ރެވެނިއު ސްޓޭމްޕް ޖެހުން ހުއްޓާލަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރައްވައިފި އެވެ.
ރެވެނިއު ސްޓޭމްޕް ޖެހުމަށް 1970 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އައި ގާނޫނޫ އުވާލަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އެމްޑީޕީ ޕާލިމެންޓްރި ގްރޫޕުގެ ލީޑަރު ލީޑަރު އަލީ އާޒިމް އެވެ.
އެ ބިލުގައި އާޒިމް ވިދާޅުވެފައި ވަނީ، ރެވެނިއު ސްޓޭމްޕް ޖެހުމުގެ ނިޒާމު ހިންގުމަށްޓަކައި ހިނގާ ހަރަދަށް ބަލާއިރު ލިބޭ އާމްދަނީއަކީ އެކަށީގެންވާ އާމްދަނީއެއް ނުބެލެވޭ ކަމަށެވެ. އަދި ސްޓޭމްޕުން ލިބޭ ފައިސާއަކީ ދައުލަތުން ފޯރުކޮށްދޭ ހިދުމަތްތަކުން ނަގާ ފީ އާއި އެނޫން ވެސް ފައިސާގެ ތެރެއިން ހަމަޖެއްސޭނެ އާމްދަނީ އެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމުގެ ސަބަބުން ހިދުމަތްތައް ހޯދައި ފަރާތްތަކަށް އިތުރު ދަތިތަކާ ކުރިމަތިލާންޖެހޭ ކަމަށް އެ ބިލުގައި އާޒިމް ވަނީ ވިދާޅުވެފަ އެވެ.
ދައުލަތުގެ އާމްދަނީއަށް އަސަރުކުރާ ބިލެއް ކަމުން އެ ބިލު ދިރާސާކޮށް މުޅި މަޖިލީހުގެ ކޮމިޓީން ނިންމާފައި ވަނީ ރެވެނިއު ސްޓޭމްޕް ޖެހުން ހުއްޓާލަން ފެންނަ ކަމަށެވެ. އެއާއެކު، މުޅި މަޖިލީހުގެ ކޮމިޓީން ނިންމި ގޮތަށް މިދިޔަ ހޯމަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ފާސްކޮށްފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 44 މެމްބަރުންގެ އިއްތިފާގުންނެވެ.
މިއަދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މަޖިލީހުން ފާސްކުރި އެބިލު ތަސްދީގު ކުރައްވައި، ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރައްވައިފަ އެވެ. އެހެންކަމުން މިއަދުން ފެށިގެން ރެވެނިއު ސްޓޭމްޕު ހޯދަން ދުވާ ދުވުން ނިމުމަކަށް އައީ އެވެ.
މަޖިލީހުން މިއަދު ފާސްކުރި ބިލުގައި ރެވެނިއު ސްޓޭމްޕްގެ ނިޒާމު އުވާލައިގެން ދައުލަތުގެ އާމްދަނީއަށް ކުރާނެ އަސަރު ވެސް ހިމަނާފައިވެ އެވެ.
އެގޮތުން ފާއިތުވި ދެ އަހަރުގެ ހިސާބުތަކަށް ބަލާއިރު، ސްޓޭމްޕް ވިއްކައިގެން 2019 ވަނަ އަހަރު ދައުލަތަށް 17.5 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރު އެ އަދަދު އުޅެނީ 3.9 މިލިއަން ރުފިޔާގަ އެވެ. އަދި މިއަހަރު 3.7 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު، ސްޓޭމްޕް ޕްރިންޓުކުރަން 547،228 ރުފިޔާ ހޭދަވި ކަމަށް ބުނެފައިވެ އެވެ.