ރަށުގައި ބައްޕަ ފުޅާ ދާއިރާއެއްގައި ހިންގި ފިހާރައިގެ އެކި ކަންކަމުގައި ވެސް ކުޑައިރު އޭނާ އެހީތެރިވެ އުޅުނު ހަނދާން ހުރެ އެވެ. 2006 ވަނަ އަހަރު ސްކޫލް ނިންމުމަށްފަހު ވެސް ގަސްދުކުރީ ވިޔަފާރީގެ ދާއިރާއިން އިތުރަށް ކުރިޔަށް ދާން މަތީ ތައުލީމު ހާސިލްކުރުމަށެވެ.

މާލެ އައިސް މާތީ ސާނަވީ ހާސިލްކުރިއިރު ވެސް އޭނާ ގަސްދުކުރީ ބިޒްނަސް ސްޓްރީމުން ކުރިޔަށް ދިއުމަށެވެ. ރ. ހުޅުދުއްފާރަށް އުފަން އާޝިޔާ އަޒީމާ 30، ވިޔަފާރިއަށް ކުޑައިރުއްސުރެ ވިޔަފާރިއަށް އޮންނަ ލޯބި ވަރަށް ބޮޑެވެ. އެހެންވެ އެ ދާއިރާއިން ކުރިޔަށް ދިއުމަށް ގިނަގުނަ މަސައްކަތްތަކެއް ފެށި އެވެ.

ވިޔަފާރީގެ ދާއިރާއިން ކުރިޔަށް ދިއުމަށް އާޝިޔާއަށް އެންމެ މުހިންމުވީ ތައުލީމެވެ. އެހެންވެ އޭނާ ވަނީ ބިޒްނަސް މެނޭޖްމަންޓް ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކޮށްފަ އެވެ. މީގެ އިތުރުން އޭނާއަކީ ގާނޫނީ ދާއިރާއިން ޑިގްރީ ހާސިލްކޮށްފައިވާ ކުޅަދާނަ ވަކީލެކެވެ.

އާޝިޔާގެ ވިޔަފަރީގެ ފެށުމަކީ މިއީ އެވެ؛ ދައްތައަކާއެކު ކ. ތުލުސްދޫގައި މީގެ ދެތިން އަހަރު ކުރިން ހުޅުވި ހަ ކޮޓަރީގެ ގެސްޓް ހައުސް އެވެ. އެއަށްވުރެ ފުޅާކޮށް ޓޫރިޒަމް ވިޔަފާރި ކުރިޔަށް ގެންދިއުމުގެ އުއްމީދުގައި އެތަން ބަންދުކުރުމަށްފަހު އަލުން ގެސްޓްހައުސްއެއް ހުޅުވަން އުޅެނިކޮށް އެކަމަށް ހުރަސް އެޅިގެން ދިޔައީ، މުޅި ދުނިޔޭގެ އިގްތިސާދު އެކޮޅުކޮޅުން ޖަހައިލި ކޮވިޑް -19 އެވެ.

"އަދިވެސް އަޅުގަނޑު މިހިރީ ގެސްޓްހައުސް ވިޔަފާރި ދޫކޮށްލާ ގޮތަކަށް ނޫން. ކޮވިޑުން އަރައިގަނެވުނީމަ އަލުން އެ ވިޔަފާރީގެ ތެރެއަށް ވަނުމުގެ ވިސްނުން އެބައޮތް،" އާޝިޔާ ބުންޏެވެ.

ޒުވާން ވިޔަފާރިވެރިޔާ އަދި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާގެ ނައިބު ރައީސާ ކަމަށް ދާދިފަހުން ހޮވުނު އާޝިޔާ އަޒީމާ "ހުރިހާ"އަށް އިންޓަވިއުއެއް ދެނީ. ފޮޓޯ: އަބްދުﷲ އަބީދު | ހުރިހާ

ޓޫރިޒަމް ވިޔަފާރީގައި އޭނާގެ ފެށުމަކީ ގެސްޓްހައުސް ވިޔަފާރިއެއް ނޫނެވެ. އާޝިޔާ ވަނީ ރަހުމަތްތެރިއަކާއެކު ޓްރެވަލް އެޖެންސީއެއް ވެސް ހިންގައިފަ އެވެ. ކާމިޔާބުކަމާއެކު ހިންގި އެ ކުންފުނި މިވަގުތަށް އޮތީ މަޑުޖެހިފަ އެވެ.

ޓޫރިޒަމް ވިޔަފާރިއާ މިވަގުތު ދުރުގައި ހުރި ނަމަވެސް ކޮވިޑްގެ މި އުނދަގޫ ދަނޑިވަޅުގައި ވެސް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު މާލޭގައި "ކޮފީ ކައުންސިލް"ގެ ނަމުގައި އަމިއްލަ ކެފޭއެއް ހުޅުވައިގެން އޭނާ އަންނަނީ ހިންގަމުންނެވެ. ޒުވާނުންނާ ގުޅޭ ގޮތަށް ކޮފީ އާއި އެކި ވައްތަރުގެ ސައިގެ ހިތްގައިމު ރަހަތައް ވެސް އެތަނުން ލިބެން ހުރެ އެވެ.

އާޝިޔާގެ "ކޮފީ ކައުންސިލް" ކެފޭގައި މުވައްޒަފަކު ކޮފީއެއް ތައްޔާރުކުރަނީ. ފޮޓޯ: އަބްދުﷲ އަބީދު | ހުރިހާ

"އަސްލު ވެސް އަޅުގަނޑަކީ ވަރަށް ކޮފީ ބޯން ލޯބިކުރާ މީހެއް. އެހެންވެ ހިތަށް އެރީ ޒުވާނުންނަށް ކަމުދާ ކަހަލަ ސްޕެޝަލިޓީ ކޮފީ ޝޮޕެއް ހުޅުވަން،" އާޝިޔާގެ ކޮފީ ކައުންސިލް ހުޅުވަން ޖެހުނު ސަބަބު "ހުރިހާ"އަށް ކިޔައިދެމުން ބުންޏެވެ.

ކޮފީ ކައުންސިލަކީ އޭނާ ދެކޭ ގޮތުގައި މިދަނޑިވަޅުގައި ވެސް ކާމިޔާބު ތަނެކެވެ. އެތަނަކީ އެތައް ޒުވާނުންގެ އިތުބާރު ލިބިފައިވާ ތަނަކަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އާޝިޔާ ވަނީ ހަދައިފަ އެވެ.

ކޮފީ ޝޮޕްގެ އިތުރުން މޭވާ އާއި ތަރުކާރީ ވިއްކާ ފިހާރައެއް ވެސް އޭނާ އަންނަނީ މާލޭގައި ހިންގަމުންނެވެ. މިގޮތުން މާވެޔޮމަގުގައި އޭނާ ފެށި އެ ފިހާރައަކީ ވެސް ކާމިޔާބު ފިހާއެއް ކަމަށް އޭނާ ދެކެ އެވެ.

"ފުރުޓާއި ވެޖެޓަބަލްއަށް ހާއްސަކޮށްގެން ހުޅުވި ފިހާރައަކީ ވެސް މިހާރު ވަރަށް ރަނގަޅަށް ކުރިޔަށްދާ ތަނެއް. މި ވިޔަފާރި ވެސް ވަރަށް ކާމިޔާބު،" އާޝިޔާ ބުންޏެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ވަޒީފާއަދާކުރިއިރު ވެސް އޭނާގެ ވިސްނުން ހުރީ އަމިއްލަ ފައިމައްޗަށް ތެދުވުމަށެވެ. އެއީ އަންހެނަކަށް ފުރިހަމަ މިނިވަންކަމާއެކު އުޅެވޭނީ މާލީ ގޮތުން މިނިވަން މީހަކަށް ވެގެން ކަމަށް އަބަދުވެސް ގަބޫލުކުރާތީ އެވެ. އަދި ގިނަ އަންހެނުންނަށް ގެވެށި އަނިޔާ އާއި އެނޫން ވެސް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުމުގެ މައިގަނޑު ސަބަބަކީ ކޮންމެ ވެސް މީހަކަށް ބަރޯސާވާން ޖެހުން ކަމަށް އާޝިޔާ ދެކެ އެވެ.

ޒުވާން ވިޔަފާރިވެރިޔާ އަދި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާގެ ނައިބު ރައީސާ ކަމަށް ދާދިފަހުން ހޮވުނު އާޝިޔާ އަޒީމާ "ހުރިހާ"އަށް އިންޓަވިއުއެއް ދެނީ. ފޮޓޯ: އަބްދުﷲ އަބީދު | ހުރިހާ

"އަޅުގަނޑު އޮފީހުގައި މަސައްކަތްކުރިއިރު އެހެން ގިނަ އެކުވެރިން ހުސް ވަގުތު ތިބޭނީ ސީރީޒް ބަލަން. އަހަރެން ގެންދިޔައީ ވޯކްކުރަމުން ވިޔަފާރީގެ ފުރުސަތުތަކަކީ ކޮބައިތޯ ބަލަމުން،" އާޝިޔާ ބުންޏެވެ. "އަޅުގަނޑު މިހާ ހިސާބަށް މިއައީ އަމިއްލަ މަސައްކަތުން. އެހެންވެ އެކަމަށް ވަރަށް ބޮޑަށް ފަޚުރުވެރިވޭ."

އަމިއްލަ ވިޔަފާރީގެ އިތުރުން އޭނާއަކީ މިހާރު ރާއްޖޭގެ ވިޔަފާރިވެރިން ތަމްސީލުކުރާ ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާގެ މި ދައުރުގެ ނައިބު ރައީސާ އެވެ. އެތައް އަހަރެއް ވަންދެން ވަޅުޖެހިފައި އޮތް އެ ޖަމިއްޔާ އަލުން ނަގައި ކޮޅަށް ޖެހުމަކީ މިހާރު އާޝިޔާގެ އެންމެ ބޮޑު އަމާޒެވެ.

"ވިޔަފާރިވެރިންގެ ޖަމިއްޔާއަށް ވަންނަން ނިންމީ މީހަކު ދިން ދައުވަތަކާ ގުޅިގެން. ފުރަތަމަ ހީކުރީ ނުވާނެއޭ އަދި އެކަހަލަ ކަމެއް،" އޭނާ ބުންޏެވެ.

ޒުވާން ވިޔަފާރިވެރިޔާ އަދި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާގެ ނައިބު ރައީސާ ކަމަށް ދާދިފަހުން ހޮވުނު އާޝިޔާ އަޒީމާ "ހުރިހާ"އަށް އިންޓަވިއުއެއް ދެނީ. ފޮޓޯ: އަބްދުﷲ އަބީދު | ހުރިހާ

ނަމަވެސް އާޝިޔާގެ އެކުވެރިންނާއެކު މަޝްވަރާކުރުމަށްފަހު އޭނާ ނިންމީ ޖަމިއްޔާގެ މަގާމަށް އަންނަން ދިއުވަތު ގަބޫލުކުރުމަށެވެ. އެ ޖަމިއްޔާއާ އާޝިޔާ ގުޅުމުގެ އެންމެ ބޮޑު ބޭނުމަކީ މިހާރު ހިނގަމުން އަންނަ ވިޔަފާރިތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ކޮވިޑާ ގުޅިގެން ބަނގުރޫޓުވެ އިނދަޖެހިފައިވާ ވިޔަފާރިތަކަށް ވެސް ދަނޑިވަޅުގައި ސަރުކާރާ ގުޅިގެން އެހީތެރިކަމުގެ އަތެއް ފޯރުކޮށްދެވޭތޯ ބެލުމެވެ.

"އަޅުގަނޑުގެ އެއްވެސް އަމިއްލަ ބޭނުމެއް އޮވެގެންނެއް ނޫން ޗެމްބަ އޮފް ކޮމާސްއަށް ވަންނަން ޖެހުނީ. އަޅުގަނޑު ދެކޭ ގޮތުގައި މިހާރު ހިނގަމުން އަންނަ ވިޔަފާރިތަކުން ބޭނުންވާ ކަންތައްތަކާއި މިދަނޑިވަޅުގައި ބަންދުކުރަން ޖެހުނު ވިޔަފާރިތަކުގެ ސަމާލުކަން ސަރުކާރަށް ގެންގޮސްދީ އެ މީހުންނަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށް ދޭން ޖެހޭ،" އޭނާ ބުންޏެވެ.

މީގެ އިތުރުން އާޝިޔާ އެ ޖަމިއްޔާއާ ގުޅުނީ އިޖުތިމާއެއް ޒިންމާއެއް ކަމަށް ދެކިގެންނެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ވިޔަފާރީގެ އެކި ކަންކަމާ ގުޅޭ ގާނޫނުތައް އަންނައިރު އެބަ ޖެހޭ ޖަމިއްޔާއިން އެކަންކަމަށް ހިޔާލު ދޭން. ކުރިޔަށް އޮތްތަނުގައި ވެސް އެކަމަށް ބޮޑު ސަމާލުކަމެއް ދީގެން މަސައްކަތް ކުރާނަން،" އޭނާ ބުންޏެވެ.

އާޝިޔާ އެންމެ އިސްކަންދެނީ ބައްޕަ ފަދައިން ވިޔަފާރީގެ ދާއިރާއިން ކުރިޔަށް ދިއުމަށެވެ. އެހެންވެ އެ ދާއިރާއަށް އޭނާގެ އޮތީ އިންތިހާއަށް ބޮޑު ލޯތްބެކެވެ.