ރައްޔިތުންގެ މަޖިލީހުގެ ރައީސް އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ރައްޔިތުން މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދިޔަ ޕާލިމެންޓްރީ އިންކުއަރީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން އިސްލާހުކުރާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ 241 ކޮމިޓީން މިއަދު ވަނީ ރައީސް ސޯލިހުއަށް އިންކުއަރީ ރިޕޯޓު ރަސްމީކޮށް ހަވާލުކޮށްފަ އެވެ. އެ ރިޕޯޓު ރައީސަށް އެރުވީ ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގަ އެވެ.

އެ ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމާއި މަޖިލީހުގެ ބައެއް އިސް ބޭފުޅުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ ނުވަތަ 241 ކޮމިޓީ މެމްބަރުން ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ކުރެއްވީ ވަރަށް ބުރަ އަދި މުހިންމު މަސައްކަތެއް ކަމަށާއި ރިޕޯޓުން ފާހަގަ ކުރެވުނު ކަނަކަން ބައްލަވައި، އިސްލާހު ކުރަން ހުރި ކަންކަން އިސްލާހު ކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން އިންކުއަރީ ރިޕޯޓު ނޭޝަނަލް ސެކިއުރެޓީ ކައުންސިލްއަށް ހުށަހަޅުއްވައި، ގައުމީ ސަލާމަތާ ގުޅުން ހުރި މުހިންމު ކަންކަން ވީހާ ވެސް އަވަހަކަށް ހައްލު ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވައިފަ އެވެ. އެ ބައްދަލުވުމުގައި 241 ކޮމިޓީގެ ފަރާތުން ވަނީ ސަރުކާރުން ދިން އެއްބާރުލުން ފާހަގަކޮށްފަ އެވެ. އަދި ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް އެ ކޮމިޓީގެ މުގައްރިރު އަސްލަމް ވަނީ ވިދާޅުވެފަ އެވެ.

ގެކޮޅުން ނުކުމެވަޑައިގެން ކާރުކޮޅަށް އަރައިވަޑައިގަންނަވަނިކޮށް މިދިޔަ މެއި ހަ ވަނަ ދުވަހުގެ ރޭ ނަޝީދަށް ދިން ހަމަލާ އާ ގުޅޭ އިންކުއަރީ ރިޕޯޓުގައި ހަމަލާ ދިން ދުވަހާއި އޭގެ ކުރި އާއި ފަހުން ހިނގި ކަންކަން ބަލާފައިވެ އެވެ. އޭގެ އިތުރުން އިންޓެލިޖެންސް މައުލޫމާތު އެއްކުރާ ގޮތާއި ގެންގުޅޭ ގޮތާއި ހިއްސާ ކުރުމުގައި ގެންގުޅޭ ގޮތްތައް އަދި ހަރުކަށި ފިކުރު ފެތުރުމާ ދެކޮޅަށް ދައުލަތުން ކުރާ މަސައްކަތްތައް ވެސް ވަނީ ދިރާސާކޮށްފަ އެވެ.