ޒަމާނުންސުރެ ކުނި ގިނަވެ ޒަމާންތަކެއްވަންދެން ހައްލުނުވެ ހުރި ރަށްތަކުގެ ކުނީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ހާއްސަ މަސައްކަތެއް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ މިއަދު ފުވައްމުލަކު ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުނެވެ.
ފުވައްމުލަކުގެ ކުނީގެ މައްސަލައަށް ހައްލެ ހޯދުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރެވުންދާކަން ފާހަގަ ކުރައްވަމުން ރައީސް ސޯލހް ވިދާޅުވީ އެކި ރަށްރަށަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތުގެ ތެރެއިން ވެމްކޯއާއި ހަވާލުކުރެވިގެން ގިނަދުވަސްވެ ފުނިޖެހިފައިވާ ކުނި ގެންދިއުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަމަށެވެ.
މީގެ އިތުރުން ރައީސް ސޯލިހު ވަނީ ކައުންސިލުތަކަށް ދަތިވާ ކަންކަމުގައި ސަރުކާރުން އަބަދުވެސް އެހީތެރިވަމުން ގެންދަވާނެކަން ފާހަގަ ކުރެއްވި އެވެ. އަދި ކައުންސިލަރުން ހުށަހެޅުއްވި ކަންކަން ހައްލުކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރަތަކާ ގުޅިގެން މަސައްކަތްކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
މިބައްދަލުވުމުގައި ފުވައްމުލަކު ސިޓީގެ ބައެއް ކައުންސިލަރުން ވަނީ ފުވައްމުލަކުގައި ކުށްމަދު ކުރުމަށާއި އަމާންވެއްޓެއް ގާއިމްކުރުމަށް ހުރި ހުރަސްތަކުގެ މައްޗަށް އަލިއަޅުވާލައި ވާހަކަފުޅުދައްކަވާފަ އެވެ. އެގޮތުން، އެސިޓީގައި ފުލުހުންގެ ޚިދުމަތާއި މަސްތުވާތަކެއްޗަށް ފަރުވާ ކުރުމުގެ ނިޒާމުގެ ތެރެއިން ފަރުވާ ނުދެވި ތިބި ފަރާތްތައް ފަރުވާގެ ނިޒާމުގެ ތެރެއަށް ގެނައުމަށް ކުރެވެންހުރި މަސައްކަތްތަކާބެހޭގޮތުން މަޝްވަރާކުރެވުނެވެ.
ރައީސް ވިދާޅުވީ ފުލުހުންގެ ޤާނޫނާއެކު މާސްޓަރޕްލޭނެއްގެ ތެރެއިން އެކި ސަރަޙައްދުތަކަށް ބަހާލެވިގެން ތިން އަހަރު ދުވަހުގެ ތެރޭގައި ބޮޑެތި ބަދަލުތަކެއް ފެނިގެންދާނެ ކަމަށެވެ. އަދި ރަށްރަށުގައި ފުލުހުން އިތުރުކުރުމުގެ މަސައްކަތަކީވެސް ކުރިއަށްދާ މަސައްކަތެއްގެ ގޮތުގައި ފާހަގަކުރެއްވި އެވެ. އަދި ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ އައު މެނޭޖްމަންޓާއެކު ފަރުވާއަށް ޚާއްސަކުރެވިގެން ރަނގަޅު ބަދަލުތަކެއް އަންނާނެކަމުގެ އުއްމީދު ބޮޑުކަމަސްވެސް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން މިބައްދަލުވުމުގައި ފުވައްމުލަކު ސިޓީގެ ތަރައްގީއަށް ކުރަމުންގެދަވާ މަޝްރޫއުތަކާ ބެހޭ ގޮތުން މައުލޫމާތު ސާފުކުރެއްވި އެވެ. ސިއްހީދާއިރާގެ ތަރައްގީއަށް ފުވައްމުލަކުގައި ސަރުކާރުން އަލަށް ޤާއިމްކުރުމަށް ހަމަޖެހިފައިވާ 30 އެނދުގެ އައު ހޮސްޕިޓަލުގެ މަސައްކަތް ކުރިޔަށް ދާގޮތުގެ ތަފްސީލުތައް ކައުންސިލުން ވަނީ މި ބައްދަލުކުރެއްވުމުގައި އޮޅުންފިލުވާފަ އެވެ.
މި ހޮސްޕިޓަލް ތަރައްޤީވެގެން އަންނައިރު ފުވައްމުލަކަށް މިހާރު ބޭނުންޖެހިފައިވާ ޑައިގްނޯސްޓިކް ޚިދުމަތްތައް މި ހޮސްޕިޓަލުގައި ޤާއިމްކުރެވިގެންދާނެ އެވެ. ފުވައްމުލަކުގައި ކޮވިޑަށް ޓެސްޓުކުރުމަށް ޕޮއިންޓް އޮފް ކެއަރ މެޝިނެއް ބެހެއްޓުމުގެ މަސައްކަތަށް އަންނަ ހަފްތާގައި ޓެކްނީޝަނުން އެސިޓީއަށް ދިއުމަށް ހަމަޖެހިފައިވާކަމަށާއި، ވޯލްޑް ބޭންކުގެ އެހީގައި ފުވައްމުލަކުގައި ބަހައްޓާ ޕީސީއާރު މެޝިން ސެޕްޓެމްބަރ މަހުގެ ނިޔަލަށް ޤާއިމްކުރެވިގެންދާނެކަން މިބައްދަލުވުމުގައި ފާހަގަކުރެއްވި އެވެ.