އޮސްޓްރޭލިއާގެ ޕާތުގައި ހުރި ހޮޓަލެއްގައި ކަރަންޓީނުވެގެން ހުރި މީހަކު އެ ހޮޓަލުގެ ބެޑުޝީޓުތަކެއް ބޭނުން ކޮށްގެން ކަރަންޓީނުން ފިލައިފި އެވެ.
އިއްޔެ ހިނގި މި ހާދިސާގައި އެ މީހާ ފިލާފައިވަނީ ހަތަރު ބެޑްޝީޓް އެކަތި އަނެކައްޗާ ގުޅުވައި، އެ ހޮޓަލުގެ ހަތަރުވަނަ ފަންގިފިލާގެ ކުޑަދޮރުން ބޭރަށް ބެޑުޝީޓްތައް ވައްޓާލައި އޭގައި އެލިގެން ތިރިއަށް ފައިބައިގެންނެވެ.
މި މީހާ ޕާތަށް ދިޔައީ އެ ގައުމުގެ ބްރިޒްބަންއިން ފުރައިގެންނެވެ. ނަމަވެސް ބްރިޒްބަންއަކީ ކޮވިޑް-19 ފެތުރިފައިވާ ސަރަހައްދަކަށް ވާތީ އެ މީހާއަށް ޕާތަށް އެތެރެވުން މަނާކުރި އެވެ. އަދި 48 ގަޑިއިރު ތެރޭގައި ޕާތުން ބޭރުވުމަށް އަމުރުކޮށް އެ ސަރަހައްދުގެ ހޮޓަލެއްގައި ވަގުތީ ގޮތުން ހުރީ ކަރަންޓީނު ކޮށްފަ އެވެ.
ނަމަވެސް އޭގެ ކުޑައިރުކޮޅެއް ފަހުން އޭނާ ވަނީ ކަރަންޓީނުން ފިލައި އާއްމުންގެ ތެރެއަށް ނުކުމެފަ އެވެ. ފުލުހުން ވަނީ ހޮޓަލުން ނުކުތުމަށް އޭނާ ބޭނުންކުރި ބެޑްޝީޓްތަކުގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާއްމުކޮށްފަ އެވެ.
ފުލުހުން ވަނީ އެ މީހާ ފިލިތާ 8 ގަޑިއިރު ތެރޭގައި ހައްޔަރުކޮށްފަ އެވެ. އޭނާގެ ވަނަވަރު ފުލުހުން ހާމަކޮށްފައި ނުވާއިރު އޭނާއަކީ 39 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާ ވަނީ ކޮވިޑަށް ނެގެޓިވްވެފައި ކަމަށް ފުލުހުން ބުންޏެވެ.
އޮސްޓްރޭލިއާއަކީ ކޮވިޑް ކޭސްތައް މުޅި ދުނިޔޭގައި ވެސް އެންމެ މަދުން ފެނުނު އެއް ގައުމަށް ވީއިރު، ސަރުކާރުން އަންނަނީ ބަލި ފެތުރުނަ ނުދޭން ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ.