ކުރީގެ ރައީސް، ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފުރާނައަށް ނުރައްކާވެ ހަމަލާއެއް ދޭން ބަޔަކު ތައްޔާރުވަމުންދާ ކަމުގެ މައުލޫމާތު ލިބުމުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެ މައުލޫމާތު އެމްއެންޑީއެފް އާއި ހިއްސާކޮށްފައި ނުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ހެދި އިންކުއަރީ ރިޕޯޓްގައި ބުނެފި އެވެ.

ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވަނީ ނަޝީދަށް ހަމަލާއެއް ދޭން އުޅޭކަމުގެ މައުލޫމާތު މާރިޔާއާ ހިއްސާކުރައްވާފަ އެވެ. ނަޝީދަށް ހަމަލާ ދޭން ތިން މިލިއަން ޑޮލަރުގެ ޓާސްކެއް ހަވާލުކޮށްފައިވާކަން އިލްޔާސް ވަނީ މާރިޔާއާ ހިއްސާކުރައްވާފަ އެވެ. އެ މައުލޫމާތު މާރިޔާއާ ހިއްސާކުރެއްވީ ވަނީ މޭ، ހަތަރު ވަނަ ދުވަހު އެވެ.

އެކަމާ ގުޅިގެން 241 ކޮމިޓީން އަށް މައުލޫމާތު ދެއްވަމުން މާރިޔާ ވިދާޅުވެފައި ވަނީ، ތިން މިލިއަން ޑޮލަރު ދީގެން ނަޝީދު އަވަހާރަކޮށްލަން އުޅޭ ކަމުގެ ވާހަކައެއް އިލްޔާސް އޭނާ ގާތު ވިދާޅުވި ކަމާއި އެއީ ޖިނާއީ ކުށަކަށް ވާތީ އެކަން ފުލުހުންނާ ހިއްސާކުރުމަށް އެދިވަޑައިގެންނެވި ކަމަށެވެ.

އިލްޔާސްގެ ފަރާތުން ލިބުނު މައުލޫމާތު އެމްްއެންޑީއެފްއާ ހިއްސާކޮށްފައި ނުވާކަމަށް މާރިޔާ ވަނީ އިއުތިރާފުވެވަޑައިގެންފަ އެވެ. މައުލޫމާތު އެއްވެސް ފަރާތަކާ މިނިސްޓަރު ހިއްސާ ނުކުރެއްވީ އެއީ، "މައުލޫމާތު" ނޫން ކަމަށް ވާތީ ކަމަށް އިންކުއަރީއަށް އޭނާ ވިދާޅުވި އެވެ.

"ހުޅުދޫ ދާއިރާގެ އިއްޒަތްތެރި މެންބަރުގެ ފަރާތުން އަޅުގަނޑަށް ލިބުނީ ފޯނު ކޯލެއް، މައުލޫމާތެއް ނޫން، އެއީ މައުލޫމާތެއް ކަމަަށް އަޅުގަނޑު ބަލަނީ، މީހެއްގެ ނަމެއް ނުވަތަ ފޮލޯ ކުރެވޭނެ ކޮންމެ ވެސް ގޮތެއް އަޅުގަނޑަށް ފޯރުކޮށް ދެއްވި ކަމަށް ވަންޏާ،" މާރިޔާ ވިދާޅުވި އެވެ.

ނަމަވެސް އިލްޔާސް ހިއްސާ ކުރެއްވި ވާހަކަތަކަކީ މުހިންމު މައުލޫމާތު ތަކެއް ކަމަށާއި، އެ މައުލޫމާތުތަކަކީ އެމްއެންޑީއެފްގެ ކަމާބެހޭ ފަރާތްތަކާ މާރިޔާ ހިއްސާކުރައްވައި އެކަމާ ގުޅިގެން އެމްއެންޑީއެފްއިން ފިޔަވަޅުތަކެއް އަޅަން ޖެހޭނެ ފަދަ ވާހަކަތަކެއް ކަމަށް އިންކުއަރީއަށް ގަބޫލުކުރެވޭ ކަމަށް ރިޕޯޓްގައިވެ އެވެ.

އެ މައުލޫމާތު ލިބުނުއިރު، ނަޝީދުގެ ތުރެޓް ލެވެލް ވަނީ ކްރިޓިކަލް ކަމަށް ކަނޑައަޅާފަ އެވެ. ކްރިޓިކަލްއަކީ ވަރަށް އަވަހަށް ހަމަލާއެއް ދީފާނެ ކަމަށް ބެލުމެވެ. މާހިރުން ވިދާޅުވެފައިވާ ގޮތުގައި، ތްރެޓް ލެވެލް ކްރިޓިކަލް ކަމަށް ކަނޑައަޅާފައިވާ ފަރާތަކާ ގުޅޭ ގޮތުން ލިބޭ އެއްވެސް މައުލޫމާތަކީ، "ޑިސްރިގާޑް" ނުވަތަ އަޅާނުލާ ދޫކޮށްލެވޭނެ މައުލޫމާތެއް ނޫނެވެ.

އެކަންކަމާ ހަވާލާދީ އިންކުއައިރީއަށް ފާހަގަވިި ކަމަކީ ނަޝީދުގެ ތްރެޓް ލެވެލް، ކްރިޓިކަލް ކަމަށް ކަނޑައަޅާފައިވަނިކޮށް ތިން މިލިއަން ޑޮލަރު ދީ ނަޝީދު މަރާލަން އުޅޭ ވާހަކައަކީ އެމްއެންޑީއެފްގެ ލީޑަޝިފްއާ ހިއްސާކުރެވި، ޑިފެންސް އިންޓެލިޖަންސް ސާވިސްއާ ހިއްސާ ކުރެވެންވާނެ މައުލޫމާތެއް ކަމަށެވެ.

"މިފަދަ މައުލޫމާތެއް ލިބިއްޖެނަމަ އެއީ އިންޓެލިޖެންސް ސައިކަލްއަށް ވަންނަން ޖެހޭނެ މައުލޫމާތެއް ކަމަށް މި އިންކުއަރީއަށް މައުލޫމާތު ދެއްވި ހުރިހާ މާހިރުން އިއްތިފާގުވޭ،" ރިޕޯޓްގައި ވެ އެވެ.

އެމްއެންޑީއެފްއާ އެ މައުލޫމާތު ހިއްސާ ނުކުރައްވާ މާރިޔާ އެކަން ދިފާއު ކުރައްވައި އެ މައުލޫމާތު ހިއްސާ ނުކުރެއްވުން ދިފާއު ކުރައްވައި މާރިޔާ އިންކުއަރީއަށް ވިދާޅުވެފައި ވަނީ، މައުލޫމާތު ލިބުމާއެކު ޗީފް އޮފް ޑިފެންސް ފޯސް އާއި ވައިސްއާ ބައްދަލުކޮށް ނަޝީދުގެ ސެކިއުރިޓީ ހަމަޖެހިފައިވާ ގޮތް ޗެކް ކުރެއްވި ކަމަށެވެ. އަދި ސެކިއުރިޓީ "އެންހާންސް" ކޮށްފައި އޮތުމުން އެ މައުލޫމާތާ ގުޅިގެން އިތުރަށް ކުރެވޭނެ ކަމެއް ނެތް ކަމަށެވެ.

"އެހެންވީމާ، އަޅުނޑަކީ އޮޕަރޭޝަނަލް ޓެކްނިކަލް މީހަކަށް ނުވާއިރު މި ފޯމޭޝަން، އެ ފޯމޭޝަން، އެ އެއްޗެހި މިހާރު ކިތަންމެ ބޮޑަކަށް އެ ބޭފުޅުން ކިޔައިދެއްވާ އަޅުގަނޑަށް، ކިޔައިދެއްވީމާ މި ދެންނެވި ގަވައިދުގައި އޮތް މިންވަރަށް އޮތްތޯ ބަލައި، އެއަށްވުރެ އިތުރަށް ވެސް އޮތީމާ އަޅުގަނޑު އެކަމުގައި އިތުރަށް އެއްޗެއް ނުދެންނެވީ،" މާރިޔާ އިންކުއަރީއަށް ވިދާޅުވެފައިވެ އެވެ.

އެ މައުލޫމާތާ ގުޅިގެން ނަޝީދުގެ ސެކިއުރީޓީ ބެލެހެއްޓުމަށް އިތުރު ކަމެއް ކުރެވިދާނެތޯ އާއި ކުރެވޭނަމަ ކުރެވޭނީ ކޮން ކަމެއްތޯ "ޓެކްޓިކަލީ" ކަނޑައަޅަންވާނީ އެމްއެންޑީއެފްގެ ކަމާބެހޭ ފަންނީ ބޭފުޅުން ކަމުގައި އިންކުއަރީއަށް ގަބޫލު ކުރެވޭނެ ކަމަށް ރިޕޯޓްގައި މާރިޔާއަށް ރައްދު ދެމުން ވަނީ ބުނެފަ އެވެ.

މާރިޔާގެ ވާހަކަތަށް ރައްދު ދެއްވާ 241 ކޮމިޓީގެ ރިޕޯޓުގައި އިތުރަށް ބުނީ، އެމްއެންޑީއެފްގެ ކޮމާންޑް އެންޑް ކޮންޓްރޯލް ސްޓަރަކްޗާގެ ތެރެއިން ނަޝީދުގެ ކްލޯސް ޕްރޮޓެކްޝަން ޓީމަށް ހަމަލާދޭން އުޅޭ ކަމުގެ މަައުލޫމާތު ދިންނަމަ، ނަޝީދުގެ ސެކިއުރިޓީ ބެލެއްޓުމުގައި އިތުރު ފިޔަވަޅުތަކެއް އެޅުމުގެ ފުރުސަތު އޮތީސް ކަމަށެވެ.އިންކުއަރީއަށް ޕްރިންސިޕަލް ޑިރެކްޓަރާ އޮފް ޑިފެންސް އިންޓެލިޖެންސް ސާވިސް ވިދާޅުވެފައިވާ ގޮތުގައި އެމްއެންޑީއެފްއަށް ލިބޭ މިފަދަ މައުލޫމާތަކީ އެމްއެންޑީއެފްއިން ފުލުހުންނާ ހިއްސާކުރާ ޒާތުގެ މައުލޫމާތެކެވެ.

އިލްޔާސް ދިން މައުލޫމާތު އެއްވެސް ފަރާތަކުން ފުލުހުންނާ ހިއްސާކޮށްފައި އޮތްނަމަ، ނަޝީދަށް ހަމަލާއެއް ދިނުން "މިޓިގޭޓް" ކުރުމަށް "ޑިސްރަޕްޓިވް" ފިޔަވަޅުތަކެއް އެޅުމުގެ ފުރުސަތު ބޮޑުވެގެން ދިޔައީސް ކަމަށް ވެސް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

241 ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރުމުން މާރިޔާ އިތުރަށް ވިދާޅުވެފައި ވަނީ، އެ މައުލޫމާތަކީ އިލްޔާސް ލަބީބު ފުލުހުންނާ ހިއްސާކުރައްވަން ޖެހޭނެ މައުލޫމާތެއް ކަމަށެވެ. އެކަން އަމިއްލައަށް ފުލުހުންނާ ހިއްސާ ނުކުރެއްވީ ކީއްވެގެންތޯ ސުވާލުކުރުމުން މާރިޔާ ވިދާޅުވެފައިވަނީ "އަޅުގަނޑު ބެލީ އެ ބޭފުޅާ ސީދާ ފުލުހުންނަށް އެ މައުލޫމާތު ފޯރުކޮށްދެއްވާފައި ކަމަށް ވާނީ؛" އެވެ. ނަމަވެސް، އިލްޔާސް ވަނީ މާރިޔާގެ ވާހަކަތައް ދޮގުކޮށް، އެ މައުލޫމާތު ފުލުހުންނާ ހިއްސާކުރުމަށް މާރިޔާ ދަންނަވާފައިނުވާ ކަމަށް ވިދާޅުވެފައިވެ އެވެ. އަދި، އޭނާ ވެސް އެ މައުލޫމާތު ފުލުހުންނާ ހިއްސާކޮށްފައިނުވާކަން ފާހަގަ ކުރެއްވި އެވެ.

ރިޕޯޓްގައި ބުނި ގޮތުގައި، ގައުމެއްގެ އިސް ވެރިއަކާ ގުޅޭ ގޮތުން ލިބޭ މިފަދަ މައުލޫމާތަކީ ޑިފެންސް މިނިސްޓަރު އަހުމިއްޔަތުކަން ނުދީ ދޫކޮށްލައިގެންވާނެ ޒާތުގެ ކަމަކަށްވެގެން ނުވާނެ އެވެ.އެ މައުލޫމާތެއް ހިއްސާކުރުމަކީ އެފަދަ މަގާމެއްގައި ހުރި މީހެއްގެ ޒިންމާއެއް ކަމަށް ވެސް ޕާލިމެންޓްރީ އިންކުއަރީއަށްފަހު އެކުލަވާލި ރިޕޯޓްގައި ބުނެފައިވެ އެވެ.