ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު އެ ޕާޓީން ވަކިވެވަޑައިގެންފި އެވެ.

ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ރިޔާޒު މިއަދު ވަނީ އިސްތިއުފާދެއްވިކަން ބަޔާންކޮށް ސިޓީއެއް ފޮނުއްވާފަ އެވެ. އެ ސިޓީގައިވާގޮތުން އޭނާ އިސްތިއުފާ ދެއްވީ ސިޔާސީ ޕާޓީއެއް އުފައްދައިގެން ދިވެހި ގައުމަށާއި ރައްޔިތުންނަށް ހިދުމަތް ކުރުމަށް ނިންމާފައިވާތީ އެވެ.

ގާސިމް އިބްރާހީމާއި ޖުމްހޫރީ ޕާޓީގެ އެންމެހައި މެމްބަރުންގެ ފަރާތުން އޭނާއަށް ދިން އެންމެހައި އެހީތެރިކަމާއި އެއްބާރުލުމަށް ހިތުގެ އެންމެ ފުންމިނުން އިޚްލާސްތެރިކަމާއެކު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ރިޔާޒާއި ދަނގެތީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އިސްވެ ހުންނަވައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.

ކާނަލް ނާޒިމް ވިދާޅުވީ ޕާޓީ އުފެއްދުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. އަދި ވަރަށް އަވަހަށް ރަސްމީކޮށް އެކަން އިއުލާން ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ އަލަށް އުފައްދާ ޕާޓީން 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓަކު ނެރޭނެ ކަމަށެވެ. އެ ކެންޑިޑޭޓް ވެގެންދާނީ ރައްޔިތުންގެ ތާއީދު އޮތް ކެންޑިޑޭޓަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި އިތުރު މެމްބަރުންތަކެއް އެ ޕާޓީއަށް ސޮއިކުރައްވަން ވަނީ ނިންމަވާފަ އެވެ.