މޯލްޑިވްސް ނެޝެނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ އެސިސްޓެންޓް ޕްރޮފެސަރުގެ ވަޒީފާއިން ވަކިކުރި މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅާނެ ކަމަށް ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެ އެވެ.

އޮޮންލައިން ނޫހަކަށް މައުލޫމާތު ދެމުން ޑރ. އިޔާޒު ވިދާޅުވީ، ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އޭނާގެ ވަކީލުން މިހާރު ކުރައްވަމުން ގެންދަވާ ކަމަށެވެ.

ޑރ. އިޔާޒު ވަޒީފާ އިން ވަކިކުރުމުގެ ކުރިން އެމްއެންޔޫގެ ތަހުގީގު ކޮމިޓީއަކަށް ހާޒިރުކޮށް އޭނާއާ ދެކޮޅަށް ބައެއް ފަރާތްތަކުން ހުށަހަޅާފައިވާ ޝަކުވާތަކާ މެދު އޭނާ ދެކޭ ގޮތް ސާފުކުރެއްވި ކަމަށެވެ. ނަމަވެސް ހުށަހެޅިފައިވާ މައްސަލައަށް ވަކީލަކާ އެކު ޖަވާބުދާރީވާން ފުރުސަތަކަށް އެދުމުން އެ ފުރުސަތު ނުދެއްވާ ކަމަށެވެ.

ވަޒީފާއިން ވަކިކުރިކަމުގެ މައްސަލައިގެ އިތުރުން މިދިޔަ މާޗް މަހު އޭނާ ވަޒީފާ އިން ސަސްޕެންޑް ކުރި މައްސަލަ ވެސް ވަނީ ޓްރައިބިއުނަލަށް ހުށަހަޅާފަ އެވެ. ނަމަވެސް އެ މައްސަލައާ މެދު ޓްރައިބިއުނަލުން ގޮތެއް އަދި ނިންމާފައެއް ނުވެ އެވެ.

ބުރާސްފަތި ދުވަހު އެމްއެންޔޫގެ ވަޒީފާއިން ޑރ. އިޔާޒު ވަކިކުރީ އޭނާ އަންހެނުން ހިތާނު ކުރުމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓަކާއި ގުޅިގެންނެވެ. ނަަމަވެސް އެ ޕޯސްޓް ކުރެވި ސަބަބު އިޔާޒު ވަނީ ސާފުކޮށްދެއްވާފަ އެވެ.

އޭނާ ވިދާޅުވީ އަންހެނުން ހިތާނު ކުރުމަކީ އޭނާ ހިތްވަރު ދެއްވާ ކަމެއް ނޫން ކަމަށެވެ. އަދި އެކަން ޕްރޮމޯޓް ވެސް ނުކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ އޭނާ ޓުވީޓެއް ކުރެއްވީ އާންމުންގެ މީހަކު ކުރި ސުވާލަކާ ގުޅިގެން އަންހެނުން ހިތާނު ކުރުން އިސްލާމް ދީނުގައި އޮންނަނީ ކިހިނެތްކަން އަންގައި ދޭން ކަމަށެވެ.

ޑރ. އިޔާޒުގެ ޓްވީޓުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުންނާއި އިސްލާމިކް މިނިސްޓްރީ ވެސް ގެންދަނީ ބަލަމުންނެވެ.