މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރްސީ) ހިޔާނާތުގެ ފައިސާ ލިބިފައި ނުވާކަމަށާއި އެ ފައިސާ ލިބިފައި ވަނީ އާޒިމް ކިޔާ ކޮންމެވެސް އެހެން މީހަކަށް ކަމަށް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕް (ޕީޖީ) ގްރޫޕުގެ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

ކްލަބްހައުސްގައި މިއަދު ބޭއްވި ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ، އެމްއެމްޕީއާރުސީ ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި އޭނާގެ ނަން އޮތުން ވެގެންދިޔައީ އޭނާއަށް ލިބުން ވަރަށް ބޮޑު ސަޕްރައިޒެއް ކަމަށެވެ.

"އަޅުގަނޑުގެ ނަން ހަމައެކަނި އޮތް ސަބަބަކީ ކޮންމެވެސް ހުސައިން މުހައްމަދު ކަންނޭނގެ ކިޔާ ބޭފުޅެއް އަދީބާ ގުޅޭގޮތުން ދީފަ އޮތް ބަޔާނުގައި އޮންނަ ކަމަށް ވަނީ އަދީބު ފޮނުވައިގެން އަޅުގަނޑަށް ތިން މިލިއަން ގެންގޮސް ދިނީމޭ،" އޭނާ ވިދާޅުވި އެވެ.

އޭނާ އާއި އާޒިމްއަކީ އެމްއެމްޕީއާރްސީ ހިޔާނާތް ފަޅާއެޅުމުގެ ކުރިން ވެސް ގާތް ރަހުމަތްތެރިންކަމަށް އާޒިމް ވިދާޅުވި އެވެ. އަދި މިހާރުވެސް އަދީބު ހެޔޮހާލުގައި ދުނިޔޭގައި އެބަ ހުންނެވިކަމަށާއި އަދި އޭނާއަށް ޚިޔާނުތުގެ އެއްވެސް ފައިސާއެއް ލިބިފައިވޭތޯ އަދީބު ކުރެން އެއްސެވުމަށް އާޒިމް އެދިވަޑައިގަތެވެ.

މީގެ އިތުރުން މައްސަލަ އަވަސްކޮށްދިނުމަށް އެދި އެސެޓް ރިކަވަރީ ކޮމިޝަނަށް ސިޓީއެއް ފޮނުވިތާ މިއަދަށް ތިން މަސްވެފައިވާ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.އާޒިމް ވިދާޅުވީ މިއަދާ ހަމައަށް ވެސް ސުވާލުކުރުމަށް އޭނާ ކޮމިޝަނަށް ހާޒިރުކޮށްފައިނުވާ ކަމަށެވެ.

މީގެކުރިން އާޒިމް ވިދާޅުވެފައި ވަނީ އަދީބު އޭނާ އަށް ދިން ދަބަހުގައި ވަނީ ދިޔާއެއްޗެއް ކަމަށެވެ. އަދި އޭގެ ފަހުން ވިދާޅުވީ އެ ދިޔާއެއްޗަކީ ހަލާލުއެއްޗެއް ކަމަށާއި އެއީ ކޯއްޗެއްކަން ފަހުން ހާމަކުރައްވާނެ ކަމަށެވެ.