ޓޯކިޔޯ (23 ޖުލައި) ކުލަގަދަ ރަސްމިއްޔާތަކާއެކު މި އަހަރުގެ އޮލިމްޕިކްސް ކުޅިވަރު މުބާރާތް ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި މިއަދު ފަށައިގެން ކުރިއަށް އެބަދެ އެވެ.

ދިގު 57 އަހަރަށް ފަހު ޖަޕާނުގައި އޮލިމްޕިކްސް ބާއްވާއިރު އެ ގައުމުން ވަނީ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ވަރަށް ކުލަގަދަކޮށް ފާހަގަ ކޮށްފަ އެވެ. ނަމަވެސް ކޮވިޑް -19 އާ ގުޅިގެން 68،000 މީހުންގެ ޖާގައިގެ ޓޯކިޔޯ އޮލިމްޕިކް ސްޓޭޑިއަމްގައި ބޭއްވި އެ ރަސްމިއްޔާތުގައި ގިނައިން ފެނުނީ ހުސް ގޮނޑިތަކެވެ.

ތާރީޙުގައި ފުރަތަމަ ފަހަރަށް އޮލިމްޕިކްސް ޕެންޑަމިކްގެ ސަބަބުން ފަސް ކުރެވިފައިވާއިރު ޖަޕާނުން އެ މުބާރާތަށް ވަމުން އައި ތައްޔާރީތަކަށް ވެސް މިކަމުގެ ސަބަބުން ބުރޫއަރާފަ އެވެ.

މި ބަލިމަޑުކަމުގެ ސަބަބުން ސަޕޯޓަރުން ސްޓޭޑިއަމްއަށް ވަނުން މުބާރާތުގެ ހިންގާ ކޮމެޓީން މަނާކޮށްފައިވީއިރު، އެހެން އަހަރުތަކުގައި ބާރުބޮޑުކޮށް ފެންނަ އޮލިމްޕިކްސް ފެށުމުގެ ރަސްމިއްޔާތާއި ކުޅިވަރު ހަރަކާތްތައް މިފަހަރު އޮތީ ފަޅުކޮށެވެ.

ޖަޕާނުގެ ރަސްގެފާނު ނަރުހީޓޯ ރަސްމީކޮށް މި އަހަރުގެ އޮލިމްޕިކްސް ފަށައިދިން އިރު، މިފަހަރު އެ މުބާރާތުގެ ދަންމަރު ރޯކުރީ ޓެނިސް ކުޅުންތެރިޔާ ނައޯމީ އޮސާކާ އެވެ.

އޮލިމްޕިކްގެ ކުޅިވަރުތައް ފަށައިގެން ކުރިއަށްދާއިރު އަންނަ މަހުގެ 8 ވަނަ ދުވަހާ ހަމައަށް ތަފާތު ކުޅިވަރުތަކުގައި އެކި ގައުމުތަކުން ބައިވެރިވާނެ އެވެ.

މިއަހަރުގެ އޮލިމްޕިކްސްގައި ރާއްޖެއިން ވެސް ބައިވެރިވެ އެވެ، ފެށުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލާފައި ވަނީ ބެޑްމިންޓަން ތަރި އައިމިނަތު ނަބާހާ އެވެ.