އަބޫދާބީ (02 އޮގަސްޓް) - ޗައިނާއިން ކޮވިޑަށް އުފެއްދި ވެކްސިންއެއް ކަމަށްވާ ސިނޮފާމް ވެކްސިން ޔޫއޭއީގެ 3- 17 އަހަރާ ދެމެދުގެ ކުޑަކުދިންނަށް ދޭން ފަށާފައިވާ ކަމަށް އެ ގައުމުގެ ނެޝަނަލް އެމަޖެންސީ ކްރައިސިސް އެންޑް ޑިޒާސްޓާ މެނޭޖްމަންޓްއިން ބުނެފި އެވެ.

މި ނިންމުން ނިންމާފައިވަނީ ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދެވުނު ކްލިނިކަލް ޓްރަޔަލްތަކަކަށް ފަހު، ބަލާ މިންގަނޑުތަކަށް ފެތޭތީ ކަމަށް އެ އިދާރާއިން ބުނެފައިވެ އެވެ.

މިދިޔަ ޖޫންމަހު އެ އުމުރުފުރާގެ ކުދިންގެ މެދުގައި ސިނޮފާމް ވެކްސިން ޖެހުމުގެ ކްލިނިކަލް ޓްރަޔަލްތަކެއް ވަނީ ފަށައިފަ އެވެ. މި ޓްރަޔަލްތަކުގައި 900 ކުދިންގެ ދިފާއީ ނިޒާމަށް މި ވެކްސިންގެ ސަބަބުން އަންނަ ބަދަލުތައް ދިރާސާ ކުރެވުނެވެ.

މި ޓްރަޔަލްތަކުގައި އެ ގައުމުގެ ވެރިކަންކުރާ ޝާހީ އާއިލާގެ ބައެއް ކުޑަކުދިން ވެސް ބައިވެރިވެފައިވާ ކަމަށް ނޫސްތަކުން ބުނެ އެވެ.

މީގެ ކުރިން ޔޫއޭއީން ވަނީ 15-12 އަހަރާ ދެމެދުގެ ކުދިންނަށް ބައޯންޓެކްގެ ފައިޒާ ވެކްސިން ދިނުން ހުއްދަ ކޮށްފަ ޖޫން މަހުގެ ތެރޭގައި އެ އުމުރުފުރާއަށް ވެކްސިން ދޭން ފަށާފަ އެވެ.

މިދިޔަ ހޯމަ ދުވަހު އެ ގައުމުން ބުނިގޮތުގައި އާބާދީގެ 78.5 ޕަސެންޓް މީހުންނަށް ވަނީ މަދުވެގެން ކޮވިޑް ވެކްސިންގެ އެއް ޑޯޒްދީފަ އެވެ. -- އަލް އަރަބިއްޔާ