ހުއްޓިފައިވާ ލޯކަލް ކައުންސިލްތައް އޮޑިޓްކުރުމުގެ މަސައްކަތް އަލުން ފަށަން ތައްޔާރުވެއްޖެ އެވެ.
އޮޑިޓާ ޖެނެރަލް އޮފީހުން ބުނީ، ވޭތުވެދިޔަ ދެތިން އަހަރު ކައުންސިލްތައް އޮޑިޓް ކޮށްފައި ވަނީ އަމިއްލަ އޮޑިޓް ފާމްތަކާ ހަވާލު ކޮށްގެން ކަމަށާއި އެ މަސައްކަތް އެކަށީގެންވާ ވަރަށް ކުރިއަށް ގޮސްފައި ނެތް ނަމަވެސް މިއަހަރު އެ މަސައްކަތް އަލުން ފަށާނެ ކަމަށެވެ.
އަމިއްލަ އޮޑިޓްފާމްތަކާ ހަވާލުކޮށްގެން ކައުންސިލްތަށް އޮޑިޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ އޮޑިޓް އޮފީހުގައި އެވަރަށް ވަސީލަތް ނެތުމާއި ގުޅިގެންނެވެ.ހުރިހާ ކައުންސިލެއް އޮޑިޓް ކުރެވޭ ވަރަށް އޮޑިޓް އޮފީހުގައި މިވަގުތު ވަސީލަތްތައް ނެތުމުން އެ މަސައްކަތް ކުރަނީ އާންމުކޮށް އިއުލާން ކޮށްގެން ކުރިމަތިލާ އޮޑިޓް ފާމަކާ ހަވާލު ކޮށްގެނެވެ. މިދިޔަ އަހަރު ވެސް ކައުންސިލްތައް އޮޑިޓް ކުރަން ބަޔަކާ ހަވާލުކުރުމުގެ ގޮތުން އެއްބަސްވުމެއްގައި ސޮއިކުރިއެވެ.
ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން ގިނަ ރަށްތަކެއް ލޮކްޑައުން ކުރުމުން އެ އެއްބަސްވުން ބާތިލު ކުރީ އެވެ. ކައުންސިލްތައް އޮޑިޓް ކުރަން މިއަހަރުގެ މޭ މަހުގެ ކުރީކޮޅު ވެސް އޮޑިޓް ފާމެއް ހޯދަން މަސައްކަތް ކުރި އެވެ. ފަހުން މަސައްކަތް މަޑުޖައްސާލީ ވެސް ކޮވިޑްގެ ހާލަތު ގޯސް ވުމާއި ގުޅިގެންނެވެ.
އޮޑިޓް އޮފީހުން އަމިއްލަ ފާމަކާ ހަވާލުކޮށްގެން އޮޑިޓް ކުރާނީ 129 ކައުންސިލ އެވެ. އޮޑިޓް އޮފީހުން ކަނޑައަޅާ އޮޑިޓް ފާމެއް މެދުވެރިކޮށް އޮޑިޓް ކުރަނީ 129 ލޯކަލް ކައުންސިލެކެވެ. ބާކީ ހުރި ކައުންސިލްތައް އޮޑިޓް ކުރަނީ އޮޑިޓް އެ އޮފީހުންނެވެ. އެ އޮފީހުން އޮޑިޓް ކުރާ ކައުންސިލްތަކުގެ ތެރޭގައި ހިމެނެނީ ދެކުނުގައި ގާއިމު ކޮށްފައިވާ އޮޑިޓް އޮފީހުން އޮޑިޓް ކުރާ އެންމެ ދެކުނުގެ ހަތަރު އަތޮޅުގެ ކައުންސިލްތަކާއި މާލެ ސިޓީ ކައުންސިލާއި މާލެ އާއި ކައިރީގައިވާ ރަށްތަކުގެ ކައުންސިލް ތަކެވެ.