(02 ޖުލައި)- ޖޯންސަންސް އެންޑް ޖޯންސަންސް ކޮވިޑް -19 ވެކްސިންއިން ލިބޭ ރައްކާތެރިކަން 8 މަހަށް ދެމި ހުންނާނެ ކަމަށާއި ހަލުވިކަމާއެކު ފެތުރެމުންދާ ޑެލްޓާ ވޭރިއަންޓް އިން ވެސް އެ ވެކްސިން އިން ދިފާއު ކޮށްދޭ ކަމަށް އެންމެ ފަހުން ހެދުނު ދިރާސާތަކާ ހަވާލާދީ އެ ކުންފުނިން ބުނެފި އެވެ.
ޖޭ އެންޑް ޖޭގެ ރިސާޗް އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓްގެ އިސް ވެރިޔާ ޑރ. މަތައި މައްމެން ވިދާޅުވި ގޮތުގައި ފާއިތުވި 8 މަހުގެ ރެކޯޑުތަކަށް ބަލާއިރު ޖޯންސަންސް އެންޑް ޖޯންސަންސް ވެކްސިންގެ އެންމެ ޑޯޒަކުން ވެސް ހަށިގަނޑުގައި 8 މަސް ވަންދެން ދެމިހުންނަ އެންޓި ބޮޑީސް އުފެދޭ ކަމަށާއި އޭގެ އިތުރުން ވެސް ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކޮށްދޭ ޓީ ސެލްސް ވެސް އުފެދޭ ކަމަށެވެ.
ފުރަތަމަ ޑޯޒު ޖަހާފައިވާ 20 މީހުންގެ މެދުގައި ހެދި ދިރާސާއަކުން ފެނުނު ނަތީޖާތަކަކީ އުއްމީދީ ނަތީޖާތަކެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.
ކޮވިޑް -19 އާ ދެކޮޅަށް ބޭނުންކުރާ ވެކްސިންތަކެއް ކަމަށްވާ ފައިޒާ އާއި މޮޑެނާ އިން ބުނީ އެ ވެކްސިންތަކަކީ ދެ ޑޯޒު ޖެހުމަށްފަހު ހަ މަސްދުވަހަށް އަަސަރު ދެމިހުންނާނެ ވެކްސިންތަކެއް ކަމަށެވެ.
މީގެ އިތުރުން ޖޯންސަންސް އެންޑް ޖޯންސަންސް އިން ވަނީ އެ ވެކްސިންގެ ބޫސްޓަރެއްގެ ގޮތުގައި ތިންވަނަ ޑޯޒެއް ޖަހަން ނުޖެހޭނެ ކަމަށް ފާއިތުވި ބުރާސްފަތި ދުވަހު ބުނެފަ އެވެ. --ސީއެންއެން