ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ޓެރަރިސްޓް ހަމަލާއެއް ދިންއިރު އެ ހަމަލާ ދޭން އުޅޭކަމުގެ މައުލޫމާތު ނުވަތަ ހިލަމެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފާރަލުމަށް ފަހު، އަވަހާރަކޮށްލަން ބޮމެއް ގޮއްވާލައިގެން ދިން ހަމަލާގެ ހިލަމެއް އެމްއެންޑީއެފަށް ނުވާ ކަމަށް ބުނެފައިވާ ވާހަކަ ގަބޫލުނުކުރެވޭ ކަމަށް މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދިޔަ ޕާލިމެންޓްރީ އިންކުއަރީ ރިޕޯޓުގައި ބުނެފި އެވެ.
ޕާލިމެންޓްރީ އިންކުއަރީ ރިޕޯޓު މިއަދު ވަނީ އާއްމުކޮށްފަ އެވެ. 271 ސަފްހާގެ ރިޕޯޓުގައި ބުނީ، ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅޭ އިންޓެލިޖެންސް މައުލޫމާތެއް އެމްއެންޑީއެފްއަށް ލިބިފައި ނުވާ ކަމަށް އިންކުއަރީއަށް މައުލޫމާތުދެމުން އެމްއެންޑީއެފުން ބުނެފައި ވިޔަސް އެކަން ގަބޫލު ނުކުރެވޭ ކަމަށެވެ.
އެގޮތަށް ގަބޫލު ކުރަނީ، ނަޝީދުގެ ތްރެޓް ލެވެލް އެސެސްމެންޓާއި އެކި ފަހަރު މަތިން އެމްއެންޑީއެފަށް ލިބިފައިވާ މައުލޫމުގެ އަލީގައި ކަމަށެވެ. ނަޝީދު އަވަހާރަކޮށްލަން އުޅޭ ކަމުގެ މައުލޫމާތު އެކި ފަހަރުމަތިން އެމްއެންޑީއެފަށް ލިބިފައިވާ ކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.
"މުހައްމަދު ނަޝީދަށް، އެއްޗެއް ގޮއްވާލައިގެން ހަމަލާއެއް ދީފާނެ ކަަމަށް ފްލޭގްވާ މިންވަރަށް މައުލޫމާތު ލިބިފައިވާ ކަމަށް ގަބޫލުކުރެވޭ" އިންކުއައިރީ ރިޕޯޓުގައި ބުނެފައިވެ އެވެ.
ދުނިޔޭގެ އެކި ތަންތަނުގައި އިންޓެލިޖެންސް އިދާރާތަކަށް އެއްވެސް މައުލޫމާތެއް ނުލިބި އަދި އަނެއް ބައި ފަހަރު ބައެއް ކަހަލަ މައުލޫމާތު ނުވަތަ އިންޑިކޭޓާސް ލިބިގެން ވެސް ހަމަލާދީފައި އެބަހުއްޓެވެ. ދުނިޔޭގެ އެއްވެސް ތަނެއްގައި ދޭ ޓެރަރިސްޓް ހަމަލާއަކީ މަދު ފަހަރެއްގައި މެނުވީ ސްޕެސިފިކް އިންޓެލިޖެންސް ލިބޭ ބާވަތުގެ ކަމެއް ނޫން ކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.
މީގެ ކުރިިން އެމްއެންޑީއެފް އިން ބުނެފައި ވަނީ، ނަޝީދަކީ ރާއްޖޭގައި އެންމެ ހައި ރިސްކް ބޭފުޅާ އެވެ. އެކަން ފާހަގަކުރައްވާ ރިޕޯޓުގައި ބުނީ އަބަދުވެސް ތުރެޓް އޮތް ބޭފުޅެއް ކަން އަމިއްލަ އެސެސްމަންޓްތަކުން އެމްއެންޑީއެފުން ނިންމާފައިވާ އިރު، ތްރެޓް ލެވެލް 'ސަބްސްޓޭންޝަލް" އިން "ސިވިއަ"، އެއަށް ފަހު ކްރިިޓިކަލް އަށް މަތިކުރި ކަމަށެވެ. އޭގެ ފަހުން ވެސް އެމަނިކުފާނާ ގުޅޭ ގޮތުން އިންޓެލިޖެންސުން ބަލަން ޖެހޭނެ މައުލޫމާތުތަކެއް އެމްއެންޑީއެފަށް ލިބިފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.
ލިބޭ ވަކި އެއް މައުލޫމާތުތަކުން ފުރިހަމަ މަންޒަރު ދެނެގަތުމަކީ ނާދިރު ކަމަށާއި ހަމަލާއެއް ދިނުމުގެ އިހުތިމާލު އޮތް ކަން ދެނެގަންނާނީ ލިބޭ އަދި ކުރިން އެކި ފަހަރުމަތިން ލިބިފައި ހުރި އެތައް މައުލޫމާތުތަކެއް ގުޅުވައިގެން ހަދާ އެނާލިސިސްއެއްގެ މައްޗަށް ބިނާކޮށް ކަން ފާހަގަކޮށްފައި އޮތެވެ. އެފަދަ އެސެސްމަންޓެއް ހެދުމުގެ މަސައްކަތަކީ ހަމައެކަނި މީހަކަށް ލިބޭ މައުލޫމާތެއް އެއްކުރުމުގެ އިތުރުން ކޮމްޕިއުޓަރައިސްޑް 'އިންޓެލިޖެންސް އެނަލިޓިކަލް ޓޫލްސް" ނުވަތަ ސޮފްޓްވެއާ ބޭނުންކޮށްގެން ކުރާ މަސައްކަތެއް ކަމަށް ރިޕޯޓުގައިވެ އެވެ.
މީގެ އިތުރުން ބަޔަކު ނަޝީދަށް ފާރަލަމުން ދިޔަ ކަމުގެ މައުލޫމާތު ވެސް އެމްއެންޑީއެފްއަށް ވަނީ ލިބިފަ އެވެ.އެކަން ކަށަވަރުވަނީ އިންކުއަރީ އަށް މައުލޫމާތު ދިން މާހިރުންގެ ބަހުންނާއި އެމްއެންޑީއެފުން ފޮނުވާފައިވާ ލިޔެކިޔުމުން ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. 241 ކޮމިޓީގެ އިންކުއައިރީއަށް މައުލޫމާތު ދެއްވަމުން "ރައީސް ނަޝީދަށް ފާރަލާ މައުލޫމާތެއް އަޅުގަނޑުމެންނަށް ލިބުނީ، ވަޑައިގަންނަވާ ތަންތަން ބަލާ ކަމުގެ މައުލޫމާތެއް" ކަމަށް ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމް އަބްދުއްލަތީފް ވިދާޅުވެފައިވާ ކަމަށް ވެސް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.
ދެހާސް ވިހި ވަނަ އަހަރުގެ ޑިސެމްބަރު 22 ވަނަ ދުވަހު ރާއްޖޭގެ ހައި ލެވެލް ޓާގެޓަކަށް އަމާޒުކޮށްގެން ހަމަލާއެއް ދޭން އުޅޭކަމުގެ މައުލޫމާތު ވެސް އެމްއެންޑީއެފްއަށް ވަނީ ލިބިފަ އެވެ.އަދި އެއާއެކު ހަރުކަށި ފިކުރުގެ ފަރާތްތަކުން ސާވައިލްކުރަމުންދާ ކަމުގެ މައުލޫމާތު ދީފައިވެ އެވެ. އޭރު ނަޝީދުގެ ތްރެޓް ލެވެލް ކްލެސިފައިކޮށްފައި އޮތީ "ސިވިއާ" ގަ އެވެ. ދީނީ ހަރުކަށި ފިކުރުގެ ފަރާތްތައް ނަޝީދުގެ ހަރާކާތްތައް ބަައި ސެކިއުރިޓީ އޮންނަ ގޮތް އެސެސްކުރާ ކަމުގެ ނުވަތަ ދެނެގަތުމުގެ މަސައްކަތްކުރާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަން ވެސް އެމްއެންޑީއެފްގެ ތްރެޓް ލެވެލް އެސެސްމަންޓް ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ.
ޓެރަރިސްޓު ހަމަލާއެއްދީ ނަޝީދު އަވަހާރަކޮށްލަން އުޅޭކަމުގެ ވިސްނުން ރާއްޖޭގައި ހަރަކާތްތެރިވާ ދީނީ ހަރުކަށި ފިކުރުގެ މީހުން ގެންގުޅޭ ކަމުގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވާކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.މީހަކަށް ފާރަލާނެ ސަބަބުތައް ރިޕޯޓުގައި ތަފްސީލްކޮށް ފާހަގަކޮށްފައިވާ އިރު ނަޝީދަށް ފާރަލާނެ ސަބަބަކަށް ވާނީ އެމަނިކުފާނަށް ހަމަލާއެއް ދޭން ތައްޔާރުވުން ކަަމަށް ވެސް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.
ރިޕޯޓުގައި ބުނީ، ނަޝީދުގެ ތްރެޓް ލެވެލް ކްރިޓިކަލް އަށް މަތިކޮށްފައިވާ އިރު އެއީ ވަރަށް އަވަހަށް ހަމަލާއެއް ދީފާނެ ކަަމަށް ބަލެވޭ ހާލަތަކަށް ވާއިރު ނަޝީދަށް ފާރަލީ ބަޔަކު ނުހޯދުމުން ކަންބޮނޑުވާ ކަމަށެވެ. އަދި ހަމައާއެކު އެކަން ހުއްޓުވަން ކުރަން ޖެހޭ މަސައްކަތްތައް ކޮށްފައިވާ ނުވާކަމަށް 241 ކޮމިޓީން ތައްޔާރުކުރި ރިޕޯޓުގައި ވަނީ ބުނެފަ އެވެ.
ބަޔަކު މީހުން ނަޝީދަށް ފާރަލަމުން ދާތީ އެމްއެންޑީއެފްއިން މީގެ ކުރިން ބައެއް މީހުން ދުރަށް ލާފައި ވެސް ވާކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ. އެގޮތުން ނަޝީދު ދިރިއުޅުއްވި ޔާގޫތު ގެ ކައިރީގައި 2020 ގައި ބަޔަކު ފާރަލާން ތިބޭ ކަން ސެކިއުރިޓީންނަށް ފާހަގަވެގެން އެތަނުން އެ މީހުންނަށް ދުރަށްލި އެވެ.
އެންމެ މަތީ ކޯޓު ކަމަށްވާ ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރަކު އައްޔަން ކުރަން ނިންމުމާ އެކު އެކަން ފާސްކުރަން ވޯޓުދޭ މެމްބަރުން މަރާލާނެ ކަމުގެ އިންޒާރު ދިން އިރު ފުރަތަމަ ޓާގެޓަކަށް އޮތީ ނަޝީދު ކަން ވެސް އެމްއެންޑީއެފްއަށް އެގޭ ކަމަށް ވެސް ރިޕޯޓުގައި ވަނީ ބުނެފަ އެވެ،ނަޝީދު އަވަހާރަކޮށްލަން ރާވަމުންދާ ކަން 2019 ވަނަ އަހަރު، ޖަލުގައި ހުރި ހަރުކަށި ފިކުރުގެ މީހެއްގެ ފަރާތުން ލިބިފައިވާ ކަމަށް ބުނެ އަމިއްލަ ފަރުދަކު ކޮށްފައިވާ ޓުވީޓެއް ވެސް އެމްއެންޑީއެފަށް ލިބިފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ. މީގެ އިތުރުން ފޭސްބުކް ޕޭޖެއް ކަމަށްވާ "އެންމެން އެކުގައި ދިވެހި" ނަމަކަށް ކިޔާ ޕޭޖަކުން ނަޝީދުގެ ބޮލަށް ވަޅިއެއް އަދި މެޔަށް ފުރޯއެއް ޖަހާފައިވާ ފޮޓޯއެއް ވެސް ޝާއިއުކޮށްފައިވާ ކަމުގެ މައުލޫމާތު ވެސް އެންއެމްޑީއެފަށް ވަނީ ލިބިފަ އެވެ.
ނަޝީދު އަވަހާރަކޮށްލަން ފަސް މިލިއަން ރުފިޔާ ދީފައިވާ ކަމާއި އެކަން ކުރަން ހަތިޔާރާއި އެހެނިހެން ތަކެތި ހަމަޖައްސާފައިވާ ކަމުގެ މައުލޫމާތު ވެސް އެމްއެންޑީއެފަށް ލިބުނެވެ. އަދި ނަޝީދު އަވަހަރާކޮށްލަން ގޮވާލައި ވީޑިއޯއެއް އާއްމުކޮށްފައިވާ ކަމުގެ މައުލޫމާތު ވެސް އެމްއެންޑީއެފަށް ލިބުނެވެ.
"ނޭނގި ހިނގި ކަމެއް ކަމަށް ގަބޫލުކުރަން ދަތި"އިންކުއަރީ އަށް ވާހަކަ ދެއްކެވި ފުލުހުންގެ އިސްވެރިއަކު ވިދާޅުވެފައި އޮތީ ހަމަލާ ހިނގާފައި އޮތީ ނޭނގި ކަމަކަށް ގަބޫލުކުރަން ދަތި ކަމަށެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި ކޮންމެވެސް އެއް ހިސާބަކުން އެކަން އެކަން އޮތީ އެނގިފަ" 241 ކޮމިޓީ ރިޕޯޓު
ހަމަ ފޭކް ހަމަ ފޭކް ހަމަ ފޭކް !