ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ނަން ފަތުހުﷲ ޖަމީލްގެ ނަމަށް ބަދަލުކުރުމަކީ އެންމެ ރަނގަޅު ނިންމެވުން ކަމަށް ކުރީގެ ރައީސް، ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ފޮރިން މިނިސްޓްރީ ޗައިނާ ސަރުކާރުގެ އެހީގައި އަލުން އިމާރަތްކުރުމަށް ފަހު މިއަދު ވަނީ ކުރީގެ ފޮރިން މިނިސްޓަރު ފަތުހުﷲ އަށް ނިސްބަތްކޮށް މިއަދު ވަނީ އަލުން ހުޅުވައިފަ އެވެ.

ފަތުހުﷲއަކީ ރާއްޖޭގެ ހާރިޖީ ސިޔާސަތު ބިނާކުރެއްވުމުގައި އަދި ކުދި ގައުމުތަކަށް ބައިނަލްއަގުވާމީ އާއިލާގައި މަތިވެރި ދައުރެއް އަދާކުރުމަށް ގިނަ ފުރުސަތުތަކެއް ހޯއްދަވައިދެއްވި އިލްމުވެރި، ފިލޯސަފަރެއް ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

"ރާއްޖޭގެ ހާރިޖީ އޮފީސްގެ ނަން މިހާރު އެ ވަނީ އެންމެ ރަނގަޅަށް ބަދަލުވެފައި،" ނަޝީދު ވިދާޅުވި އެވެ.

ފޮރިން މިނިސްޓްރީގެ އިމާރާތް، ޗައިނާގެ ހިލޭ އެހީގައި މަރާމާތު ކުރުމަށް ފަހު އަލުން މިއަދު ހުޅުވީ "ފަތުހުﷲ ޖަމީލް ބިލްޑިންގް"ގެ ނަމަށް ނަން ބަދަލުކުރުމަށް ފަހުގަ އެވެ.

ފަތުހުﷲ އަކީ ރާއްޖެ އަށް މިނިވަންކަން ލިބުނު ފަހުން އެންމެ ގިނަ ދުވަހު ހާރިޖީ ވަޒީރުކަން ކުރެއްވި ބޭފުޅާ އެވެ. ފޮރިން މިނިސްޓްރީގެ އެކި މަގާމުތަކުގައި މެދުކެނޑުމެއް ނެތި 27 އަހަރު ހިދުމަތްކުރެއްވި އެވެ.

ފަތުހުﷲ، މިސްރުގެ އަޒްހަރު ޔުނިވާސިޓީން ތައުލީމު ހާސިލުކުރައްވައި، އެމެރިކާގެ ނިއު ޔޯކުގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގެ މަންދޫބުކަން ވެސް ކުރައްވަމުން ގެންދަވަނިކޮށް، ރާއްޖޭގެ ފޮރިން މިސްޓަރު ކަމަށް ފަތުހުﷲ އައްޔަން ކުރެއްވީ 1978 ވަނަ އަހަރު އެވެ. އެ މަގާމުގައި 2005 ވަނަ އަހަރުގެ ނިޔަލަށް އޭނާ ހުންނެވި އެވެ.

އުމުރުފުޅުން 69 އަހަރުގައި ފަތުހުﷲ ޖަމީލް އަވަހާރަވީ ހިތުގެ އާލަސްކަންފުޅެއްގައި ސިންގަޕޫރުގައި ފަރުވާކުރައްވަމުން އަންނަނިކޮށް، މާޗު 1، 2012 ގަ އެވެ.