ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ވިދާޅުވާ ކަހަލަ މެދު މިނުގެ އިސްލާމްދީނެއް ނޯޯންނަ ކަމަށް ގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް ޣައްސާން މައުމޫން ނަޝީދަށް ރައްދު ދެއްވައިފި އެވެ.

ނަޝީދަށް ރައްދު ދެއްވަމުން ޣައްސާން ވިދާޅުވީ، މެދުމިނުގެ އިސްލާމްދީނެއް އޮންނަ ކަމަށް ޕީޕީއެމުން ގަބޫލުނުކުރާ ކަމަށާ އިސްލާމްދީން އޮންނަނީ ﷲ ސުބްހާނަހޫ ވަަތައާލާ ބާވައިލެއްވި ގޮތަށް ކަމަށެވެ. ޣައްސާން ނަޝީދަށް ރައްދު ދެއްވާފައި މިވަނީ ކްލަބްހައުސްގައި ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ޕީޕީއެމް އިން މެދުމިނުގެ ދީނީ ސިޔާސަަތަށް ތާއީދު ކުރާނަމަ އެ ބޭފުޅުންގެ އެހީތެރިކަމަށް އެދިވަޑައިގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވެފައިވާތީ އެކަމާއި ގުޅޭގޮތުން ސުވާލު ދެންނެވުން ޣައްސާން ވިދާޅުވީ، މެދުމިނުގެ އިސްލާމްދީނެއް އޮންނަ ކަމަށް ޕީޕީއެމުން ގަބޫލުނުކުރާ ކަމަށެވެ. އަދި އިސްލާމްދީން އެއީ ﷲ ސުބްހާނަހޫ ވަަތައާލާ ބާވައިލެއްވި ގޮތަށް އެއަށް ބަދަލެއް ނައިސް ދެމި އޮންނާނެ ދީނެއް ކަމަށެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހަށް ފޮނުވި މެސެޖެއްގައި ނަޝީދު ވިދާޅުވެފައި ވަނީ، އެމަނިކުފާނު އެދިވަޑައިގަންނަވަނީ ދީނީ ގޮތުން މެދުމިނުގެ ސިޔާސަތުގެ މީހުންގެ ކޯލިޝަނެއް ކަމަށާ އެއީ ޕީޕީއެމް ކަމުގައިވިޔަސް މިހާރު އެކަން ކުރުން މާ މުހިންމު ކަމަށެވެ. މިއަދު ވަނީ އެ ވާހަކަތައް އިތުރަށް ތަފްސީލު ކޮށްދިނުމުގެ ގޮތުން ޓުވީޓު ކުރައްވައިފަ އެވެ.

އެގޮތުން ނަޝީދު ވިދާޅުވީ،އެމަނިކުފާނުގެ "ހަމައެކަނި ވިސްނުންފުޅަކީ ރާއްޖެ ސަލާމަތް ކުރުން" ކަމަށެވެ. އެކަން ކުރަން އެމްޑީޕީއަށް އާ އިއްތިހާދެއް ބޭނުންވާ ކަމަށެވެ. އަދި ވިދާޅުވީ، އެއް އިއްތިހާދަކީ"އިންޑިއާ އައުޓް" ނުގޮވާ،ނަފްރަތުގެ ބިލަށް ތާއީދު ކުރާ، މިއުޒިކް ހަރާން ނުކުރާ، ރަސޫލާއަށާއި އިސްލާމް ދީނަށް ފުރައްސާރަ ނުކުރާ އިއްތިހާދަކަށް ވާން ޖެހޭނެ ކަމަށެވެ. އެމަނިކުފާނު ދެކެ ވަޑައިގަންނަވާ ގޮތުގައި ޕީޕީއެމާއި އެމްޑީޕީގެ ގިނަ މީހުން ތިބީ އެއްގޮތަކަށެވެ. އަދި ވިދާޅުވީ އަފްޣާނިސްތާނު އޮތް ހާލަތަށް ރާއްޖެ ދާން ގިނަ ދިވެހިން ބޭނުން ނުވާނެ ކަމަށެވެ.

އެ ވާހަކަތަކަަށް ރައްދު ދެއްވާ ޣައްސާން ވިދާޅުވީ ނަޝީދުގެ އެ ވާހަކަތަކަކީ ރައްޔިތުން ބަލައިގަންނާނެ ވާހަކަތަކެއް ނޫން ކަމަށެވެ. އަދި ޕީޕީއެމްވެސް އޮތީ އެ ޕާޓީއާއި ދިވެހި ރައްޔިތުން ބަލައިގެންފައިވާ ހަމައާއި އުސޫލުތައް ދޫކޮށްލާ ގޮތަށް ނޫން ކަމަށެވެ.