ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގައި ޓެރަރިޒަމާ ގުޅުން ހުރި އިންޓެލިޖެންސް އިދާރާތަކުގެ މެދުގައި އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރާނެ އޮނިގަނޑެއް އޮތުން ލާޒިމު ކޮށްފައިވީ ނަމަވެސް މިހާތަނަށް އެ އޮނިގަނޑު ހަދާފައި ނުވާ ކަމަށް، ރައްޔިތުން މަޖިލީހުގެ 241 ކޮމިޓީން މިއަދު އާއްމުކުރި ޕާލިމަންޓަރީ އިންކުއަރީ ރިޕޯޓުން ހާމަވެއްޖެ އެވެ.

އެ ގާނޫނުގައި ބަޔާންކޮށްފައި ވަނީ، ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް މައުލޫމާތު ރައްކާތެރިކަމާ އެކު ބަދަލުކުރުމަށްޓަކައި، ކަމާގުޅޭ އޮނިގަނޑެއް ހޯމް މިނިސްޓަރު އެކުލަވާލަން ޖެހޭނެ ކަމަށާއި އެ އޮނިގަނޑާ އެއްގޮތަށް ޓެރަރިޒަމާ ގުޅޭ އިންޓެލިޖަންސް މައުލޫމާތު ބަދަލުކުރުމުގެ މަސައްކަތް ހިނގަމުންދާ ގޮތްބަލައި މޮނިޓާކުރަމުން ގެންދިއުމަށް އެ ގާނޫން ވަނީ ހޯމް މިނިސްޓްރީއަށް އަންގައިފަ އެވެ.

މޭ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ކުރީގެ ރައީސް، ރައްޔިތުން މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީން އެކުލަވާލި ޕާލިމެންޓްރީ އިންކުއަރީ ރިޕޯޓުގައި ބުނީ 2015 ވަނަ އަހަރު އަމަލު ކުރަން ފަށާފައިވާ ޓެރަރިޒަމް މަނާ ކުރާ ގާނޫނުން އިންޓެލިޖެންސް އޮނިގަނޑެއް ހަދަން އަންގާފައިވީ ނަމަވެސް މިހާތަނަށް އެކަން އެގޮތަށް ކޮށްފައި ނުވާ ކަމަށެވެ.

ފުލުހުންނާއި އެމްއެންޑީއެފް އާއި ދެމެދު އިންޓެލިޖެންސް މައުލޫމާތު ބަދަލުކުރާނެ އުސޫލެއް ލިޔެފައި ނޯވެ އެވެ. އެމްއެންޑީއެފުން އިންކުއަރީއަށް ދީފައިވާ މައުލޫމާތުތަކާ ހަވާލާދީ ރިޕޯޓްގައި ބުނެފައިވަނީ އެ މުއައްސަސާގެ އެތެރޭގެ ޑިޕާޓްމަންޓްތަކުގެ މެދުގައި، އަދި ޑިޕާޓްމަންޓްތަކުގެ ތެރޭގައި އިންޓެލިޖެންސް މައުލޫމާތު ދައުރުކުރާ ނެގޭ ގޮތުގެ އުސޫލެއް ހެދިފައިވާ ކަން އެނގެން ނެތް ކަމަށެވެ. އަދި ޑިޕާޓްމެންޓުތަކުގެ މެދުގައި އެންމެ އެދެވޭގޮތަށް މައުލޫމާތު ބަދަލު ނުކުރެވޭ ކަމަށް ވެސް ބުނެފައިވެ އެވެ.

އިންޓެލިޖެންސް މައުލޫމާތު ލިބުމުންއަމަލުކުރާނެ ގޮތުގެ އުސޫލުތައް ލިޔެވިފައި ނެތުމުގެ ސަބަބުން ތަރުތީބު ވެފައިވާ ނިޒާމެއްގެ ތެރެއިން މައުލޫމާތު ގެންގުޅުމުގެ ފުރުސަތު ހަނިވެގެންދެ އެވެ. މީގެ އިތުރުން، ޑީއައިއެސް އިން އެއްކުރާ މައުލޫމާތު އުނިވުމާއި، މައުލޫމާތު ބަދަލުކުރިކަމުގެ ޔަގީންކަން ގެއްލިގެންދާ ކަމަށް ވެސް ރިޕޯޓުގައި ވަނީ ބުނެފަ އެވެ. އަދި އެއީ ކަންބޮނޑުވުމެއް ކަމަށް ވެސް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

އިންކުއަރީ ރިޕޯޓުގައި ފުލުހުންނާ ހަވާލާދީ ބުނީ، 2019 ވަނަ އަހަރުގެ ފަހުކޮޅާ ހަމައަށް ފުލުހުންނާ ހަވާލާދީ ރިޕޯޓްގައި ބުނެފައިވަނީ 2019 ވަނަ އަހަރުގެ ފަހުކޮޅާ ހަމައަށް އިންޓެލިޖެންސްގެ މައުލޫމާތު ހިއްސާ ކުރުމުގައި ސިފައިންނާއި ފުލުހުންގެ ދެމެދުގައި ރަނގަޅު ގުޅުމެއް އޮންނަ ކަމަށެވެ.

އޭގެ ސަބަބުން ފަސޭހަ ކަމާއެކު އިންޓެލިޖެންސް މައުލޫމާތު ދިޔައީ ހިއްސާ ކުރަމުންނެވެ. އެ ގޮތަށް މައުލޫމާތު ބަދަލު ކޮށްފައިވަނީ ދެ މުއައްސަސާގެ ވެރިންގެ މެދުގައި އޮތް ގުޅުމާއި އިތުބާރު ރަނގަޅުވުމުގެ ސަބަބުން ކަމަށް ވެސް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގައި ބުނާ އޮނިގަނޑު ހެދިފައި ނުވާތީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ 241 ކޮމިޓީގެ އިންކުއަރީ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. އެކަމާ ގުޅިގެން 241 ކޮމިޓީއަށް އިމްރާން ވިދާޅުވެފައި ވަނީ، އިންޓެލިޖަންސް ބަދަލުކުރުމުގައި ލީޑް އެޖެންސީއަކަށް ވާނެ ފަރާތަކާމެދު، ފުލުހުންނާއި އެމްއެންޑީއެފްގެ އިތުރުން ކައުންޓާ ޓެރަރިޒަމް ސެންޓަރާ ދެމެދު ހިޔާލު ތަފާތުވުންތައް ހުރި ކަމަށެވެ. ގާނޫނީ ގޮތުންނާއި، މިހާރު ހުރި ވަސީލަތްތަކަށް އަދި އަމަލީގޮތުން މިކަން ތަންފީޒުކުރެވޭނެ ގޮތަކަށް ބަލާއިރު އެކަމަށް އެންމެ އެކަށޭނަ މުއައްސަސާއަކީ ފުލުހުން ކަމަށް މިނިސްޓަރަށް ގަބޫލުކުރެއްވޭތީ އެގޮތަށް ނިންމެވި ކަމަށް މިނިސްޓަރާ ހަވާލާދީ ރިޕޯޓުގައި ވެ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެޓާނީ ޖެނެރަލް އޮފީހުގެ ލަފާ ހޯމް މިނިސްޓްރީން ހޯދުމުން އިސްލާހުކުރުމަށް ހިމަނާފައިވާ ކަންތައްތަކުގެ ތެރޭގައި، ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖަންސާއި މައުލޫމާތު ރައްކާތެރިކަމާއެކު ބަދަލުކުރުމުގެ އޮނިގަނޑުގެ ބައިތައް އުނިކުރެއްވުމަށް ލަފާ ދީފައިވާ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވެފައިވާ ކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ. އަދި . އެ އިސްލާހުތަކާއެކު ގަވާއިދު ވަނީ އިސްލާހުކޮށްފަ އެވެ. އިސްލާހު ކުރި ގަވައިދުގެ ތެރެއިން އިންޓެލިޖެންސް މައުލޫމާތު ބަދަލު ކުރުމުގައި ކަމާ ގުޅުންހުރި މުއައްސަސާތަކުގެ މެދުގައި އަމަލު ކުރާނެ ޕްރޮސީޖަނަލް ފްރޭމް ވޯކެއްގެ މަސައްކަތް ފުލުހުން ޑްރާފްޓް ކޮށްފައިވާ ކަމަށް މިނިސްޓަރު ވަނީ 241 ކޮމިޓީއަށް ވިދާޅުވެފަ އެވެ.