ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރާ ވެންޓިލޭޓަރުތައް ގެންނަނީ އާންމު އުސޫލުތަކާ ޚިލާފަށް ވަކި ބައެއްގެ އަތުން ކަމަށާއި މިގޮތުން ތަކެތި ނުލިބެނީސް އެޑްވާންސް ފައިސާ ދައްކާފައިވާ ކަމަށާއި، އަދި ވެންޓިލޭޓަރުތައް ގެންނަން ޑުބާއީގެ ކުންފުންޏަކަށް ވެސް އެޑްވާންސްކޮށް ފައިސާ ދައްކާފައިވާކަމަށް ބުނާ މައްސަލާގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ އިތުރުން 10 ބޭފުޅެއްގެ މައްޗަށް ދައުވާކުރުމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އެ ކޮމިޝަނުން ބުނީ އެޕްރީލް 14ގައި ކޮމިޝަނުގެ އަމިއްލަ އިސްނެގުމަށް ތަހުގީގު ފެށި އެ މައްސަލަ ނިމިފައިވަނީ އިއްޔެ ކަމަށެވެ.

"މި މައްސަލައަކީ، މި ކޮމިޝަނުން ޚާއްޞަ އިސްކަމެއް ދީގެން، އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށްފައިވާ މައްސަލައެއް. އެގޮތުން، މި މައްސަލަ ތަހުގީގުކުރުމަށްޓަކައި ކޮމިޝަންގެ ތެރެއިން ހަތަރު އިންވެސްޓިގޭޓަރުން ހިމެނޭ ޚާއްސަ ތަހުގީގު ޓީމެއް އެކުލަވާލައިގެން، ތަހުގީގު ކުރިއަށް ގެންގޮސްފައިވާއިރު، 22 އޮގަސްޓުން ފެށިގެން ޖޮއިންޓް އިންވެސްޓިގޭޝަންގެ ދަށުން، މޯލްޑިވްސް ޕޮލިސް ސާވިސްގެ ތިން އިންވެސްޓިގޭޓަރުން މި މައްސަލަ ތަހުގީގުގެ މަސައްކަތުގައި ބައިވެރިވެފައިވޭ،" އެ ކޮމިޝަނުން ބުންޏެވެ.

އެ ކޮމިޝަނުން މި މައްސަލައަކީ މި ކޮމިޝަނުން މިހާތަނަށް ތަހުގީގުކުރި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކަށްބަލާއިރު ނިސްބަތުން އެންމެބޮޑު އެއް މައްސަލަ ކަމަށްވީ ނަމަވެސް، އެންމެ އަވަހަށް ތަހުގީގުކޮށް ނިންމާފައިވާ މައްސަލަކަން ފާހަގަކުރާ ކަމަށެވެ. އަދި މިމައްސަލަ ތަހުގީގުކުރުމުގައި ތަހުގީގު ޓީމުން ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، ތަހުގީގަށް ބޭނުންވާ މައުލޫމާތާއި ލިޔެކިޔުންތައް ހޯދުމަށްޓަކައި ދަޢުލަތު އިދާރާތައް ހިމެނޭހެން، ތަފާތު 8 އިދާރާއަކުން މައޫލުމާތު އެއްކުރި ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އޭސީސީން ބުނީ މި މައްސަލައާ ގުޅިގެން، ޖުމްލަ 1،600 ޑޮކިއުމެންޓަކާއި، 500 އީމެއިލް ބެކަޕް ތަހުގީގު ޓީމުން ދިރާސާކޮށް އެނެލައިޒްކޮށްފައިވާ ކަމަށެވެ. މީގެތެރޭގައި، މި މައްސަލައާ ގުޅުންހުރި އެކި ފަރާތްތަކުގެ ގިނަ އަދަދެއްގެ ބޭންކް އެކައުންޓްތަކާ ގުޅޭ މަޢުލޫމާތު ހިމެނޭ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. މީގެއިތުރުން، މި މައްސަލައާ ގުޅުންހުރި ފަރާތްތަކުގެ ޖުމްލަ 36 ބަޔާނެއް އެ ކޮމިޝަނުން ނަގާފައިވެ އެވެ.

އޭސީސީން ބުނީ އެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންގޮސްފައިވަނީ ކޮވިޑް-19 އާ ގުޅިގެން މާލެ ފުރަބަންދު ޙާލަތުގައި އޮތް ދުވަސްވަރުގައި ކަމަށްވާތީ އާއި، އަދި އޭގެފަހުން އައު އާންމު ޙާލަތުގައި ތަހުގީގުގެ މަސައްކަތް ކުރިއަށް ގެންދަންޖެހުމަކީ، މިމައްސަލަ ތަހުގީގުގައި އެ ކޮމިޝަނަށް ދިމާވި ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އެގޮތުން، އެ މައްސަލައާ ގުޅިގެން ހޯދަންޖެހޭ ހެއްކާ ގަރީނާ ހޯދުމުގައި ދައުލަތުގެ ބައެއް އިދާރާތަކުގެ ލިޔެކިޔުންތައް ބަލަންޖެހުމާއި، ތަހުގީގަށް ހާޒިރު ކުރުމަށް ބޭނުންވާ ފަރާތްތައް ތަހުގީގަށް ހާޒިރުކޮށް ބަޔާންނެގުމުގައި އެ ކޮމިޝަނަށް ވަރަށްބޮޑު ދަތިތަކާ ކުރިމަތިލާން ޖެހުނު ކަމަށް ވެސް ބުނެފައިވެ އެވެ.

އެ މައްސަލާގައި މިނިސްޓަރު އަމީންގެ އިތުރުން ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދާއިި ޑެޕިއުޓީ މިނިސްޓަރު ޝިޔާމާ މުހައްމަދުގެ މައްޗަށް ވެސް ދައުވާކުރަން ފޮނުވާފައިވެ އެވެ.