ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އަންނަ މަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.

ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ސޮއިކުރައްވައި މިއަދު ނެރުއްވި ގަރާރެއްގައި ވިދާޅުވީ، ކޮވިޑު-19 ކޮންޓްރޯލް ކުރުމަށްޓަކައި، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، މި ކުއްލި ހާލަތުގައި އަޅަންޖެހޭ ހާއްސަ ފިޔަވަޅުތައް އަޅަމުން ގެންދެވުމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު އަންގަވާފައިވާ ކަމަށެވެ.

އަންނަ މަހުގެ ނިޔަލަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދަންމާލިއިރު ފާއިތުވި ދެ މަހެއްހާ ދުވަހުގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ރިކޯޑު މިންވަރަކަށް ވަނީ އިތުރުވެފަ އެވެ. ނަމަވެސް، މިހާރު ކޭސްތަށް ވަނީ މަދުވާން ފަށައިފަ އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 3،359 މީހުންނެވެ. މިހާތަނަށް 70،490 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 23 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. ހާލުބޮޑުވެ ވެންޓިލޭޓަރުގައި ފަރުވާ ދެނީ އެންމެ މީހަކަށެވެ. އެހެން އެންމެންގެ ހާލު ރަނގަޅު ކަމަށް އެޗްޕީއޭ އިން މީގެ ކުރިން ވަނީ ބުނެފަ އެވެ.