ކޮވިޑް-19ގެ ސަބަބުން ލިބުނު މާލީ ގެއްލުމުން އަރައިގަތުމަށް އަހަރުގެ ފަހުކޮޅު އިތުރު ސުކޫކެއް ވިއްކާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
އޮންލައިން ނޫސް "މިހާރު"އަށް އަމީރު ވިދާޅުވީ، އެ ސްކޫކު ނަގަނީ ސަރުކާރުގެ ހަރަދުތަށް ހަމަޖައްސަން ކަމަށެވެ. އަދި ސަރުކާރުން ފަށާފައިވާ އެއް ބިލިއަން ޑޮލަރުގެ ސުކޫކް ވިއްކުމުގެ ޕްރޮގްރާމުގެ ދަށުން އަންނަ އަހަރު ވެސް ސުކޫކެއް އިޝޫ ކުރުމުގެ ފުރުސަތު ސަރުކާރަށް އޮންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިދިޔަ އޭޕްރީލް މަހު 300 މިލިއަން ޑޮލަރު (4.6 ބިލިއަން ރުފިޔާ) ސަރުކާރަށް ލިބުނެވެ. މިއީ ފަސް އަހަރު ފަހުން އިންޓަރެސްޓާ އެކު ސަރުކާރުން އަނބުރާ ދައްކަން ޖެހޭ ފައިސާ އެވެ. ސުކޫކް ވިއްކީ ދަރުމަވަންތަ ހޮސްޕިޓަލް އެސެޓެއްގެ ގޮތުގައި ބޭނުންކޮށްގެންނެވެ. ގާތްގަނޑަކަށް 387 މިލިއަން ޑޮލަރު (5.9 ބިލިއަން ރުފިޔާ) އަނބުރާ ދައްކަން ޖެހޭނެ އެވެ. ސުކޫކުން ލިބުނު 191 މިލިއަން ޑޮލަރު (2.9 ބިލިއަން ރުފިޔާ) ހޭދަކުރީ ދައުލަތުގެ ދަރަނި ދެއްކުމަށެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ވަނީ ދައުލަތުގެ ކޭޝްފްލޯ ހަމަޖެއްސުމަށް އޯވަޑްރާފްޓް ފެސިލިޓީގެ މުއްދަތު ވެސް އެއް އަހަރަށް އިތުރުކޮށްފަ އެވެ.
ސަރުކާރުން ސުކޫކް އިޝޫ ކުރުމުގައި މޯގޭޖް ކުރުން ފަދަ ގޮތަކަށް ޕްރޮޕަޓީ ބޭނުންކުރި ނަމަވެސް މިއީ ކޮންވެންޝަނަލް އުސޫލުތަކުގައި އޮންނަ ގޮތަށް ކުރާ ކަމެއް ނޫނެވެ. ސުކޫކް އިޝޫ ކުރާއިރު، ދެ ފަރާތުގެ ހިއްސާ އޮންނަ ގޮތަށް އެސްޕީވީ [ކުންފުންޏެއް] އުފައްދައި އެ އެސްޕީވީގެ ނަމުގައި، ސްކޫކް ސެކިއު ކުރެވޭ ވަރުގެ ޕްރޮޕަޓީ ހުންނަން ޖެހެ އެވެ.
އަދިވެސް މަތިފަޑީގައި ތިއްބެވި މަތިވެރި ބޭފުޅުންގެ މުސާރަ ބޮޑު ކުރައްވާ