ޕެރޯލް އަށް ނިކުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ދިނުމަށް ސްޓެލްކޯ އިން ނިންމައިފި އެވެ.
އެ ގޮތުން އެ ފަރާތްތަކަށް ވަޒީފާ ހޯދައި ދިނުމަށްޓަކައި ސްޓެލްކޯ އިން މިއަދު ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒް އާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓާ އިމްރާން އަބުދުﷲ އެވެ. ކަރެކްޝަނަލް ސާރިވސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދު ފުޅު އެވެ. ސްޓެލްކޯގެ ފަރާތުން ސޮއިކުރއްވީ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އެވެ.
ސްޓެލްކޯ އިން ބުނީ މި އެއްބަސްވުމުގެ ދަށުން ޕެރޯލް އަށް ޝަރުތުހަމަވެގެން ނިކުންނަށް ފަރާތްތަކަށް ސްޓެލްކޯގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ މި ފުރުސަތު އެދޭ ކޮންމެ ފަރާތްތަކަށް ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
މި ފުރުސަތު ދެނީ ސްޓެލްކޯގައި ލޭބަރުންގެ ގޮތުގައި މަސައްކަތް ކުރުމަށެވެ. އަދި މި ފުރުސަތުގައި ސްޓެލްކޯގެ އަތޮޅުތަކުގެ ބްރާންޗްތަކުގައި ވެސް މަސައްކަތް ކުރެވޭނެ އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ ޕެރޯލްގެ ދަށުން ދެވަނަ ފުރުސަތުދޭވޭ ފަރާތްތަކަކީ، ޖަލުގައި މިހާރުވެސް މަސައްކަތާއި ގުޅޭ ހުނަރާއި ތަމްރީން ދެވިފައިވާ ފަރާތްތަކަށް ކަމަށެވެ.
މި އެއްބަސްވުމުގައި ސޮއިކުއްވުމަށް ފަހު މިނިސްޓާ އޮފް ހޯމް އެފެއާޒް އިމްރާން އަބުދުﷲ ވިދާޅުވީ، މިއީ ދެވަނަ ފުރުސަތުގައި މުޖުތަމައަށް ނިކުންނަށް ފަރާތްތަކަށް މީހުން ބަލައިގަންނަ ބަޔަކަށް ހެދުމަށާއި އެއްކޮށް މިނިވަންވެގެން އަންނަ އިރު، އާމްދަނީ ވެސް ލިބޭ ބަޔަކަށް ހެދުމަށް ދެވޭ ފުރުސަތެއް ކަމަށެވެ.
ސްޓެލްކޯ ގެ މެނޭޖިން ޑިރެކްޓާ ހަސަން މުޣުނީ ވިދާޅުވީ، މިއީ ގައިދީންނަކީ މުޖުތަމައުގައި ބަލައިގަންނަ ބަޔަަށް ހެދުމަށް ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމަށް އެހީތެރިކަން ދިނުމަށް ނެގި އިސްނެގުމެއް ކަމަށެވެ.
ސްޓެލްކޯ އިން މި ޕްރޮގްރާމް ކުރިއަށް ގެންދަނީ " ފަހި ފުރުސަތު" ގެ ނަމުގަ އެވެ.
މި އެއްބަސްވުމުން ހަދާފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ.