ރާއްޖޭގެ ވެރިކަމަށް ކޮންމެ މީހަކު އަޔަސް ޖެހޭނީ އިންޑިއާ ކައިރިއަށް ދާން ކަމަށާއި، އިންޑިއާ ކައިރިއަށް ނުގޮސް ނުވާނެ ކަމަށް ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވެއްޖެ އެވެ.

ހަލީމް އެގޮތަށް ވިދާޅުވީ ރޭ "ސަންގުޓިވީ" އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.

ހަލީމް ވިދާޅުވީ ރާއްޖެއަކީ ކުޑަ ގައުމެއް ކަމަށާއި، ކުޑަ ގައުމުތަކުން ބޮޑެތި ގައުމުތަކުގެ ކައިރިއަށް ދާން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ކޮންމެ ރައީސަކު ވެރިކަމަށް އަޔަސް ހަމަ އިންޑިއާ ކައިރިއަށް ދާން ޖެހޭނެ. އަޅުގަނޑުމެން ބޮޑެތި ގައުމުތަކުގެ ކައިރިއަށް ނުގޮހެއް ނުވާނެ،" ހަލީމް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ރާއްޖެ އޮންނަނީ އދ.ގެ ޗާޓަރުގެ ތެރޭގައި ކަމަށާއި، އަދި އެ އޯގަނިޒޭޝަނުގެ މުއާހަދާތަކުގައި ސޮއިކޮށްގެން ކަމަށެވެ. އަދި ވިދާޅުވީ، ޒިންމާދާރު ނުވާ ނަމަ ގައުމެއްގެ ގޮތުގައި ރާއްޖެ ނޯންނާނެ ކަމަށާއި ދުނިޔޭގެ ބާރުގަދަ ގައުމުތަކާ މައްސަލަ ޖެހޭނަމަ ރާއްޖެއަށް ވަރަށް ދެރަ ގޮތްގޮތް ދިމާވެދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ އިންޒާރު ދީ ޓުވީޓް ކުރި މައްސަލައާ ގުޅޭގޮތުން ހަލީމް ވިދާޅުވީ ދުނިޔޭގެ ކޮންމެ ތަނެއްގައިވެސް ހުންނަ އެމްބަސީއަކީ އެ ގައުމެއްގެ އެންމެ މަތީ ބާރުތަކުން އިހުތިރާމުކުރުމާއެކު ހިމާޔަތް ކުރަންޖެހޭ ތަންތަން ކަމަށެވެ.

"އެ ދައްކާ ވާހަކައަކީ ދުނިޔޭގެ ނަޒަރުން ބަލާނަމަ ކުޑަ ވާހަކައެއް ނޫން. އެމްބަސީއެއް ގޮއްވާލާ ވާހަކައަކީ ދުނިޔޭގެ ނަޒަރުން ވަރަށް ބޮޑެތި ކަންތައް،" އޭނާ ވިދާޅުވި އެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް އަމާޒުކުރައްވާ ހަލީމް ވިދާޅުވީ، އެ ކޯލިޝަނުން ކުރައްވަން އެ އުޅުއްވާ ކަމަކީ، ރޭވުމެއްގެ ތެރެއިން ރާއްޖޭގެ އިގްތިސޯދު ފުޑާލެވޭނެ ގޮތެއް ހޯދުން ކަމަށެވެ.