ޖޮހަނަސްބާގް (14 ޖުލައި) - ސައުތު އެފްރިކާގެ ޖޮހަނަސްބާގްގައި ހިނގަމުން އަންނަ ދާޚިލީ ހަމަނުޖެހުންތަކުގެ ސަބަބުން އެ ގައުމުގެ ވިޔަފާރިތަކަށް ނޭދެވޭ އަސަރު ކުރަމުންދާ ކަމަށް ވިޔަފާރިވެރިން ބުނެފި އެވެ.

ސައުތު އެފްރިކާގެ ކާރު އުފައްދާ ކުންފުންޏެއްގެ ވެރިއެއް ކަމަށްވާ އޮކޭ އުޗެންޑޫއަކީ މި ހަމަނުޖެހުންތަކުގެ ސަބަބުން ވިޔަފާރިއަށް އަސަރުކޮށްފައިވާ މީހެކެވެ.

ކޮވިޑް -19ގެ ސަބަބުން ވިޔަފާރިތަކަށް ލޮޅުން އަރާފައިވާ ދަނޑިވަޅެއްގައި މިހާރު ކުރިއަށްދާ ހަމަނުޖެހުންތަކުގައި ވެސް އޭނާގެ ވިޔަފާރިއަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

އެ ގޮތުން އޭނާގެ ފިހާރައިގައި ހުޅުޖެހުމުގެ އިތުރުން ހަމަނުޖެހުންތަކުގައި އެހެނިހެން ގެއްލުންތަކެއް ވެސް ވަނީ އޭނާގެ ވިޔަފާރިއަށް ކޮށްފަ އެވެ.

"އަހަރެން މި ހުރީ ބަސްހުއްޓިފައި. މިކަމުގެ ސަބަބުން އަހަރެންގެ މުޅި ދިރިއުޅުމަށް އަސަރުކޮށްފި،" 45 އަހަރުގެ އުޗެންޑޫ ބުންޏެވެ.

ވިޔަފާރިތަކުގައި ޖެހި ހުޅުގަނޑުގައި އަނދައި އަޅިއަށްވި މުދާތަކުގެ ތެރޭގައި އެންމެ ފަހުން ނެރުނު ކާރުގެ މޮޑެލްތައް ވެސް ހިމެނޭނެ ކަމަށާއި އަލުން ވިޔަފާރި ފަށައިގަތުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

މިހާ ހިސާބަށް އައިއިރު 200 އަށް ވުރެ ގިނަ މޯލް އެ ގައުމުގައި ލޫޓުވާފައިވާއިރު، ކުޑަ އަދި މެދުފަންތީގެ 600 އަށްވުރެ ގިނަ ފިހާރަތަކަށް ވަނީ އެކުވަރުގެ ގެއްލުންތައް ލިބިފަ އެވެ.

މިކަންކަމާމެދު ސައުތު އެފްރިކާގެ ވިޔަފާރި ވެރިންނާއި އަމިއްލަ ޖަމާއަތްތަކުގެ މީހުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. -- ރޮއިޓާސް