ވޯލްޑް ހެލްތު އޯގަނިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން ރާއްޖޭގެ ސިއްހީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބައެއް ތަކެތި ހަދިޔާކޮށްފި އެވެ.

އެ ތަކެތި ހެލްތާ ހަވާލުކޮށްދެއްވީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޑަބްލިޔުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅާފައިވާ މަންދޫބު ޑރ. ނާޒްނީން އަންވަރު އެވެ.

ޑަބްލިޔުއެޗްއޯއިން މިއަދު ރާއްޖެއަށް ހަދިޔާކުރި ތަކެތީގެ ތެރޭގައި ކޮވިޑް-19 އާއި ގުޅިގެން ބޭނުންވާ ބައެއް ބޭސްތަކުގެ އިތުރުން، 11 ޖީން އެކްސްޕާޓް މެޝިނާއި، 10 އޮޓޯކްލޭޓް، އަދި ކޮވިޑް-19 އާ ގުޅިގެން ހަރަކާތްތެރިވާ ރެޕިޑް ރެސްޕޮންސް ޓީމްތައް ބޭނުންކުރުމަށް ހަ މޮޓޯސައިކަލް ހިމެނެ އެވެ.

އޭޣެ އިތުރުން ކޮވިޑް-19 ވެކްސިން ރައްކާކުރުމަށް ބޭނުންވާ އާލާތްތަކާއި ޓެސްޓްކުރުމަށް ބޭނުންވާ 500،19 ޓެސްޓު ކިޓް މިއަދު ވަނީ ހަވާލުކޮށްފަ އެވެ. އެ ތަކެތީގެ ތެރެއިން 11 ޖީން އެކްސްޕާޓް މެޝިނާއި އެކު ރާއްޖޭގެ 18 އަތޮޅެއްގެ އަތޮޅު ހޮސްޕިޓަލްތަކުގައި މެޝިންތައް ބެހެއްޓި ކޮވިޑަށް ޓެސްޓްކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެ އެވެ.

އަދި އިތުރު 10 ރަށެއްގައި އޮޓޯކްލޭވް ބެހެއްޓި ސިއްހީ ހިދުމަތްދިނުމަށް ބޭނުންކުރާ ތަކެތި ރައްކާތެރިކޮށް ނައްތާލުމުގެ އިންތިޒާމްތައް ހަމަޖެހިގެންދާނެ އެވެ. މީގެ އިތުރުންވެސް ރެޕިޑް ރެސްޕޮންސް ޓީމްތަކުގެ މަސައްކަތް އަވަސްވެ، ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް އިތުރު ލުއިފަސޭހަތަކެއް ލިބޭނެ ކަމަށް ވެސް ހެލްތް މިނިސްޓްރީން ބުނެ އެވެ.