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. ހާއްސަކޮށް ޓެރަރިޒަމްގެ ކުށެއް ކުރި ކަމަށް ބުއްދިއަށް ގަބޫލު ކުރެވޭ ގޮތަށް ފެނިއްޖެނަމަ މީހުން ހައްޔަރު ކުރެވޭ ގޮތަށް އޮތް މާއްދާ އޭނާ ވެސް ފާހަގަކުރެއްވި އެވެ.
"ދިވެހި ފުލުހުންގެ ބުއްދިއަށް ގަބޫލު ކުރެވެނީ ކިހާ ވަރަކަށް މީހަކު ކުށަކަށް އަރައިގަތީމަތޯ އެއީ މިއަދު ދިވެހި ރައްޔިތުން ސުވާލު އުފައްދާ ކަމެއް. ދިވެހި ފުލުހުން ރާއްޖޭގައި މި ހިނގާ ކުށްތައް އެއީ ކުށްތަކުގެ ގޮތުގައި ގަބޫލު ކުރަަނީ ކިހާވަރަކަށް އެ ކުށްކުރެވުނީމަތޯ އެއީ ދިވެހި ރައްޔިތުން މިއަދު އުފައްދާ ސުވާލަކީ،" ޝިޔާމް ވިދާޅުވި އެވެ.
ބަހުސްގައި ބައިވެރިވެލެއްވި އެމްޑީޕީގެ ހުރިހާ މެމްބަރުން ވެސް މި ބިލަށް ތާއީދުކުރެއްވި އެވެ. މާފަންނު އުުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ ޓެރަރިޒަމް މާނަ ކުރުމާ ގުޅޭ ގޮތުން ދުނިޔޭގެ ގައުމުތަކުގައި އޮންނަ ގާނޫނުތަކަކީ ގިނަ ފަހަރު ބަލައިގަންނަން އުނދަގޫ ގާނޫނުތަކެއް ކަމަށެވެ. އަދި އެންމެ ޑިމޮކްރެޓިކް ގައުމުތަކުގައި ވެސް އެފަދަ ގާނޫނުތައް އޮންނަ ކަމަށެވެ.
ހަަމަ އެހެންމެ އެއްވެސް ޖެހިލުމެއް ނެތި މީހުން މަރަން ފަސް ނުޖެހޭ 1000 އަށް ވުރެ ގިނަ ހަރުކަށި މީހުން އުޅޭ ކަމަށް ފުލުހުން ބުނެފައިވާ އިރު އެ މީހުނާ މެދު ފިޔަވަޅު އަޅަން ގާނޫނީ ގޮތުން ހުރަސްތައް ހުރިކަމަށް ވެސް އިމްތިޔާޒް ފާހަގަ ކުރެއްވި އެވެ.