ފުވައްމުލަކުގެ ކަރަންޓު ނެޓްވޯކަށް ދިމާވި މައްސަލަ ހައްލުކުރުމަށްފަހު، ތިން ދުވަސް ފަހުން އެ ރަށަށް ކުރިއެކޭ ވެސް އެއްގޮތަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދީފި އެވެ.

ފުވައްމުލަކު މޭޔަރު އިސްމާއިލް ރަފީގު މިރޭ ވިދާޅުވީ އެ ރަށަށް ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްފަހު މިއަދު ހަވީރު އަލުން ކަރަންޓު ދީފައިވާ ކަމަށެވެ.

"އައްޑޫން ފޯމަރެއް ގެނެސް އިންސްޓޯލްކޮށްގެން އަލުން ކަރަންޓު މި ދިނީ. މިހާރު މުޅި ރަށަށް އަލުން ދާއިމީ ކަރަންޓު ދީފައިވަނީ،" އޭނާ ވިދާޅުވި އެވެ.

އިސްމާއިލް ވިދާޅުވީ މިދިޔަ ހޯމަ ދުވަހު ހެނދުނު އެ ރަށުން ކަރަންޓު ކެނޑުނީ އިންޖީނުގޭގައި ހުރި 2،500 ކޭވީއޭގެ ޓްރާންސްފޯމަރެއް އޯވާލޯޑުވެގެން ކަމަށެވެ. އެ މައްސަލައާ ގުޅިގެން އެ ރަށުގެ ގާތްގަނޑަކަށް 80 ޕަސެންޓަށް ފެނާއި ކަރަންޓުގެ ޚިދުމަތަށް ބުރޫ އެރި އެވެ. ނަމަވެސް އެ ދުވަހު އެކަމަށް ވަގުތީ ހައްލެއް ހޯދުމަށްފަހު ފުވައްމުލަކުގެ އެކި ސަރަޙައްދުތަކަށް ފެނަކައިން ވަނީ ކަރަންޓު ފޯރުކޮށްދީފަ އެވެ.

މޭޔަރު އިސްމާއިލް ވިދާޅުވީ އެ ރަށުގެ ކަރަންޓަށް ދިމާވި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން އައްޑޫން ގެންދިޔަ 4،500 ކޭވީއޭގެ ޓްރާންސްފޯމަރެއް އިންސްޓޯލްކުރުމަށްފަހު މުޅި ރަށަށް މިއަދު ކަރަންޓް ދީފައިވާ ކަމަށެވެ.