މާލޭގެ އާޓިފިޝަލް ބީޗުގައި އުޅޭ ކުކުޅުތަކެއް ފުލުހުން ކަތިލި ކަމަށް ބުނާ މައްސަލައެއް ގޯސްވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި އާޓިފިޝަލް ބީޗުގައި ދިރިއުޅޭ ކުކުޅުތަކެއް ފުލުހުން އެ ކުކުޅުތައް ހިފާ ކަތިލި މައްސަލަ ފެންމަތިވެފައި ވަނީ އީދު ދުވަހުގެ ރޭގެ ވަގުތުގަ އެވެ. ކުކުޅުތައް ފަހާ ދުވެ ހިފި މަންޒަރު ގިނަ ބަޔަކަށް ފެނިފައިވާ އިރު ފުލުހުން ތިބީ އެ ވަގުތު ޔުނީފޯމުގައި ކަމަށްވެ އެވެ.

މިކަމާ ގުޅިގެން ގިނަ ބަޔަކު ފާޑުކިޔަމުންދާއިރު ފުލުހުން މިއަދު ބުނެފައި ވަނީ އެފަދަ މައްސަލައެއް އިއްޔެ ހެނދުނު 8:05 ހާއިރު ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އަދި އެމައްސަލާގައި މިހާތަނަށް ބެލިބެލުމުގައި ފުލުހުން ޝާމިލްވެފައިނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިމައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި ކުކުޅުތަކަކީ ކުޑަ ހެންވޭރު ދަނޑު ސަރަހައްދުގައި އާންމުކޮށް އުޅޭ ކުކުޅުތަކެވެ. އަދި އެ ސަރަހައްދަށް ދާ ކުޑަކުދިން އެ ކުކުޅުތަކަށް ކާންދީ ހަދަ އެވެ. އެސަރަހައްދުގައި ކުކުޅު ފަހާ ނުދުވުމަށް ބުނެ ބޯޑެއް ވެސް ބަހައްޓާފައި ވެސް ހުރެ އެވެ.