ޖިންސީ ކުށުގެ ދައުވާތަކެއް އުފުލާފައިވާ ކުރީީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ބާއްވަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން އެ މައްސަލަ ބަލައިގެންފި އެވެ.

އަލީ ވަހީދު ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނެވި އިރު އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައިގައި އަލީ ވަހީދުގެ މައްޗަށް ދައުވާ ކޮށްފަ އެވެ. ފަހުން އޭނާ ވަނީ ބޭސްފަރުވާއަށް ހަތަރު މަހަށް އިނގިރޭސިވިލާތަށް ވަޑައިގެންފަ އެވެ.

ހަތަރު މަހުގެ މުއްދަތު ހަމަވިއިރު ވެސް އަލީ ވަހީދު އެބުރު ރާއްޖެ ނައިސް އޭނާ އެދިވަޑައިގަތީ ޝަރީއަތް އޮންލައިންކޮށް ބޭއްވުމަށެވެ. ކްރިމިނަލް ކޯޓުން ނިންމީ އަލީ ވަހީދު އެދުނު ގޮތަށް އޮންލައިންކޮށް ޝަރީއަތް ބާއްވާށެވެ. ނަމަވެސް ކްރިމިނަލް ކޯޓުގެ އެ ނިންމުން ބަލައިނުގަނެ ދައުލަތުން ވަނީ އެ ނިންމެވުން ހައި ކޯޓުގައި އިސްތިއުނާފުކުރަން ހުށަހަޅައިފަ އެވެ.

ދައުލަތުން ހުށަހެޅި މައްސަލަ މިހާރު އެ ކޯޓުން ބަލައިގަނެ ވަނީ ރަޖިސްޓްރީކޮށްފަ އެވެ.

ކްރިމިނަލް ކޯޓުން މީގެ ކުރިން ބުނި ގޮތުގައި އޮންލިންކޮށް ޝަރީއަތް ބާއްވަން ގާޒީ ހަސަން ސައީދު ނިންމެވީ ސުޕްރީމް ކޯޓުން އެކުލަވާލާފައިވާ ވީޑިއޯ އަދި އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ކުރުމާ ބެހޭ ގަވައިދުގެ ދަށުންނެވެ.

އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ބާއްވަން ނިންމައި އެގޮތަށް މިހާރު ވަނީ އެއް އަޑުއެހުން ބާއްވައިފަ އެވެ. ކްރިމިނަލް ކޯޓުގެ އެދުމުގެ މަތިން އަލީ ވަހީދަށް ވަނީ ޔޫކޭގައި ހުންނަ ދިވެހި ހައި ކޮމިޝަނަށް ވަޑައިގެން އަޑުއެހުމުގައި ބައިވެރިވެވޭނެ ގޮތް ހަމަޖައްސައިދީފައިވެ އެވެ.