މިނިމަމް ވޭޖު ކަނޑައެޅުމުގައި އެކޮމަޑޭޝަނާއި ކެއުން ހިމަނަން ސަރުކާރުން އުޅޭތީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު އެކަމަށް ފާޑުވިދާޅުވެއްޖެ އެވެ.
އާދަމް ޝަރީފު ވިދާޅުވީ، މުވައްޒިފުންގެ ކެއުމާއި އެކޮމަޑޭޝަން ފަދަ އެލެވެންސްތަށް ހިމަނައިގެން މިނިމަމް ވޭޖް ކަނޑައެޅުމަކީ މުވައްޒިފުންނަށް ދޭ އަނިޔާއެއް ކަމަށާއި އަދި އެއީ އިންސާފުވެރިި ގޮތެއް ވެސް ނޫން ކަމަށެވެ. އޮންލައިން ނޫސް "ދިޔަރެސް" އަށް މައުލޫމާތު ދެއްވަމުން އާދަމް ޝަރީފު ވިދާޅުވީ، ވޭޖު ބޯޑުން އެންމެ ކުޑަ އުޖޫރައިގެ ތެރޭގައި ކެއުމާއި އެކޮމަޑޭޝަން ހިމަނަން އުޅޭ ކަމުގެ މައުލޫމާތު އޭނާއަށް ލިބިވަޑައިގެންފައިވާ ކަމަށެވެ.
މިނިމަމް ވޭޖު ކަނޑައެޅުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. މިނިމަމް ވޭޖު ކަނޑައެޅުމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދަނީ އިކޮނޮމިކް މިނިސްޓްރީންނެވެ.
މިނިމަމް ވޭޖު ކަނޑައެޅުމަށްޓަކައި އިކޮނޮމިކް މިނިސްޓަރަށް ލަފާ ދޭން ޖެހެނީ ވޭޖް ބޯޑުންނެވެ. ބޯޑުގައި އިކޮނޮމިކް މިނިސްޓަރު އަދި ފިނޭންސް މިނިސްޓަރު ކަނޑައަޅާ ދެ ބޭފުޅަކު ހިމެނޭ ގޮތަށް ޖުމްލަ 11 މެންބަރުން ތިއްބަވަ އެވެ. ދެން ތިއްބަވަނީ ހަތަރު ދާއިރާއެއް ތަމްސީލުކުރާ ހަތަރު ޖަމިއްޔާއަކުން ކަނޑައަޅާ މެމްބަރުންނާއި، މަސައްކަތްތެރިން ތަމްސީލުކުރާ ފަސް މެމްބަރެކެވެ.
އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 6،400ރ. އާއި 8،000 ރުފިޔާއާ ދެމެދުގެ އަދަދެއް ކަނޑައެޅުމަށް މިނިވަން ވޭޖް ބޯޑުން މިދިޔަ އަހަރު އޮތީ ލަފާ ދީފަ އެވެ.
އާދަމް ޝަރީފު ވިދާޅުވީ، ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒިފުންނަށް ކެއުން ހަމަޖައްސާފައި ހުންނަނީ ރިސޯޓުގައި ކަމަށެވެ. އެއީ ކައްކާފައި ހުންނަ ކާތަކެތި ކާން ދެނީ ކަމަށެވެ. ފައިސާއެއްގެ ގޮތުގައި އެއްޗެއް ދޭނަމަ މުވައްޒަފުންނަށް އެއިން މިންވަރެއް ރައްކާވެސް ކުރެވިދާނެ ކަމަށެވެ.
ޒަރޫރީ ބޭނުންތަކަށް ދޭ އިނާޔަތްތައް އެންމެ މިނިިމަމް ވޭޖުގެ ތެރޭގައި ހިމެނުމަކީ ހަމައެއް ނޫން ކަމަށާއި، މިނިމަމް ވޭޖުގެ ތެރޭގައި ކެއުމާއި އެކޮމަޑޭޝަން ހިމެނުމަކީ މަސައްކަތްތެރިން އެދޭ ގޮތް ނޫން ކަމަށް ވެސް އާދަމް ޝަރީފު ވަނީ ވިދާޅުވެފަ އެވެ. އަދިި ވަނީ މަސައްކަތް ތެރިންގެ ހައްގުތަށް ކަށަވަރުކޮށް ދިނުމަށް އެދި ސަރުކާރަށް ގޮވާލައިފަ އެވެ.