ޖިންސީ ގޯނާގެ ގިނަ ތުހުމަތުތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރުު އަލީ ވަހީދުގެ ޝަރީއަތް ކްރިމިނަލް ކޯޓުން އޮންލައިންކޮށް ކުރިއަށް ގެންދާ މައްސަލައިގެ އިސްތިއުނާފު ހައި ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ.

ހައި ކޯޓުން އެ މައްސަލަ ބޭރުކުރީ އިޖުރާއީ އަޑުއެހުމެއް ބޭއްވުމަށް ފަހު އެވެ. އިޖުރާއީ އަޑު އެހުމުގައި މައްސަލަ ބައްލަވާ ފަނޑިޔާރުން އޮޅުންފިލުވީ އެއީ އެ ކޯޓުގައި ކުރިއަށް ގެންދެވިދާނެ މައްސަލައެއްތޯ އެވެ. އިޖުރާއީ އަޑު އެހުމަށްފަހު ހައި ކޯޓުން ނިންމީ އަލީ ވަހީދުގެ މައްސަލަ އިސްތިއުނާފީ ދައުވާއެއްގެ ގޮތުގައި ކުރިޔަށް ގެންދާނެ ޝަރުއީ އަދި ގާނޫނީ ހަމައެއް މިހިނދުގައި ނެތް ކަމަށާއި އެހެންވެ ދައުވާ ފޯމް ބާތިލްކުރާ ކަމަށެވެ.

މިދިޔަ އަންގާރަ ދުވަހު ބޭއްވި އިޖުރާއީ އަޑުއެހުމުގައި ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުގެ ފަރާތުން އެދުނީ އަލީ ވަހީދުގެ ބަންދުކުރުމުގެ އަމުރެއް ހައިކޯޓުން ނެރެގެން ނަމަވެސް، މައްސަލަ ކުރިއަށް ގެންގޮސްދިނުމަށެވެ. އެ އަޑު އެހުމުގައި ފަނޑިޔާރުން ވަނީ އަލީ ވަހީދުގެ މައްސަލަ އައިރު ހާޒިރުގައި ކުރިއަށް ގެންދެވިދާނެތޯ ނުވަތަ އޮންލައިންކޮށް ކުރިއަށް ގެންދެވިދާނެތޯ ސުވާލު ކުރައްވާފަ އެވެ.

އެ ސުވާލުގެ ޖަވާބު ދެއްވަމުން ޕީޖީ އޮފީހުން ބުނެފައި ވަނީ، ހުށަހަޅާފައިވާ މައްސަލައަކީ އަލީ ވަހީދުގެ ޝަރީއަތް ކުރިއަށް ގެންދާ ގޮތާމެދު ހިޔާލު ތަފާތު އޮތް މައްސަލައަކަށްވާތީ، އޭނާއަށް ޖަވާބުދާރީނުވެވޭ ގޮތަކަށް އަޑުއެހުންތައް ކުރިއަށް ނުގެންދެވޭނެ އެވެ. އެހެންކަމުން އަލީ ވަހީދުގެ އައިރު ހާޒިރުގައި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ. ރާއްޖެއިން ބޭރުގައި ހުރެގެން ދައުވާ ލިބޭ ފަރާތުން އަޑުއެހުމުގައި ބައިވެރިވުމަކީ ގާނޫނާ ހިލާފުކަމެއް ކަމަށެވެ.

އެއަށްފަހު ފަނޑިޔާރުން ޕީޖީ އޮފީހާ ސުވާލު ކުރެއްވީ އެ މައްސަލައަށް ފަރުވާ ހޯދުމާއި ގުޅޭ ގޮތުންނެވެ. ހައިކޯޓުން އަމަލު ކުރާނެ ގޮތެއް ގާނޫނުތަކުގެ އަލީގައި ބުނެދިނުމަށް ފަނޑިޔާރުން އެދިވަޑައިގެންނެވި އެވެ. ޕީޖީ އޮފީހުގެ ވަކީލުން އެ ސުވާލަށް ޖަވާބު ދެއްވަމުން ވިދާޅުވީ މީހުން ޝަރީއަތަށް ހާޒިރުކުރުމަކީ ކޯޓުތަކަށް ލިބިގެންވާ ބާރެއް ކަމަށާއި އެކަމުގައި އަމަލުކުރާނެ އުސޫލުތައް އެބަހުރި ކަމަށެވެ. އެންމެ ފުރަތަމަ ޗިޓް ފޮނުވައިގެން ހާޒިރު ކުރަން މަސައްކަތް ކުރެވިދާނެ ކަމަށާއި، އެގޮތުން ހާޒިރު ނުވެއްޖެނަމަ، އެންމެ މަސްލަހަތު ހުރި ގޮތަކީ އެމީހަކު ބަންދުކޮށްގެން ހާޒިރުވާން އެންގުން ކަމަށް ވަކީލުން ވަނީ ވިދާޅުވެފަ އެވެ.

ހައި ކޯޓުގައި ކުރިއަށް ގެންދިޔަ އިޖުރާއީ އަޑު އެހުމުގައި ޕީޖީ އޮފީހުން އިތުރަށް ވިދާޅުވެފައި ވަނީ، އަލީ ވަހީދު ބަންދުކޮށްގެން ކޯޓަށް ހާޒިރުކޮށްދިނުމަށް އެދި ފުލުހުންގެ މައްޗަށް އަމުރެއް ހައިކޯޓަށް ނެރެވިދާނެ އެވެ. ދެން އޮތް ގޮތަކީ އޭނާގެ ޕާސްޕޯޓް ހިފެހެއްޓުން ކަމަށާއި ނަމަވެސް، އެފަދަ އަމުރެއް ވެސް ކުރިމިނަލް ކޯޓުން ނުލިބުނު ކަމަށެވެ.

އަލީ ވަހީދުގެ މައްސަލަ ތަހުގީގު ކުރެއްވުމަށްފަހު ކްރިމިނަލް ކޯޓަށް ފޮނުވުމުން އޭނާގެ ޕާސްޕޯޓް ވަނީ ހިފަހައްޓައިފަ އެވެ. ޕާސްޕޯޓް ހިފަހައްޓަން އަމުރުކޮށްފައި ވަނިކޮށް އެ އަމުރު ބާތިލްކުރީ އަލީ ވަހީދު ބޭސް ފަރުުވާއަށް ރާއްޖެއިން ބޭރަށް ދާން ޖެހޭކަމަށް ބުނެ ކްރިމިނަލް ކޯޓަށް ހެކި ހުށަހެޅުމުންނެވެ.

ހެކީގެ ގޮތުގައި އަލީ ވަހީދު ހުށަހެޅުއްވީ އައިޖީއެމްއެޗުގެ ކަށީގެ ޑޮކްޓަރު ޔޫސުފް ޝާން އެވެ. ޝަރީއަތުގައި ހެކިބަސް ދެމުން ޑރ. ޝާން ވިދާޅުވެފައި ވަނީ އަލީ ވަހީދުގެ އޮޕަރޭޝަން ރާއްޖެއިން ކުރުން ނުރައްކާ ކަމަށެވެ. ބޭސް ފަރުވާގެ ކަންތައް ފުރިހަމަ ކުރުމަށް އަލީ ވަހީދު މިހާރު ހުންނެވީ އިނގިރޭސިވިލާތުގަ އެވެ.

އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި ހުންނަ ހުންނަވައިގެން ކުރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތުގައި އަލީ ވަހީދަށް ބައިވެރިވެވޭނެ އިންތިޒާމް އެ ކޯޓުން ހަމަޖައްސައިދީފައި ވަނީ އޭނާގެ ބޭސްފަރުވާގެ ކަންކަން ނުނިމޭ ކަމަށް ބުނެ ލިޔުން ހުށަހެޅުމާ ގުޅިގެންނެވެ.